ޓޮރީނޯއާ 1-1 އިން އެއްވަރުވެ އިޓަލީ ލީގު ތާވަލުގެ އެއްވަނައިގައި އޮތް ރޯމާ މި ސީޒަންގައި ދަމަހައްޓަމުން ގެންދިޔަ 100 ޕަސެންޓް މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އަތުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 1-0 އިން ޗީވޯ ބަލިކޮށް ރޯމާވަނީ، ފުރަތަމަ ފަހަރަށް އިޓާލިއަން ލީގުގައި ސީޒަންގެ ފުރަތަމަ 10 މެޗުން މޮޅުވުމުގެ ޝަރަފް ވެސް ހޯދާފަ އެވެ.

މެޗުގެ 28 ވަނަ މިނިޓްގައި ރޯމާއަށް ކުރި ހޯދައިދިނީ އެޓީމަށް ކުޅޭ ހޮލެންޑް މިޑްފީލްޑަރު ކެވިން ސްޓްރޫޓްމަން އެވެ. އެހެން ނަމަވެސް ފަހު ހާފު ފެށިގެން 63 ވަނަ މިނިޓްގައި ޓޮރިނޯގެ ޓޮޕް ސްކޮރާގެ މަގާމްގައި ހުރި އިޓާލިއަން މިޑްފީލްޑަރު އެލެސިއޯ ސޭރްޗީ ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އަދި މި ލަނޑާއެކު އެލެސިއޯ ވެގެން ގޮސްފައިވަނީ މިސީޒަންގައި ރޯމާކޮށްޅަށް ލަނޑުޖެހި ދެވަނަ ކުޅުންތެރިޔާ އަށެވެ.

ރޭގެ މެޗުގެ ނަތީޖާއާ އެކު ތާވަލުގެ ކުރީގައި ރޯމާ އޮތީ ކުޅުނު 11 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. ޓޮރިނޯ އޮތީ 12 ޕޮއިންޓާއެކު 12 ވަނައިގަ އެވެ. ތާވަލުގެ ދެވަނައިގައި 28 ޕޮއިންޓާއެކު ނަޕޯލީ އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ޔުވެންޓާސް އޮތީ ތާވަލުގެ ތިން ވަނައިގަ އެވެ.

އިންޓަމިލާން 22 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައި އޮތްއިރު އޭސީ މިލާން އޮތީ ކުޅުނު 11 މެޗުން ލިބުނު 12 ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގަ އެވެ.