04 Nov 2013, 09:48
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ (ރ)ގެ ދަށުން މަޖިލީހުގެ ސަލާމަތާ ބެހޭ އެންމެހާ ކަންކަން ބެލެހެއްޓުމަށް 100 އޮފިސަރުން ހޯދުމަށް ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް ހަމަ އެ ޒިންމާތައް އަދާކުރުމަށް ގާނޫނު އަސާސީގެ 105 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ވެސް ވަނީ ލާޒިމްކޮށްފަ އެވެ.
މި 100 އޮފިސަރުންނަކީ އެ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ "ސާޖެންޓް އެޓް އާމްސް"ގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ މުވައްޒަފުންގެ ގޮތުގައި ހޯދުމަށް އިއުލާންކޮށްފައިވާ ބައެކެވެ. "ސާޖެންޓް އެޓް އާމްސް"ގެ މަގާމަކީ އަލަށް އެކުލަވާލެވޭ ކޮންމެ މަޖިލީހެއް އިންތިހާބުވެ މަސައްކަތްތައް ފެށުމަށް ފަހު، ވީއެންމެ އަވަސް ފުރުސަތެއްގައި އައްޔަން ކުރަން ޖެހޭ މަގާމެއް ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. ނަމަވެސް މިހާ ދުވަސްވި އިރު ވެސް އެ މަގާމަށް މީހަކު އައްޔަން ނުކުރެވި އޮތީ ކީއްވެގެންތޯ އެވެ.
ސުވާލަކީ މަޖިލީހުގެ ދައުރު ނިމެން އުޅެނިކޮށް ކުއްލިއަކަށް އިއުލާން ކޮށްގެން އެމަގާމަށް މީހަކު އައްޔަންކޮށް، އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޮފިސަރުން ހޯދުމަށް އަވަސް އަރުވާލުމުގެ ބޭނުމަކީ ކޮބައިތޯ އެވެ؟ މި މަގާމުތަކަށް މީހުން ހޯދުމަށް އިއުލާންކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާ ކުރީގެ މެމްބަރަކު މަޖިލީހުގެ ޗެންބަރަށް ވަނުމަށް ސިފައިން ހުރަސްއެޅި ހިސާބުންނެވެ.
އާޒިމު މަޖިލީހަށް ވެއްދުމުގެ މައްސަލާގައި ސިފައިންގެ ނިންމުމާއި މަޖިލީހުގެ ނިންމުން ވަރަށް ބޮޑަށް ތަފާތުވެގެން ދިޔަ އެވެ. ދެން ހަމަ އެއާ ވިދިގެން ފެނުނީ މި ނޮވެމްބަރު 11ގައި ރިޔާސީ ދައުރު ހަމަވާތީ އާ ރައީސުލްޖުމްހޫރިއްޔާ އަކު އިންތިހާބު ނުކުރެވިއްޖެ ނަމަ އަމަލުކުރާނެ ގޮތެއް ފާސްކުރި ތަނެވެ. އެގޮތުން ފާސްކޮށްފައި ވަނީ އެމަގާމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އަށް ނުވަތަ މަޖިލީހުން ކަނޑައަޅާ މެމްބަރަކާ ހަވާލުކުރުމަށެވެ. އެގޮތަށް ފާސްކުރީ އެމްޑީޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޑީއާރުޕީން ތާއީދުކޮށްގެންނެވެ.
މަޖިލީހުގެ އެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް އެމްޑީޕީއާ ވާދަވެރި ޕީޕީއެމުން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން، ގާނޫނު އަސާސީ ޑްރާފްޓް ކުރެއްވުމުގެ މަސައްކަތުގައި ވެސް އިސްކޮށް އުޅުއްވި ކުޅުއްދުއްފުށީ ދެކެނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވެސް ވިދާޅުވެފައި ވަނީ އެކަން އެހެން ނުކުރެވޭނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އަކު އިންތިހާބު ކުރަން ޖެހޭ ތާރީހަށް ރައީސުލްޖުމްހޫރީއްޔާއަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ގާނޫނު އަސާސީ އިސްލާޙުނުކޮށް ނޮވެމްބަރު 11 ފަހުން މަޖިލީހުގެ ރައީސް އަށް ނުވަތަ މަޖިލީހުގެ މެމްބަރަކަށް ވެރިކަމުގެ ބާރުތައް ހަވާލު ނުކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އަދި ސެޕްޓެމްބަރު 7ގައި ނެގި ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ، ސުޕްރީމް ކޯޓުން ބާތިލުކުރި ހުކުމުގައި ވެސް ބުނެފައި ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އަލަށް އިންތިބުކުރާ ރައީސަކު އިންތިބުވެ، އެ މަގާމުގެ ހުވާކުރުމާ ހަމައަށް މިހާރު ރައީސް ކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދަށް އެމަގާމުގައި ދެމި ހުންނެވޭނެ ކަމަށެވެ. އެހެން ކަމުގައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ގާނޫނު އަސާސީއާ އެއްގޮތަށް ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ މަގާމާ ހަވާލު ނުވެވޭނެ ކަމަށް ގިނަ ގާނޫނީ ވަކީލުން ވެސް ވިދާޅުވެ އެވެ.
އެމްޑީޕީގެ ކެމްޕެއިން ޖަގަހައެއް ހުޅުވައިދެއްވަމުން ޝާހިދު ވިދާޅުވީ މިރާއްޖޭގައި މިހާރު އޮތް ސަރުކާރަކީ ބަގާވާތުގެ ސަރުކާރެއް ކަމަށާއި އެމްޑީޕީން ނޮވެމްބަރު 11ގައި "މި ބަގާވަތް" ނިމުމަކަށް ގެންނާނެ ކަމަށެވެ. އެހެން ކަމުގައިވާ ނަމަ މަޖިލީހުގައި އެމްޑީޕީން ފާސްކޮށްފައިވާ ގޮތަށް ނޮވެމްބަރު 11ގައި ޝާހިދުއާ ވެރިކަމުގެ ބާރުތައް ހަވާލުކޮށްގެން ނޫނީ އެކަން އެގޮތަކަށް ވެގެން ދިއުމަކީ ވާނެ ކަމެއް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ދެކެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމަށް 100 އޮފިސަރުން ހޯދަން އިޢުލާންކޮށްފައި ވަނީ މި ނޮވެމްބަރު 11ގައި އަބްދުﷲ ޝާހިދު ވެރިކަމުގެ ހުވާކުރައްވަން ސިފައިންނާއި ފުލުހުން އެއްބާރުލުން ނުދީފާނެތީ ކަމަށް ވެސް ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު އިބްރާހީމް މުއްތަލިބް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މުއްތަލިބުގެ ދެއްކެވި ވާހަކަތައް ކުށްވެރިކޮށް މަޖިލީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް މަޖިލީހުން އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.
ކޮންމެ އަކަށް ރައީސް ވަހީދު އެ މަގާމުގައި ދެމި ހުންނަވަނިކޮށް އަދި ސުޕްރީމް ކޯޓުގެ ހުކުމުގައި އެހެން ބުނެފައިވާ އިރު އަދި ގާނޫނަށް އިސްލާހުތަކެއް ނުގެނެސް އެކަންތައް ކުރެވިދާނެ ކަމަށް ނުބެލެވެ އެވެ. ހަމަގައިމުވެސް އަދި ވެސް ގާނޫނީ ގޮތުން އެންމެ ފަހު ބަސް ބުނަން އޮތީ ސުޕްރީމް ކޯޓެވެ.
މަޖިލީހަށް 100 އޮފިސަރުން ވަގުތު ކުޑަތަން ވެފައިވަނިކޮށް ހޯދަން އިއުލާން ކުރި ސަބަބާ މެދު އެތަކެއް ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. މަޖިލީހުން އެ މީހުން ހޯދަން އިއުލާން ކުރިއިރު ގައުމު އޮތީ މާލީ ގޮތުން ބޮޑު ތާށި ކަމެއްގެ ތެރޭގަ އެވެ. މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމަށް 100 ސެކިއުރިޓީ އޮފިސަރުން ހޯދާއިރު "ސާޖެންޓް އެޓް އާމްސް" އެ މަގާމުގެ ދެ ޑެޕިއުޓީންނާއި ހަތަރު އެސިސްޓެންޓުންގެ އިތުރުން 100 އޮފިސަރުންގެ މުސާރަ އާއި އެލަވަންސްތަކަށް މަހަކު 1.55 މިލިއަން ރުފިޔާ އަދި އަހަރަކު 18.5 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުވެ އެވެ.
ފިނޭންސް މިނިސްޓަރު އަބްދުﷲ ވިދާޅުވި ގޮތުގައި ރާއްޖެ އަށް ބޭނުންވާ ތެޔޮ ގަންނާނެ ލާރި ވެސް ނެތިގެން އުޅޭއިރު މަޖިލީހަށް 100 އޮފިސަރުން ހޯދަން އިއުލާންކޮށްފައި ވާތީ އެކަމާ ކަންބޮޑުވެވަޑައިގެންނަވާ ކަމަށެވެ. އަދި މި ހާލަތުގައި އެ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާނެ ކަމުގެ ޔަގީން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަނެއް ކޮޅުން މި 100 އޮފިސަރުންނަކީ ސިފައިންގެ ޕްރައިވެޓެއްގެ ޝަރުތު ހަމަވާ މީހަކަށް ވާންޖެހޭ ސަބަބާ މެދު ވެސް ސުވާލު އުފެދެ އެވެ. އެ މަގާމަށް ސްކައުޓްގެ ތަމްރީން ފުރިހަމަ ކޮށްފައިވާ މީހަކު ޝަރުތު ހަމަނުވާންވީ ސަބަބެއް ވެސް ނެތެވެ. އެއީ ސްކައުޓުންނަކީ ވެސް ސިފައިންގެ ތަމްރީންތަކެކޭ ދާދި އެއް ފެންވަރެއްގެ ތަމްރީންތަކެއް ހަދާފައިވާ ބަޔަކަށްވާ އިރު އެމީހުންނަށް ވެސް އެ ފުރުސަތު ހުޅުވާނުލެވެންވީ ސަބަބެއް ނެތެވެ.
މަޖިލީހަށް އެއްފަހަރާ މިހާ ގިނަ އޮފިސަރުންތަކެއް ސިފައިންގެ ތެރެއިން ހޯދުމަށް އިޢުލާން ކޮށްފައިވާ އިރު ގައުމުގެ ޙާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް ސިފައިންގެ ހަތަރު އޮފިސަރަކު ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމަށް ލިޔުމެއް ފޮނުއްވާފައިވެ އެވެ. އަދި އޭގެ ފަހުން ސިފައިންގޭގެ އިސް އޮފިސަރުންތަކެއް ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދިޔަ ކަމުގެ ތުހުމަތުގައި ސަސްޕެންޑް ވެސް ކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.
ގާނޫނު އަސާސީ ދައުލަތުގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ވާޖިބުކޮށްފައިވާ ޒިންމާތަކެއް ސަލާމަތީ ހިދުމަތްތަކުގެ ނުހިމެނޭ ބަޔަކާއި ހަވާލުކޮށްގެން ކުރެވިދާނެ ކަމަށް ނުދެކޭ ޑިފެންސް މިނިސްޓްރީން ވެސް ވެސް ވަނީ ބުނެފަ އެވެ. އެހެން ކަމުގައިވާ ނަމަ އެމަގާމުތަކަކަށް ބަޔަކު އައްޔަންކޮށްގެން ކުރަން އުޅޭ މަސައްކަތަކީ ސަލާމަތީކަންކަން ބެލެހެއްޓުންތޯ ނުވަތަ ދައުލަތުގެ ބާރުތަކުގެ މަސްއޫލިއްޔަތަށް ހުރަސްއެޅުންތޯ މިވަނީ ސުވާލު އުފެދިފަ އެވެ. އެހެންވެއްޖެ ނަމަ ގައުމުގެ ސިޔާސީ މަސްރަހު އިތުރަށް ހަލަބޮލިވުން ނޫން ކަމެއް ނުވާނެ އެވެ.
މަޖިލީހުގެ ކޮންމެ މެމްބަރެއްގެ ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ގާނޫނު އަސާސީން ލާޒިމްކޮށްފައިވާ ބަޔަކީ ވެސް ދައުލަތުގެ ސަލާމަތީ ބާރުތައް ކަމުގައިވާ އިރު މި 100 މީހުން މިދަނޑިވަޅުގައި ހޯދުމުގެ ބޭނުމަކީ ކޮބައިތޯ ހަމަގައިމު ވެސް ސުވާލު އުފެދެ އެވެ.