04 Nov 2013, 13:38
ބަނގުރޫޓްވެގެން ހުއްޓާލާފައިވާ ރާއްޖޭގެ ގައުމީ ޝިޕިން ލައިންގެ ސިންގަޕޫރު ކުންފުނިން ގަނެފައި ހުރި ދެ ފްލެޓް 3.2 މިލިއަން ސިންގަޕޫރު ޑޮލަރު (40 މިލިއަން ރުފިޔާ) ވިއްކާލައި އެ ކުންފުނީގެ ދަރަނިތައް ހަލާސްކޮށްފި އެވެ.
އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ ސިންގަޕޫރުގެ އިންޓަނޭޝަނަލް ޕްލާޒާގައި ހުރި ފްލެޓް ވިއްކާލީ ގާތްގަނޑަކަށް 1.3 މިލިއަން ސިންގަޕޫރު ޑޮލަރަށް ކަމަށެވެ. އަދި ޑްރެގަން މެންޝަންގައި ހުރި ފްލެޓް 1.9 މިލިއަން ޑޮލަރަށް ވިއްކާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްއެންއެސްއެލްގެ ސިންގަޕޫރު ކުންފުނީގެ އެއްވެސް ދަރަންޏެއް މިހާރު ނޯންނާނެ. އެތަނުގެ ކްރެޑިޓަރުންނަށް ދައްކަން އޮތް 2.5 މިލިއަން ޑޮލަރު ދައްކާ ނިންމާފައިވާނެ. އަދި އެތަނުގައި ތިބި މުވައްޒަފުންނަށް ދޭން ޖެހޭ ފައިސާއެއް ވެސް ދައްކާ ނިންމާފައި ވާނީ. މިހާރު ދަނީ އެ ތަނުގައި އުފައްދާފައިވާ ކުންފުނި އުވާލުމުގެ މަސައްކަތް ކުރަމުން،" އެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްއެންއެސްއެލް އިން ގަނެފައިވާ އެމްޓީސީސީގެ 18،700 ހިއްސާ އާއި ދިރާގުން ގަނެފައިވާ 6،000 ހިއްސާ ހަމަ އަގުގައި ވިއްކުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"އެމްޓީސީސީގެ ފައިދާ ދައްކަމުން އެ ހިއްސާތައް ނުވިކި އޮތީ. އެކަމަކު މިހާރު އެ ކުންފުނީގެ ހާލަތު ރަނގަޅުވެފައިވާތީ ހިއްސާ ވިއްކިދާނެ ކަމަށް މިހާރު ލަފާކުރެވޭ. އަދި ދިރާގުގެ ހިއްސާ ވެސް ވިއްކާލެވޭނެ ކަމުގެ އުއްމީދު އެބައޮތް،" އެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްއެންއެސްއެލް އުވާލުމުގެ މަސައްކަތްކުރާއިރު ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ 1.6 މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ނުދެއްކި އެބައޮތް ކަމަށެވެ. އަދި އެމްޕީއެލް އަށާއި ފިއުލް ސަޕްލައިސްއަށް ދައްކަން ޖެހޭ 60،000 ޑޮލަރު އެބައޮތް ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު މިދަނީ އެ ފައިސާތައް ދައްކައި ހަލާސްކުރަމުން. ވަރަށް ކުޑަ އަދަދެއް ނުދެއްކި ބާކީ އޮތީ. އަދި މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑުގައި ހުރި ފައިސާގެ ތެރެއިން 90 ޕަސެންޓް މިހާރު ވަނީ ދައްކާ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނި އުވާލުމުގެ މަސައްކަތް ވީހާ އަވަހަކަށް ނިންމުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.