04 Nov 2013, 11:49
ރާއްޖެ ފަދަ މީސްކޮޅު މަދު ވަސީލަތް މަދު ގައުމަކަށް ނޮވެމްބަރު3، 1988ގެ އުދުވާނީ ހަމަލާ އިން ސަލާމަތްވެ، ކާމިޔާބު ލިބުމުގެ ސިއްރަކީ އިސްލާމްދީން ކަމަށް ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަހާ ގުޅިގެން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖަމީލު ވިދާޅުވީ ރާއްޖޭގެ މަދު ބަޔަކާއި ލަންކާގެ ކުލީ ސިފައިންގެ ބަޔަކާ ގުޅިގެން ނޮވެމްބަރު 3، 1988ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާ އިން ދިވެހިން ސަލާމަތްވެފައި ވަނީ ދިވެހިންގެ ދީން، އިސްލާމް ދީނުގެ ސަބަބުން ކަމަށެވެ. އަދި އެ ކާމިޔާބީގެ މަތިން ހަނދާން ކުރާ ކަމަށްވާ ނަމަ އިސްލާމްދީން ދެމިއޮތުމަށް ކުރަން ޖެހޭ ކޮންމެ ގުރުބާނީއެއް ވުމަށް ޖަމީލު ގޮވާލެއްވި އެވެ.
"މިއޮތް ކުޑަ ގައުމުގައި ބާރުގަދަ އެތަކެއް ފަރާތުން ތަފާތު އެތަކެއް ފަހަރުމަތިން ރޭވުންތައް ރާވަމުން އައިސް ތިނެއް ނޮވެމްބަރުގެ ހަމަލާއައީ އެންމެ މިޒަމާނުގެ ބަރު ހަތިޔާރާ އެކީގައި. ކުޑަ ގައުމެއް ވަސީލަތް މަދު، މަދު މީސްކޮޅެއް، މަދު ސިފައިކޮޅެއް، އެހެނަސް ކާމިޔާބު ލިބުނީ،" ޖަމީލު ވިދާޅުވި އެވެ.
ޖަމީލު ވިދާޅުވީ ވޭތުވެ ދިޔަ ތާނތާގައި ހިނގާފައިވާ ހާދިސާތަކުން އިބްރަތް ހާސިލުކޮށް އެފަދަ ކަމެއް ނުވުމަށް އެދި ދުއާ ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ފުލުހުންނާއި ސިފައިންނަށް އަނިޔާކުރުމަށް ގޮވާލާ ރާއްޖޭގެ ސުލްހަމަސަލަސްކަން ނަގާލާ ވެރިން މިންވަރު ނުކުރެއްވުމަށް އެދި ދުއާ ދަންނަވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުނގަޑުމެން ދުއާކުރަންވީ ގައުމަށް ލުތުފީ އާއި ސަގަރު ނާސިރާއި އަބްދުﷲ ޝާހިދު ފަދަ ބާޣީން މިންވަރު ނުކުރުމަށް. ދުއާއަކަށްވާންވީ މިއަދު ވެސް ގައުމަށް ހިޔާނާތްތެރިވާ ވެރިން މިންވަރު ނުކުރެއްވުމަށް. ދުއާއަކަށް ވާންވީ މިއަދުގެ ޖީލަށް ރަނގަޅު ސުލޫކެއް މިންވަރުކޮށްދޭ ވެރިން މިންވަރުކުރުމަށް،" ޖަމީލު ވިދާޅުވި އެވެ.
ނޮވެމްބަރު ތިނެއް ފަދަ ހާދިސާތަކުން ލިބިގަންނަން ޖެހޭ އިބުރަތްތައް ފާހަގަކުރައްވައި ޖަމީލު ވިދާޅުވީ ތާރީހު ހަނދާން ނައްތާނުލައި އެ މަތިވެރި ހިދުމަތް ކޮށްދެއްވި ފަރާތްތަކުގެ އަގު ވަޒަންކުރަން ޖެހޭ ކަމަށެވެ. އެގޮތުން މިޖީލުގެ ދަރިންނަށް އެތާރީހު އުގަންނައިދޭން ޖެހޭނެ ކަމަށާއި ދިވެހި ސިފައިންނާއި ފުލުހުންނަށް އިހުތިރާމު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަމީލު ވިދާޅުވީ ދިވެހިން މިއަދު ސުލްހަވެރިކަމާއި އަމާންކަމާއި އެކީގައި ދިރިއުޅެމުން މިއަންނަނީ ގިނަ ބަތަލުންތަކެއް ގައުމަށް ޓަކައި ގުރުބާންތަކެއް ވެފައި ވާތީ ކަމަށެވެ. އެގޮތުން ނޮވެމްބަރު 3، 1988ގައި ދިން އުދުވާނީ ހަމަލާގައި ދިވެހި ސިފައިންނަށް ރައްދުގައި ހަމަލާ ދިނުމުގެ ފުރުސަތު ހުޅުވައިދިން ޝަހީދު ކޯޕްރަލް ހުސެއިން އާދަމް ކުރެއްވި ހިތްވަރުގަދަ މަސައްކަތް އޭނާ ފާހަގަކުރެއްވި އެވެ.