04 Nov 2013, 13:05
އިނގިރޭސި ވިލާތުގެ ތޮމްސަން އެއާވޭސް އިން އޮޕަރޭޓްކުރާ ބޮއިން ކުންފުނީގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ "ޑްރީމްލައިނާ 787" ގެ ދަތުރުތައް ރާއްޖެއަށް އަލަށް ފަށައިފި އެވެ.
ރާއްޖެއަށް ފުރަތަމަ ފަހަރަށް އައި ޑްރީމްލައިނާ 787 ގެ ފްލައިޓް، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ޖައްސާފައި ވަނީ މިއަދު ހެނދުނު 10:00ގަ އެވެ. އެ ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން އެމްއޭސީއެލްގެ ވެރިން ވަނީ އެ ފްލައިޓްގެ ކުރޫންނާއި ކެޕްޓަނުންނާއެކު ހާއްސަ ހަފްލާއެއް އެއާޕޯޓްގެ ވީއައިޕީ ލައުންޖުގައި ބާއްވާފަ އެވެ. އެ ހަފްލާގައި ބައެއް ކިޔަވާ ކުދިން ބައިވެވިވިއިރު ހާއްސަ ކޭކެއް ފެޅުން ވެސް އޮތެވެ.
ޑްރީމްލައިނާ 787 އަކީ އެހެން ފްލައިޓްތަކަށް ވުރެ ލުއި އަދި ތެލުގެ ހަރަދު ކުޑަ މަތިންދާ ބޯޓެކެވެ. އެބޯޓްގައި އިކޮނޮމީ ކްލާހުގައި 244 ގޮނޑި އާއި ޕްރިމިއަމް ކްލާހުގައި 47 ގޮނޑި ހުރެއެވެ. އަދި އެފްލައިޓް ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖެއާއި ލަންޑަނާ ދޭތެރޭގަ އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހީމް ސަލީމު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ފްލައިޓްގެ ދަތުރުތައް ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު މާލެ އާއި ލަންޑަނާ ދޭތެރޭ ދަތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިއީ ދިވެހިންނަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.
"ހަފްތާއަކު އެއްފަހަރު މި އެއާކުރާފްޓް އަންނާނެ. މި ބޯޓުގައި ރާއްޖެއިން މަސް އެކުސްޕޯޓްކުރެވޭނެ. ހާއްސަކޮށް މަސް އެކުސްޕޯޓްކުރާ ފަރާތްތަކަށް ވަރަށް ހާއްސަ ފުރުސަތެއް މިއީ،" ބަންދު ސަލީމް ވިދާޅުވި އެވެ.
ތޮމްސަން ޑޮމެސްޓިކް ޓުއާ އޮޕަރޭޓާ ވޮޔެޖާސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ ސޮލާހު ޝިހާބް ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މިއީ ޗާޓާ ފުލައިޓެއް ނަމަވެސް އާންމުކޮށް ޓިކެޓް ނުވިއްކުނު ނަމަވެސް ކިޔަވާ ކުދިންނާއި ބޭސް ފަރުވާއަށް ލަންޑަނަށް ދާން ބޭނުންވާ ފަރާތްތަކަށް ޓުއާ އޮޕަރޭޓަރުންގެ އަތުން ޓިކެޓް ގަތުމުގެ މަސައްކަތް ކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތޮމްސަންގެ ޗާޓާ ދަތުރުތައް ރާއްޖެއަށް މިއަދު ފަށާފައިވާއިރު ދުނިޔޭގެ ބޮޑެތި އެތައް އެއާލައިނަކުން ފަހަކަށް އައިސް ރާއްޖެއަށް ވަނީ ދަތުރުތައް ފަށައިފަ އެވެ. އޭގެ ތެރޭގައި ކެތޭ ޕެސިފިކް އާއި ފްލައި ދުބާއީ އާއި ޓާކިޝް އެއާލައިންތައް ފަދަ އެއާލައިންތައް ހިމެނެ އެވެ.