ޑިއެގޯ ކޮސްޓާ މިސީޒަންގައި ކާމިޔާބުކުރި 13 ވަނަ ލަނޑާއެކު 2-0 އިން އެތުލެޓިކޯ ބިލްބާއޯ ބަލިކޮށް އެތުލެޓިކޯ މެޑްރިޑް ސްޕެއިން ލީގު ތާވަލުގައި ބާސެލޯނާއާ އެއް ޕޮއިންޓް ގާތަށް ޖެހިލައިފި އެވެ.

ލީގު ތާވަލުގެ އެއް ވަނައިގައި ޗެމްޕިއަން ބާސާ އޮތީ 12 މެޗު ކުޅެގެން 34 ޕޮއިންޓާ އެކުއެވެ. އަދި ރޭ ބިލްބާއޯ އަތުން މޮޅުވެ ތާވަލުގެ ދެވަނައިގައި އެތުލެޓިކޯ އޮތީ 33 ޕޮއިންޓް ހޯދައިގެންނެވެ. 28 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި އޮތީ ރެއާލް މެޑްރިޑް އެވެ.

މެޗުގެ 32 ވަނަ މިނިޓުގައި އެތުލެޓިކޯއަށް ބިލްބާއޯގެ ގޯލް ހުޅުވާލަ ދިނީ، ސަމާ ޓްރާންސްފާގައި ބާސާއިން އެޓީމާ ގުޅުނު ސްޕެއިން ފޯވާޑް ޑޭވިޑް ވިޔާ އެވެ. މިއީ މިސީޒަންގައި އޭނާ ކާމިޔާބުކުރި ހަ ވަނަ ލަނޑެވެ.

އެތުލެޓިކޯގެ ދެވަނަ ލަނޑު 41 ވަނަ މިނިޓްގައި ބްރެޒިލް ފޯވާޑް ކޮސްޓާ ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން މިޑްފީލްޑަރު ކޮކޭ ވައްޓާލަދިން ރީތި "ތްރޫ ޕާހެއް" ބިލްބާއޯގެ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ކޮސްޓާގެ އެ ލަނޑާއެކު އޭނާ ވަނީ، ލީގުގައި 13 ލަނޑު ޖަހައިގެން މިސީޒަންގައި އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑްގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއްވަރަށް ގޯލް ޖަހާފަ އެވެ. އަށް ލަނޑު މި ސީޒަންގައި ކާމިޔާބުކޮށްގެން ތިންވަނައިގައި އޮތީ ބާސާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީ އެވެ.