02 Dec 2010, 08:15
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ކުންފުނި، ޖީއެމްއާރަށް ކުއްޔަށް ދިންތާ ހަފުތާއެއް ނުވަނީސް، ލެފްޓް ބެގޭޖު، ނޫނީ ވަގުތީ ގޮތުން ބަހައްޓާލާ ފޮއްޓަށް ނަގާ ފީ އެވްރޭޖުކޮށް 80 ޕަސެންޓް ބޮޑުކޮށްފި އެވެ.
ޖީއެމްއާރުގެ ބެގޭޖު ސާވިސްގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ބުނީ ބެގޭޖު ސާވިސްގެ ރޭޓްތަކަށް ގެނެސްފައިވާ ބަދަލުތަކުގައިވާ ގޮތުން ކުރިން ކުޑަ ލަގޭޖަކަށް، 24 ގަޑިއިރަށް ޗާޖު ކުރި ތިން ޑޮލަރުގެ ބަދަލުގައި މިއަދުން ފެށިގެން ޗާޖުކުރާނީ ފަސް ޑޮލަރު ކަމަށެވެ. އަދި ކުރިން ބޮޑު ދާގީނާއަކަށް ޗާޖުކުރި ފަސް ޑޮލަރުގެ ބަދަލުގައި މިއަދުން ފެށިގެން ޗާޖު ކުރާނީ ދެ ގުނަ ބޮޑުކޮށް، 10 ޑޮލަރު ކަމަށެވެ.
ބެގޭޖު ސާވިސްގެ އަގު ބޮޑު ކުރި ސަބަބާ ބެހޭ ގޮތުން ޖީއެމްއާރުގެ އިސް އޮފިޝަލަކާ ގުޅުމުން، އެ މައުލޫމާތު ސާފުކުރުމަށް ދިއްލީ އަށް ގުޅުމަށް ވިދާޅުވުމުން އެ ކުންފުނީގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ރާއްޖެ އޮޕަރޭޓް ކުރާ އެއާލައިންތަކުގެ ކޮމެޓީ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް، މިއަދު ބުނީ ލެފްޓް ބެގޭޖު ސާވިސްގެ ރޭޓްތަކަށް ކުއްލި ބަދަލެއް ގެނައުމުން ވަރަށް ބޮޑަށް ހައިރާންވި ކަމަށާއި އެއީ އެއްވެސް ޒިންމާދާރުކަމެއް ނެތް އަމިއްލަ އެދުން އިސްކޮށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި ކުރީގެ ރޭޓްތަކަށް އަނބުރާ އިޔާދަ ކުރުމަށް ވެސް އޭނާ ގޮވައިލެއްވި އެވެ.
އެއާޕޯޓް ހިންގަން ޖީއެމްއާރަށް ކުއްޔަށް ދިނީ 25 އަހަރަށެވެ.