އެސްޓީއޯ އިން ރާއްޖެ އަށް އެތެރެކުރާ ކާޑުގެ ބާވަތްތައް އަގު ހެޔޮކޮށް ވިއްކުމުން މިދިޔަ އަހަރު 324 މިލިއަން ރުފިޔާ ގެއްލުންވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ މިދިޔަ އަހަރުގެ ރިޕޯޓުގައިވާ ގޮތުން ކާޑުގެ ބާވަތްތައް އަގުހެޔޮކޮށް ވިއްކުމުން އެސްޓީއޯ އަށް ގެއްލުންވި 324 މިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި އެ ކުންފުންޏަށް ދެވިފައިނުވާ ކަމަށެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ އެ ކުންފުނިން ސަރުކާރުގެ އެކި އިދާރާތަކަށާއި ހެލްތު ކޯޕަރޭޝަންތަކަށް ފޯރުކޮށްދީފައިވާ މެޑިކަލް ކޮންސިއުމަބްލްސް އަށާއި ފިއުލް ސަޕްލައިސް މެދުވެރިކޮށް ޔުޓިލިޓީ ކުންފުނިތަކަށް ދޫކޮށްފައިވާ ތެލަށްވާ ފައިސާ ނުލިބުމުގެ ސަބަބުން ކުންފުނީގެ މާލީ ހާލަތު ދަށްވެ ކޭޝްފްލޯގެ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އެސްޓީއޯ އަށް ސަރުކާރުން ލިބެން ޖެހޭ ގާތްގަނޑަކަށް 600 މިލިއަނެއްހާ ރުފިޔާ ނުލިބި އޮތުމުގެ ސަބަބުން، އެ ކުންފުނީގެ ކޭޝްފްލޯ ތާށިވެ ރާއްޖެ އަށް ތެޔޮ ގެނައުމަށް ބޭނުންވާ ފައިސާ މުޅިން ހަމަނު ޖެހޭ ކަމަށް މިދިޔަ ހޮނިހިރު ދުވަހު ބުނެފައިވެ އެވެ. އަދި އެ ކުންފުންޏަށް ސަރުކާރުން ލިބެން ޖެހޭ ފައިސާ ލިބިފައި ނުވާތީ، މިދިޔަ ކުއާޓަރުގައި ލިބުނު ފައިދާ ޕްރޮވިޝަނަށް ހެދުމުން 19.7 މިލިއަން ރުފިޔާ ގެއްލުންވެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް ލިބުނު ގެއްލުން އެޖެސްޓްކުރުމަށް އެ ކުންފުނީގެ ހެޑް އޮފީސް ހިންގާ ބިން ސަރުކާރުން ވިއްކަން ޑިސެމްބަރު 2012،25ގައި ވަޒީރުންގެ މަޖިލީހުން ނިންމި ކަމަށެވެ. އެގޮތުން އެ އިމާރާތް ހިންގާ 27،224.5 އަކަފުޓޫގެ ބިން އަކަފޫޓަކަށް 6،000ރ. ގެ ރޭޓުން ވިއްކަން އެ ކުންފުނީގެ ބޯޑުންނާއި ޕްރައިވެޓައިޒޭޝަން ބޯޑުން ނިންމާފައިވީ ނަމަވެސް ގާނޫނީ މައްސަލަތަކެއް ކުރިމަތިވެގެން މަޑުޖެހިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި ވަނީ އެ ކުންފުންޏަށް އެ ބިން ވިއްކުމަށް އެޓާނީ ޖެނެރަލްގެ ގާނޫނީ ލަފާ ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވީ އެ ކުންފުނީގެ ހެޑް އޮފީސް ހިންގާ ބިން ސަރުކާރުން ވިއްކޭނެ އުސޫލެއް ނެތް ކަމަށް ބަންޑާރަ ނައިބު މިހާރު ލަފާދީފައިވާ ކަމަށެވެ.

"ކޯޓުން ކޮށްފައިވާ ހުކުމަކާ ގުޅިގެން އެކަން އެގޮތަށް ކުރެވެން ނެތް ކަމަށް ބަންޑާރަ ނައިބު ލަފާދީފައި ވަނީ. އެހެންވެ އެކަން ވަނީ ހުއްޓާލާފައި،" އޭނާ ވިދާޅުވި އެވެ.

ފިނޭންސް އިން ބުނީ އެސްޓީއޯ އަށް ގިނަ އަދަދެއްގެ ފައިސާ ސަރުކާރުން ދައްކަން ހުރުމުން، އެ ކުންފުނީގެ 2011 ވަނަ އަހަރުގެ ފައިދާ އިން މިދިޔަ އަހަރު ސަރުކާރަށް ދެއްކޭނެ ކަމަށް ލަފާކުރި 38.6 މިލިއަން ރުފިޔާ ދެއްކެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ.