04 Nov 2013, 12:00
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ހައްޔަރުކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.
ހައިކޯޓުން އެގޮތަށް ހުކުމްކޮށްފައި ވަނީ އަލީ އާޒިމްގެ ބަންދުގެ މުއްދަތު 15 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފައި ވާތީ އެ އަމުރު އިސްތިއުނާފު ކުރުމަށް އޭނާ އެ ކޯޓަށް ހުށަހެޅުއްވި މައްސަލަ ބެލުމަށް ފަހު މިއަދު އެވެ.
ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ގާނޫނު އަސާސީ ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ސަލާމަތީ ބާރުތަކުން ކުރަން ޖެހޭ ކަމެއް ކަމަށްވާ އިރު އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަން ހުރި ސިފައިންގެ މީހަކަށް މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ކަމަށެވެ.
ސިފައިންގެ މީހަކާ މެދު އާޒިމް މާރާމާރީ ހިންގައިފި ނަމަ އެކަން ހުއްޓުވުމަކީ ގާނޫނީ ގޮތުން ސިފައިންނަށް ލިބިގެންވާ ބާރެއް ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ސިފައިންގެ މީހަކާ މެދު އާޒިމް މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ހުށަހެޅިފައިވާކަން ލިޔުންތަކުން އެނގޭ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
އެ ހުކުމްގައި ބުނެފައި ވަނީ އާޒިމް ހައްޔަރުކޮށްފައި ވަނީ މަޖިލީސް އިދާރާގެ ބޭރުގައި އޭނާގެ ގާނޫނީ ވަކީލުގެ ހާޒިރުގައިކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭ ކަމަށެވެ. އެހެންކަމުން އޭނާ ހައްޔަރުކުރުމުގައި ޝަރުއީ އަދި ގާނޫނީ އުސޫލަކާ ޚިލާފުވެފައިނެތް ކަމަށް ހައިކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައި ވަނިކޮށް އެ މުއްދަތު ހަމަނުވަނީސް ފުލުހުން ވަނީ މިމަހުގެ ފުރަތަމަ ދުވަހު އޭނާ ގޭބަންދަށް ބަދަލުކޮށްފަ އެވެ.