04 Nov 2013, 10:43
އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފި އެވެ.
އެމްޑީޕީން ރޭ ދިއްދޫގައި ބޭއްވި އެ ޕާޓީގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނާ ދިދިކޮޅު ފަރާތްތަކަށް ދުވަހަކު ވެސް ވާދަވެރި އިންތިހާބެއްގައި އެމަނިކުފާނާ ވާދަ ނުކުރެއްވޭނެ ކަމަށެވެ. އަދި އެކަން އެމަނިކުފާނާ އިދިކޮޅު ސިޔާސީ ފަރާތްތަކުން ގަބޫލު ކުރަން ވެއްޖެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ސިޔާސީ ކަންކަމުގައި އޮންނަ އުސޫލަކީ ވާދަކުރުން ކަމަށާއި އެފަދަ ކަންކަމަށް ކިޔަނީ ވާދަވެރި ސިޔާސީ ހަރަކާތް ހިންގުން ކަމަށެވެ. އެގޮތުން ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމަށްޓަކައި ސިޔާސީ ޕާޓީއެއް ބިނާ ކުރަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއް ބިނާ ކުރުމަކީ ގާތް ތިމާގެ މީހުން ޕާޓީގެ މަގާމުތަކަށް ލުން ނޫން ކަމަށާއި އެއީ އިންތިހާބުތަކެއް ބާއްވައިގެން ކުރަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެން ނަމަވެސް ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީ އަކީ ވާދަވެރި ސިޔާސީ ހަރަކާތް ހިންގަން އުޅޭ ބައެއްގެ ގޮތުގައި ސިފަ ނުކުރެވޭ ކަމަށާއި އެ ދެ ޕާޓީ ސިފަ ކުރެވެނީ "ބައިގަޑެއް ނުވަތަ ގޭންގެއް" ގޮތުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަބްދުﷲ ޔާމީން ވެސް އަދި ގާސިމް އިބްރާހީމް ވެސް މި ހަގީގަތް ވަރަށް ސާފުކޮށް އެގިވަޑައިގަންނަވަން އެބަ ޖެހޭ. ސިޔާސީ ކަންކަމުގައި މި އޮންނަނީ ވާދަކުރުން. މިފަދަ ވާދަކުރުމަށް މިކިޔަނީ ސުލްހަވެރި ސިޔާސީ ހަރަކާތް. އެކަން ކުރާ ގޮތަކީ ޕާޓީއެއް ބިނާ ކޮށްގެން އަދި ޕާޓީ ބިނާ ކުރާ ގޮތަކީ ގާތް ތިމާގެ މީހުން މަގާމުތަކަށް ލެއްވުމެއް ވެސް ނޫން. އެވެސް ޕާޓީގެ އެތެރޭގެ އިންތިހާބެއް ބާއްވައިގެން ޕާޓީގެ މަގާމުތަކަށް އެކިއެކި މީހުން އިންތިހާބުކޮށްގެން ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގަނީ. މި ބޭފުޅުންނަކީ ބައިގަޑެއް. އެހެން ގޮތަކަށް ދަންނަވަންޏާ ގޭންގެއް. އެބޭފުޅުންނަށް މި ސުލްހަވެރި ސިޔާސީ ހަރަކާތުގައި ބައިވެރިވެވޭނެ ހަމަ އެއްގޮތެއް ވެސް ނެތް،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ގޮނޑިއާއި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ހޯދާނެ ގޮތެއް އޮންނަ ކަމަށާއި އެއީ އަދި އެ ގޮނޑިތަކުން މީހުން ދުރުކުރާނެ ގޮތެއް ވެސް އޮންނަ ކަމަށެވެ. އެގޮތަކީ ކޯޓަށް މައްސަލަ ހުށަހަލައިގެން ކުރާ ކަމެއް ނޫން ކަމަށާއި އެކަމަކީ އިންތިހާބުތަކުގައި ވާދަކޮށްގެން ކުރާ ކަމެއް ކަމަށެވެ. އަދި އިންތިހާބުކޮށްފައިވާ ގޮނޑިތަކުން މީހުން ދުރުކުރުމަކީ ޑިމޮކްރެސީގެ އުސޫލެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ރައީސުލުޖުމްހޫރިއްޔާއަކު ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަށް އިންތިހާބު ކުރުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގައި ބުނެފައިވާ ތާރީހަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރީއްޔާއަކު ދެއްކުމަކީ ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ވާޖިބެއް ކަމަށެވެ. އެކަން އެހެން ނުކުރެވިއްޖެ ނަމަ ރާއްޖޭގެ ރައްޔިތުން ސިޔާސީ މީހުންގެ ކިބައިން ބަދަލުހިފާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނަށް ވެރިއަކު ދައްކުވައި ނުދީފި ނަމަ އޭގެ އަގު ސިޔާސީ ފަރާތްތަކުން ދައްކަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގައި ފަހު ބަސް ބުނާ ބަޔަކީ ސުޕްރީމް ކޯޓު ކަމަށް ނުވަތަ ރައީސުލްޖުމްހޫރީއްޔާ ކަމަށް ނުވަތަ ރައްޔިތުންގެ މަޖިލިސް ކަމަށް ބައެއް ބޭފުޅުންނަށް ހީވެފައި އޮންނަ ކަމަށެވެ. އެހެން ނަމަވެސް ގާނޫނު އަސާސީގެ ފަހު ބަސް ބުނާ ބަޔަކީ ރައްޔިތުން ކަމަށާއި އެ ކަމަކީ ސުޕްރީމް ކޯޓަށް ވެސް އަދި އެހެން ފަރާތަކަށް ވެސް ބަދަލު ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަސްރުގެ ދުވަހާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ނަސްރުގެ ދުވަހަކީ ދިވެހި ރާއްޖޭގެ ސިފައިން ރާއްޖޭގެ ދުސްތޫރީ ވެރިކަން ނުވަތަ ގާނޫނީ ހުކޫމަތު ދެމެހެއްޓުމަށް ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގެންނެވި ދުވަހެއް ކަމަށެވެ. އަދި އެ ދުވަހު ދިވެހި ސިފައިން ސިފައިންގެ މަރުކަޒު ވަރަށް ފުރިހަމަ އަށް ދިފާއު ކުރެއްވި ކަމަށާއި އެގޮތަށް ސިފައިންގެ މަރުކަޒު ދިފާއު ކުރެއްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ގާނޫނީ ވެރިކަން ދިފާއު ކުރެއްވުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ވެސް ދިވެހި ސިފައިން ދިވެހިންގެ ގާނޫނީ ދައުލަތް ދިފާއު ކުރައްވާނެ ކަމަށާއި 1988ގައި ގަދަބާރުން ވެރިކަމަށް އައުމަށް ބަޔަކު ކުރި މަސައްކަތް ހުއްޓުވި ގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް ދިވެހި ސިފައިން އެކަން އެގޮތަށް ކުރައްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.