02 Dec 2010, 07:29
ފަސްސަތޭކަ ރުފިޔާގެ "ވަގު" ނޫޓާ މެދު ސަމާލުވުމާށް އެމްއެމްއޭ އިން އިލްތިމާސް ކޮށްފި އެވެ.
ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މޯލްޑިވިސް މަނިޓަރީ އޮތޯރިޓީގެ ސީނިއާ މެނޭޖަރު މުހައްމަދު ތައުފީގް މިއަދު ވިދާޅުވީ "ވަގު" 500 ރުފިޔާގެ ނޫޓުތައް ފެންނަމުންދާތާ 10 ވަރަކަށް ދުވަސްވެފައިވާ ކަމަށާއި "ވަގު" ނޫޓުގެ ދެ ނޫޓު އެމްއެމްއޭ އަށް ލިބިފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެއްވެސް ނޫޓަކާ މެދު ޝައްކު ވެއްޖެ ނަމަ ވީންމެ އަވަހަކަށް އެމްއެމްއޭއަށް ނުވަތަ ކަރީގައި ހުރި ބޭންކަކުން އެ ނޫޓުގެ ސަހައްކަން އޮޅުންފިލުވުމަށް އޭނާ އިއުތިމާސް ކުރެއްވި އެވެ.
"އަޅުގަނޑުމެން ދޭނެ ނަސޭހަތަކީ އެއްވެސް ނޫޓަކާ މެދު ޝައްކުވެއްޖިއްޔާ އެންމެކައިރީގައި ހުރި ބޭންކަކަށް ވަދެ ރަނގަޅުތޯ ޗެކްކޮށްލުން ނޫނީ އެމްއެމްއޭގެ ކައުންޓަރަށް ވަޑައިގެންފަ ޗެކްކޮށްލުން." އޭނާ ވިދާޅުވި އެވެ.
ބައެއް އޭޓީއެއްމް ތަކުން ވެސް "ވަގު" 500 ރުފިޔާގެ ނޫޓު ނުކުންނަ ކަމަށް ދެކެވޭ ވާހަކަތައް ތައުފީޤް ދޮގުކުރެއްވި އެވެ. އަދި ސައްހަނޫން ނޫޓުގައިވާ ސީރިއަލް ނަންބަރު ކަމުގައިވާ G828712 ގެ ސީރިއަލް ނަންބަރުގައި ސައްހަ ނޫޓު ވެސް ހުންނާނޭ ކަމަށާއި އެ ސީރިއަލް ނަންބަރުގެ ހުރިހާ ނޫޓަކީ "ވަގު" ނޫޓު ކަމަށް ބަލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަގަށް އުފައްދައިގެން އުޅޭ 500 ރުފިޔާގެ ނޫޓުތައް ވަކިކުރާނެ ގޮތްތަކެއް ވެސް އެމްއެމްއޭ އިން އިއްޔެވަނީ ބަޔާނަކުން އާންމުކޮށްފަ އެވެ.
އެ އޮތޯރިޓީން ބުނި ގޮތުގައި އަސްލު ނޫޓުގައި ހިމެނިފައިވާ، އިންޓެގްލިއޯ ޗާޕު ނޫނީ، އަތްކާތާލީމާ އުފުލިފައިވާ ގޮތް އިހުސާސްކުރެވޭ ޗާޕް "ވަގު" ނޫޓުގައި ހިމެނިފައެއް ނުވެ އެވެ. އެ ނޫޓުތައް ހަދާފައިވާ ކަރުދާހުގެ ފެންވަރު ދަށްވެފައި، އެ ނޫޓުތަކުގެ ސަލާމަތީ ރޮދިފަށް ސައްހަ ނޫޓުގެ އައްޔަށް ދިއްކުރުމުން ބަދަލުވާގޮތަށް ރަތް ކުލައިން ފެހިކުލައަށް ބަދަލު ނުވާނެކަމަށް ވެސް އެމްއެމްއޭން ބުނެ އެވެ. އެ ނޫޓުތަކުގެ ސަލާމަތީ ރޮދިފަށުގައި "500 MMA " ލިޔެފައިވާ ފޮންޓަކީ ވެސް ތަފާތު ފޮންޓެއް ކަމަށާއި ސައްހަ ނޫޓުގެ ކޮންމެ ކަނެއްގައި ކަތި ރޮނގެއްގެ ގޮތުގައި ފެންނަން ހުންނަ ވޯޓަމާކް "ވަގު" ނޫޓުގައި ހުރީ ގެތިފައި ހުންނަ ގޮތަށް ކަމަށް އެމްއެމްއޭއިން ބުނެ އެވެ.
"ވަގު" ނޫޓުގައި ލިޔެފައިވާ ލިޔުންތަކުގައި ވެސް މަސަލަތަކެއް ވެސް ފާހަގަވާން އެބަހުރި ކަމަށް އެމްއެމްއޭއިން ބުނެ އެވެ. "ވަގު ނޫޓު"ތަކުގެ ތިރީގައި "މޯލްޑިވިސް މަނިޓަރީ އޮތޯރިޓީ" ލިޔެފައިވާއިރު "އ" ގައި އޮބޮފިލީގެ ބަދަލުގައި ލިޔެފައިވަނީ "ރ" އަކުރެއް ކަމަށާއި އަދި "ތ" ގައި އޯބޯފިލީގެ ބަދަލުގައި ލިޔެފައިވަނީ "ޓ" އަކުރެއްގެ އެއްބައި ކަމަށް އެމްއެއޭއިން ބުނެ އެވެ.
އެ ނޫޓުގެ ތިރީ ކައިރީގައި "ފައްސަތޭކަ ރުފިޔާ" ލިޔެފައިވާ އިރު "ރ"ގައި އުބުފިލީގެ ބަދަލުގައި ލިޔެފައި ވަނީ ސުކުނެއް ކަމަށާއި"ފ"ގެ ތިރީ އެއްތުނޑު މަދުކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ.