04 Nov 2013, 09:32
މިމަހުގެ 10ން 12އަށް އިންޑިއާގެ ރަންޗީގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެ ވަނަ ސާފް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރާ ގޮތަށް ނިންމައި މުބާރާތަށް ފިރިހެން ފަސް އެތުލީޓުންގެ ޓީމެއް ހޮވައިފި އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ މި މުބާރާތުގައި ވާދަކުރާ އެތުލީޓުން ހޮވާފައި ވަނީ މިއަހަރު މާލެއާއި އަތޮޅު ތަކުގައި އެ އެސޯސިއޭޝަނުން ބާއްވާފައިވާ އެކިއެކި މުބާރާތްތަކުގައި ވާދަކުރި އެތުލީޓުންގެ ތެރެއިން ކަމަށެވެ.
އެސޯސިއޭޝަންގެ ސްޕްރިންޓް ކޯޗް އަހްމަދު ފާއިލްގެ ކޯޗުކަމުގައި މުބާރާތުގައި ބައިވެރިކުރުމަށް ނަގާފައިވާ ފަސް އެތުލީޓުންގެ ތެރޭގައި ހިމެނެނީ، އޭޝިއަން ޔޫތު ގޭމްސްގެ ސެމީފައިނަލްގައި ވާދަކޮށް އޭޝިއާގެ 200މ ދުވުމުގެ ގަދަ 16 އެތުލީޓުންގެ ތެރޭގައި ހިމެނިފައިވާ އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލްގެ ހުސައިން ޝަހުދާން ފަހުމީއާއި، ގައުމީ ކަސްރަތު މުބާރާތް، މަކީޓާ ޖޫނިއާ ޗެމްޕިއަންޝިޕް، އެޓޯލް އިންޓަ ސްކޫލް އަދި މައިލޯ އިންޓަ ސްކޫލްގައި ވާދަކުރި ކަލާފާން ސްކޫލްގެ ހުސައިން ނަވާފް ރައޫފްއާއި، މައިލޯ އިންޓަ ސްކޫލްގައި ވާދަކުރި އައްޑޫ ހައި ސްކޫލްގެ އަލީ ނާއިމް ހުސައިންއާއި، މަކީޓާ ޖޫނިއާ ޗެމްޕިއަންޝިޕް، އެޓޯލް އިންޓަ ސްކޫލް، އަދި މައިލޯ އިންޓަ ސްކޫލްގައި ވާދަކުރި ޝަރަފުއްދީން ސްކޫލްގެ އިބްރާހީމް އަމީން ހަސަން ދީދީގެ އިތުރުން އެޓޯލް އިންޓަ ސްކޫލް އަދި މައިލޯ އިންޓަ ސްކޫލްގައި ވާދަކުރި ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް ހުސައިން ރިޒާ އެވެ.
ސާފް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރާނީ ފިރިހެން ކުދިންގެ 100މ، 200މ، 400މ ދުވުން 100މ އަދި 400މ ރިލޭގަ އެވެ.
ސްރީލަންކާގެ ކޮލަމްބޯގައި 2007ވަނަ އަހަރު ބޭއްވި ފުރަތަމަ ސާފް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އަންހެން އަދި ފިރިހެން ޖޫނިއާ ޓީމުން ވަނީ އެ މުބާރާތުގެ 100މ ރިލޭ އާއި އަދި 400މ ރިލޭގައި ވާދަކޮށް ބްރޯންޒް މެޑަލް ހޯދާފަ އެވެ.