04 Nov 2013, 10:18
ނޮވެމްބަރު3، 1988ގައި ކުރިމަތިވި އުދުވާނީ ހަމަލާ އަށް 25 އަހަރު ފުރިފައިވީ ނަމަވެސް އަދި ވެސް ފެންނަނީ އެއިރު ފެންނަމުން ދިޔަ މަންޒަރު ކަމަށާއި އެގޮތުން މިހާރު ވެސް އަދި އޭރު ވެސް ހަމަލާދެމުން އަންނަނީ އިސްލާމް ދީނާއި މިނިވަން ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަހާ ގުޅިގެން ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ މީގެ 25 އަހަރު ކުރި އާއި މިހާރާ އެއްގޮތް އެތައް ކަމެއް ފެންނަމުންދާ ކަމަށެވެ. އެގޮތުން އޭރު ވެސް އަދި މިހާރު ވެސް ރާއްޖޭގައި އިސްލާމް ދީން އޮތުމާއި މަސްތުވާތަކެތި ބޭނުން ނުކުރެވޭތީ އުނދަގޫވެގެން ބަޔަކު އުޅުނު ކަމަށާއި ނޮވެމްބަރު ތިނެއްގައި ދިން އުދުވާނީ ހަމަލާ ދޭން މެދުވެރިވީ ވެސް އެފަދަ ކަންތައްތައް ނައްތާލުމަށް ރައީސްގެ މައުމޫންގެ ސަރުކާރުން މަސައްކަތް ކުރެއްވުމުން ކަމަށެވެ.
"އޭރު އޮތް މައްސަލައަކީ ބޭނުން ގޮތަކަށް ބޭނުން ލައްޒަތަކާއި އަރާމެއްގައި އުޅުމަށް އޮތް ހުރަސްތަކެއް ނައްތާލުމަށް ޓަކައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ސާބިތުކަންމަތީ މަސައްކަތްތަކެއް ކުރިއަށް ގެންދެވިޔަތީ އެކަން ތަހައްމަލު ނުކުރެވިގެން އެމަނިކުފާނު މަގާމުން ވަކިކުރަން ބޭނުންފުޅުވީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރައީސް މައުމޫންގެ 30 އަހަރުގައި އެކި ގޯނާތަކާއި އެމަނިކުފާނު ކުރިމަތިވެވަޑައިގަތް ކަމަށެވެ. އެގޮތުން މައުމޫން ވެރިކަމުގައި ހުންނެވި އިރު ރާއްޖެ އަށް ކުރިމަތިވި ހުރިހާ ކަމަކުން ދިވެހީން ސަލާމަތް ކުރެއްވުމުގަ އާއި ރާއްޖޭގައި އިސްލާމް ދީނުގެ ހިދާޔަތު ދެމެހެއްޓުމަށް ރައީސް މައުމޫން މަތިވެރި ޖިހާދެއް ވެވަޑައިގަތް ކަމަށް ޔާމީން ވިދާޅުވި އެވެ. ނަމަވެސް އެ އުދުވާނީ ހަމަލާގައި ދިވެހި ގައުމު ސަލާމަތް ކުރުމަށް ޓަކައި އެމަނިކުފާނު ކޮށްދެއްވި މަސައްކަތްތަކުގެ މަތިން ހަނދާން ނެތިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން މަސައްކަތް ކުރީ ތިނެއް ނޮވެމްބަރުގެ ހަނދާންތައް ފޮހެލައި އަދި އެ އުދުވާނުގައި ބައިވެރިވި ހާއިނުންނަށް އެމަނިކުފާނުގެ ސަރުކާރުން އިސް ވަޒީފާތަކެއް ދެއްވުމަށް ކަމަށެވެ.
"ރައީސް ނަޝީދު މިހާރު ވިދާޅުވަމުން އެގެންދަވަނީ އޭރު ދެވުނު ހަމަލާއަކީ ދިވެހިންނަށް އެއް އިރެއްގައި ވެސް ދެވުނު އުދުވާނެއް ނޫނޭ. އެމަނިކުފާނުގެ ސަރުކާރުގެ ކުރު ތިން އަހަރުގެ ތެރޭގައި ތިނެއް ނޮވެމްބަރުގެ ޒިކުރާ އާކުރުމަށް ނޯންނާނެ އެންމެ ޖަލްސާއެއް ވެސްކޮށްފައެއް. އެމަނިކުފާނު ވިދާޅުވެފައި އޮންނާނެ، މި މަތިވެރި ގައުމީ ޖިހާދެއް ކުރެއްވި އަބްތާލުންނޭ، ހާއިނުންނަށް އިޝާރާތްކުރައްވައި. އަދި[ނަޝީދުގެ] ޒައާމަތުގެ އެންމެ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި އަބްދުﷲ ލުތުފީ މިނިވަން ވެގެން ދިޔައީ. މިހާރު އޭނާ އެއީ މިނިވަނެއް، އެކަމަކު އޭނާ އަކީ އުމުރުގެ ހުކުމް، ގަތުލު ކުރުމަށް ހުކުމް ކޮށްފައި އޮތް މީހެއް،" ޔާމީން ވިދާޅުވި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަކީ ވެސް މީގެ 25 އަހަރު ކުރިން ކުރިމަތިލާން ޖެހުނު ބިރުވެރިކަމާއި ހާސްކަމުގެ ތެރޭގައި ކުރިމަތި ލާން ޖެހޭ ވޯޓަކަށް ވެގެން ދާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"ނޮވެމްބަރު ނުވަ ވަނަ ދުވަހު ލާ ވޯޓަކީ ﷲގެ މަގުގައި އަޅުގަނޑުމެން ދެމި ތިބޭނެތޯ، އިސްލާމް ދީނުގެ ހިދާޔަތުގެ މަގުގައި އަޅުގަނޑުމެން ތިބޭނެތޯ، ރާއްޖޭގައި އިސްލާމީ ދައުލަތެއްގައި އަޅުގަނޑުމެންގެ ގައުމިއްޔަތުގެ ރުކުންތަކުގެ މަތީގައި އަޅުގަނޑުމެންނަށް ތިބެވިދާނެތޯ ހިތާ ހިތާ ސުވާލުކޮށް ތިބެ، ރައްޔިތުންގެ ނިންމުން ނިންމާ ދުވަހަކަށް މިވަނީ." އޭނާ ވިދާޅުވި އެވެ.