04 Nov 2013, 09:17
ޤާހިރާ (އޮކްޓޯބަރ 4): ޢަސްކަރީ އިންގިލާބެއްގައި މަގާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ މައްޗަށް ހިންގާ ޝަރީޢަތުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް މިސްރުގެ ޝަރުޢީ ދާއިރާ ތައްޔާރުވެފައިވާ އިރު ޝަރީޢަތް ބޭއްވުމަށް ހަމަޖެހިފައިވާ ގާހިރާގެ ފުލުހުންގެ އެކަޑަމީ ހިސާރު ކުރުމަށް މުރުސީ ނިސްބަތްވެވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުން އެޖަމާއަތުން މިސްރުގެ ރައްޔިތުންނަށް ގޮވާލައިފި އެވެ.
އިޚްވާން ޖަމާއަތުން ނެރުނު ބަޔާނެއްގައި މިއީ އެއްވެސް ޝަރްޢިއްޔަތެއް ނެތް ސިޔާސީ ޝަރީޢަތެއް ކަމަށް ސިފަކޮށް މިކަމުގެ ބޭނުމަކީ މިސްރުގެ އިސްލާމީ ފިކުރަށް ނިސްބަތްވާ ސިޔާސީ ލީޑަރުންގެ ދުވަސް ދުއްވާލުން ކަމަށް ސިފަކޮށްފައިވެ އެވެ. ޑރ. މުރުސީ އާއި އިޚްވާން ޖަމާއަތުގެ އިސް 14 ލީޑަރުން ހައްޔަރުކޮށްފައިވާ އިރު އެމީހުންގެ މައްޗަށް ކޮށްފައި ވަނީ މުރުސީގެ ވެރިކަމުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި މީހުން މެރުމަށް ރޭވުމުގެ ކުށެވެ. މިކުށް ސާބިތުވެއްޖެ ނަމަ ޑރ. މުރުސީއާއި އިޚްވާން ޖަމާއަތުގެ އިސް 14 ލީޑަރުންގެ މައްޗަށް މަރުގެ ހުކުމް އަންނާނެ އެވެ.
ޑރ. މުރުސީ އާއި އިޚްވާން ޖަމާއަތުގެ އިސް 14 ލީޑަރުންގެ މައްޗަށް މީހުން މެރުމުގެ ދައްވާ ކޮށްފައިވާ އިރު މުރުސީ ވެރިކަމުން ދުރުކުރުމަށް ފަހު މިސްރުގެ ސިފައިން އިސްކޮށް ތިބެގެން އުފައްދާފައިޥާ އިންތިގާލީ ސަރުކާރުގެ ވެރިކަމުގައި އެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި 800 އަށް ވުރެ ގިނަ މީހުން ރާބިޢާ އަލްޢަދަވިއްޔާ މައިދާނާއި ނަހްޒާ މައިދާނުގައި މަރާލާފައިވެ އެވެ. ޑރ. މުރުސީގެ ޝަރީއަތް މިއަދު ފެށުމަށް މިސްރުގެ ޝަރުޢީ ދާއިރާ ތައްޔާރުވެފައިވާއިރު މިސްރުގެ ސިފައިންގެ ލަޝްކަރުތައް ވެސް ވަނީ ތައްޔާރީ ޙާލަތަކަށް ގެނަސްފަ އެވެ. އަދި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ގާހިރާގެ މަގުތަކަށް 30 ހާސް ފުލުހުން ވަނީ ނެރެފަ އެވެ.
މިސްރުގެ ހަތިޔާރުއެޅި ލަޝްކަރުތަކުން ބުނީ އެލަޝްކަރުތައް ތައްޔާރީ ހާލަތަކަށް ގެނެވިފައިވަނީ މުރުސީގެ މައްޗަށް ސަރުކާރުން ކުރާ ދައުވާތަކުގެ ޝަރީއަތް ފެށުމުން ކުރިމަތިވެދާނެ ހަމަނުޖެހުންތަކަކާ ކުރިމަތިލުމުގެ ގޮތުންކަމުގައެވެ. މުރުސީގެ މައްޗަށް ކުރެވިފައިވާ ދައުވާގެ ޝަރީޢަތުގެ މަޖިލިސް ބޭއްވުމަށް ކުރިން ހަމަޖައްސާފައި ވަނީ ގާހިރާގެ ދެކުނުގައިހުންނަ ތުއްރާ ޖަލުގެ އިދާރީ އޮފީހުގަ އެވެ. ނަމަވެސް މިސްރުގެ ވަގުތީ ސަރުކާރުން ކުއްލި ގޮތަކަށް އިއްޔެ ވަނީ މުރުސީގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތުގެ މަޖިލިސް، ގާހިރާގެ އިރުމަތީ ފަޅީގައި ހުންނަ ޕޮލިސް އެކަޑަމީ އަށް ބަދަލުކުރިކަން ކުއްލި ގޮތަކަށް އިޢްލާންކޮށްފަ އެވެ.
ޑރ. މުރުސީގެ ޢައިލާއިން ވަނީ މުރުސީއަކީ މިސްރުގެ ރައީސް ކަމަށާއި އޭނާ އަކީ މިސްރުގެ ސިފައިން ވަގަށްނަގާފައިވާ ރަހީނެއް ކަމަށް ބުނެ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވުމަށް ދެކޮޅު ހަދާފަ އެވެ. އަދި މުރުސީގެ މައްޗަށް ޝަރީޢަތް ހިންގާ ކޯޓުތައް ގާނޫނީ ގޮތުން ސައްޙަ ކަމާމެދު ވެސް މުރުސީގެ ޢާއިލާއިންވަނީ ސުވާލު އުފައްދާފަ އެވެ. ވެރިކަމުން ދުރުކުރުމަށް ފަހު މިވީ ފަސްވަރަކަށް މަސްދުވަހުގެ ތެރޭގައި މުރުސީވަނީ ޝަރީޢަތަކާނުލާ ހައްޔަރުކޮށްފަ އެވެ. (އަލްޖަޒީރާ)