04 Nov 2013, 12:30
ރެކޯޑް އަހަރެއްގެ ގޮތުގައި މިއަހަރުގެ ފުޓްބޯޅަ ސީޒަން ނިންމާލި ނިއުރޭޑިއަޓް ސްޕޯޓްސް ކުލަބުން "ނިއު ރޭޑިއަންޓް ނައިޓް" އެއް ބާއްވަން ނިންމައިފި އެވެ.
ނިއުގެ ޑައިރެކްޓާ އޮފް ފުޓްބޯލް އަންވަރު އަލީ ވިދާޅުވީ، ނިއު ރޭޑިއަންޓް ނައިޓް ބާއްވަން ނިމްމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު ކަމަށާއި އެހެން ނަމަވެސް އެ ހަފްލާ ބާއްވާނެ ތަނެއް އަދި މުޅިން ހަމަޖެހިފައި ނުވާ ކަމަށެވެ.
"ކުލަބުގެ ވަރަށް ހައްސަ ނައިޓެއް ބާއްވަން މިހާރު ވަނީ ނިންމާފައި. އަޅުގަނޑުމެން ބޮޑަށް މިބަލަނީ އެ ހަފުލާ ބާއްވާނީ ވީހާވެސް ގިނަބަޔަކަށް ބައިވެރިވެވޭ ބޮޑު ތަނެއްގައި. އެކަމަކު އަދި ހަފްލާ ބާއްވާނެ ތަނެއް ވަނީ މުޅިން ފައިނަލް ނުވެ" އަންވަރު ވިދާޅުވި އެވެ.
ނިއުގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާގޮތުން، ނިއު ރޭޑިއަންޓް ނައިޓްގައި މި އަހަރުގެ ސީޒަންގައި އެ ކްލަބުގެ ކުޅުންތެރިންނާއި އޮފިޝަލުން ކުރި މަސައްކަތުގެ އަގު ވަޒަންކޮށް، އެ ކްލަބަށް އެހީތެރިވެދިން ސްޕޮންސަރުންގެ އަގުވަޒަންކުރާނެ އެވެ. އަދި އަންނަ ސީޒަނަށް ނިއުގެ ތައްޔާރީތައް ފެށުމާއި ދެން އެ ކްލަބުން ބޭނުންކުރާ ޖޯޒީ ވެސް އެރޭ ތައާރަފްކުރާނެ ކަމަށް ވެބްސައިޓުގައި ބުނެފައިވެ އެވެ.
ނިއު ވަނީ މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ދިރާގު ދިވެހި ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބު ކޮސްފަ އެވެ. އަދި ނިއު އިން ވަނީ މި އަހަރުގެ އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލްގައި ވާދަކޮށްފަ އެވެ.