04 Nov 2013, 12:17
ޢަންމާން (ނޮވެމްބަރު 4): އުރުދުންގެ ވެރިކަމުގެ ނިޒާމަށް ފުޅާދާއިރާއެއްގައި ދިމުޤްރާތީ އިސްލާޙްތަކެއް ގެނައުމަށް އެގައުމުގެ ރަސްގެފާނު ޢަބްދުﷲ ހުށަހަޅުއްވައިފި އެވެ.
ޢަބްދުﷲ، މިއިސްލާޙްތައް ހުށަހެޅުއްވީ އާ ދައުރަކަށް އުރުދުންގެ ޕާލަމެންޓް އިފްތިތާޙު ކުރުމުގެ ގޮތުން ދެއްވި ރަސްކަމުގެ ޚިތާބުގަ އެވެ. ޢަބްދުﷲ ހުށަހެޅުއްވި އިސްލާޙުތަކުގެ ތެރޭގައި ބޮޑުވަޒީރަކީ ޕާލަމެންޓްރީ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީއަކުން ނޫނީ ކޯލިޝަން ޕާޓީތަކަކުން އިޚްތިޔާރު ކުރެވޭ ބޭފުޅަކަށް ހެދޭ ގޮތަށް އުރުދުންގެ ދަސްތޫރަށް ދިމުގްރާތީ އިސްލާޙްތަކެއް ގެނައުމާ މެދު ވާހަކަ ދައްކައިގެން ގޮތެއް ނިންމުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން މިހާރަށް ވުރެ ބޮޑަށް ދިނުން ހިމެނެ އެވެ.
މިއިސްލާހްތަކާ އެކު އުރުދުންގެ ވެރިކަމުގެ ބައެއް ބާރުތައް އިންތިޚާބު ކުރެވޭ ސަރުކާރަކާ ހަވާލު ކުރުމަށް ވެސް އަބްދުﷲ ހުށަހެޅުއްވި އެވެ. އަދި ޝަރުޢީ ދާއިރާ އިތުރަށް މުސްގަތިއްލުކުރުމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް މިނިވަން މުއައްސަސާއެއް އުފެއްދުމާއި އިންތިޚާބުތަކާ ބެހޭ ގާނޫނަށް އިސްލާޙް ގެނަސް އިންތިޚާބާ ބެހޭ މިނިވަން މުސްތަގިއްލު ކޮމިޝަނެއް އުފެއްދުން ވެސް އަބްދުﷲ ހުށަހެޅުއްވި އިސްލާޙުތަކުގެ ތެރޭގައި ހިމެނެ އެވެ. ނަމަވެސް މިކަންކަމަށް ތާރީޚުތަކަކާއި މުއްދަތުތަކެއް ކަނޑައަޅުއްވާފައެއް ނުވެ އެވެ. އަދި މިކަންކަން ކުރިޔަށް ގެންދިޔުމަށް ޢަބްދުﷲ ހުށަހަޅުއްވާފައި ވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ އަދި އުރުދުންގެ ގަބީލާތަކު ވެރިންގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރަކޮށްގެން އެއްބަސްވުމަކަށް އާދެވޭ ޙާލަތެއްގަ އެވެ.
އަބްދުﷲ ހުށަހެޅުއްވި އެހެން އިސްލާޙްތަކުގެ ތެރޭގައި އުރުދުންގައި ދެވޭ ތައްލީމުގެ ފެންވަރު މަތިކޮށް ޒަމާނީ ކުރުމާއި ސިއްޙީ ދާއިރާ އާއި ދަތުރުފަތުރުގެ ދާއިރާ ފަދަ ޕަބްލިކް ސެކްޓަރުގެ ދާއިރާތައް އިތުރަށް ތަރައްޤީ ކުރުމަށްޓަކައި އެދާއިރާތަކުގެ އޮނިގަނޑުތައް އަލުން އެކުލަވާލުން ވެސް ހިމެނެ އެވެ. މިއިސްލާޙްތަކަށް ބޭނުންވާ ގާނޫނުތައް ފާސްކުރުމާއި މިއިސްލާޙްތަކަށް މަގުފަހިވާގޮތަށް އުރުދުންގެ ދަސްތޫރަށް ބަދަލުތައް ގެނައުމަކީ ޕާލަމެންޓްގެ ޒިންމާއެއް ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
އުރުދުންގެ އެންމެ ބޮޑު އިދިކޮޅު ޖަމާއަތް ކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާޢަތުން ވަނީ މިއީ ވުޖޫދަށް އަންނާނެ ކަމަށް ނުބެލެވޭ ޚިޔާލީ އިސްލާޙްތަކެއް ކަމަށްސިފަކޮށް ޢަބްދުﷲގެ ހުށަހެޅުމަށް ފާޑުކިޔަފަ އެވެ. އަދި ދަސްތޫރަށް އިސްލާހް ގެނައުމަށް އަބްދުﷲ ބޭނުންފުޅު ވަނީ އޭނާ ޢައްޔަންކުރައްވާ ދަސްތޫރީ ކައުންސިލަކުން ކަމަށްވާތީ މިކަމަށް ވެސް އެޖަމާއަތުން ވަނީ ފާޑުކިޔާފަ އެވެ. އުރުދުންއަށް އަވަސް ގޮތަކަށް ސިޔާސީ އަދި އިގްތިސާދީ އިސްލާޙްތައް ގެނަސް ވެރިކަމުގެ ބާރުތައް ރައްޔިތުންނާ ހިއްސާ ނުކޮށްފި ނަމަ އަބްދުﷲގެ ރަސްކަމުގެ ނިޒާމާ ދެކޮޅަށް ރައްޔިތުން ތެދުވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް އެގައުމުގެ ތަޖްރިބާކާރުން ދެކެ އެވެ.
ދެހާސް އެގާރަ ވަނަ އަހަރު ބައެއް އަރަބި ގައުމުތަކަށް އައި އަރަބި ރަބީޢުގެ ހަރަކާތްތަކުގައި މިސްރާއި ލީބިޔާއާއި ތޫނިސްގެ ވެރިކަމުގެ ނިޒާމުތައް ވެއްޓިގެން ދިޔުމުން އެފަދަ ހަރަކާތެއް އުރުދުންގައި ވެސް ފެށިދާނެކަމުގެ ބިރު ހީވުމުން އެދުވަސްވަރު ވެސް އަބްދުﷲ ރަސްގެފާނު ވަނީ ސިޔާސީ އިސްލާހްތަކެއްގެ ވާހަކަތައް ދައްކަވާފަ އެވެ. ނަމަވެސް ޢަބްދުﷲ ފަހުން ވަނީ އެއިސްލާޙްތައް ގެނައުމަށް ފަސްޖެހިވަޑައިގެންފަ އެވެ. (އަލްޖަޒީރާ)