04 Nov 2013, 12:24
އިނގިރޭސިވިލާތުގެ ކުންފުންޏަކުން ރާއްޖެ އަށް ލެސްލީތަލް ވެޕަން ނުވަތަ ލުއި ހަތިޔާރު ވިއްކި މައްސަލައެއް ހޫނުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހުން ބުނީ ސްޓަން ގްރެނޭޑާއި ކަރުނަގޭހާއި ރަބަރު ވަޒަނުގެ ޝިޕްމަންޓެއް އިނގިރޭސި ކުންފުންޏަކުން ރާއްޖެ އަށް ވިއްކާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގައި ސިޔާސީ ކަންކަމުގައި ބާރުގެ ބޭނުންކުރުން އިތުރުވާނެ ކަމުގެ އިންޒާރު އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އިނގިރޭސިވިލާތުގެ ފަރާތްތަކުންދޭ ކަމަށް އެ ނޫހުން ބުންޏެވެ.
ހަތިޔާރު ޝިޕްމެންޓް ރާއްޖެ އަށް ވިއްކީ އިނގިރޭސިވިލާތުގެ ސައުތެމްޕްޓަންގައި ގާއިމްވެފައިވާ ސާވިޓެކް ނަމަކަށް ކިޔާ ކުންފުންޏެއްގެ ސަބްސިޑަޔަރީ ކުންފުންޏެއްގެ ގޮތުގައި ސިންގަޕޫރުގައި ހިންގާ ކުންފުންޏަކުން ކަމަށް ދަ ގާޑިއަންގައިވެ އެވެ. އަދި އެޝިޕްމެންޓަކީ އިނގިރޭސިވިލާތުން ބޭރުކުރި ޝިޕްމެންޓެއް ނަމަ އެކަން ހުއްޓުވާނެ ކަމަށް އިނގިރޭސި ސަރުކާރުން ބުނި ކަމަށް ވެސް އެނޫހުގައިވެ އެވެ.
"އެއްލައްކަ ޑޮލަރުގެ އަގުހުރި އެޝިޕްމެންޓް ވިއްކާފައި ވަނީ ސައުތެމްޕްޓަންގައި ހުންނަ ސާވިޓެކް ގްރޫޕްގެ ފޮރިން ސަބްސިޑަޔަރީ އަކުންނެވެ. އެއީ އަލުން ބާއްވަން އުޅުނު އިންތިހާބު ހުއްޓުވުމުގެ ސަބަބުން ބައިނަލް އަގުވާމީ މުޖުތަމައުން މޯލްޑިވްސް ޕޮލިސް ސާވިސް ކުށްވެރި ކުރުމުގެ ތިން ހަފުތާ ކުރިން ނެވެ. ޔޫކޭ ސަރުކާރުން ބުނީ އެޝިޕްމެންޓަކީ ޔޫކޭ އިން ބޭރުކުރި ޝިޕްމެންޓެއް ނަމަ ހުއްޓުވާނެ ކަމަށެވެ،" ދަ ގާޑިއަންގައިވެ އެވެ.
ކްރައުޑް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖެ އަށް ވިއްކުމުގެ ލައިސަންސް މިދިޔަ އަހަރުން ފެށިގެން އިނގިރޭސި އެއްވެސް ކުންފުންޏަކަށް ނުދޭ ކަމަށް އިނގިރޭސިވިލާތުގެ ޑިޕާޓްމެންޓް ފޯ ބިޒްނަސް އިނޮވޭޝަން އެންޑް ސްކިލްސް އާ ހަވާލާދީ އެ ނޫހުގައިވެ އެވެ.
ގާޑިއަންގެ ހަބަރުގައި މިމައްސަލައާ ބެހޭ ގޮތުން ވާހަކަ ދެއްކެވި އިނގިރޭސި ސަރުކާރުގެ އޮފިޝަލުގެ ނަމެއް ވެސް އަދި ކުންފުނީގެ އޮފިޝަލުގެ ނަމެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.
ރާއްޖެ އަށް ހަތިޔާރު ވިއްކުން ދުނިޔޭގެ އެއްވެސް ގައުމަކުން އަދި ޖަމާއަތަކުން ވެސް މިހާތަނަށް މަނާކޮށްފައި ނުވާކަން ހަތިޔާރު ވިއްކި އިނގިރޭސި ކުންފުނިން ވެސް ފާހަގަ ކުރާ ކަމަށް ދަ ގާޑިއަންގެ ހަބަރުގައިވެ އެވެ. ނަމަވެސް ހަތިޔާރު ރާއްޖެއަށް ނުވިއްކަން އެކުންފުނިން އަމިއްލައަށް ނިންމާފާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
އެ މައްސަލަ އާ ބެހޭ ގޮތުން ސަރުކާރުގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.