04 Nov 2013, 00:10
ގައުމުގެ ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފެދުމަށް ޖާގަ ދެވިގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރީއްޔާގެ ސުޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަސް ނުވަތަ ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގެ ހަދާނުގައި ކުޅުދުއްފުށީގައި މިރޭ ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވީ އެއްބަޔަކު އަނެއްބައެއްގެ މެދުގައި އުފެދޭ ހިޔާލުތަފާތުވުންތަކުގެ ތެރެއިން އަދި ގައުމަށް އައިސްފައިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ސިފައިންނާއި ފުލުހުންގެ ތެރޭގައި ސިޔާސީ ބައިބައިވުން އުފެއްދުމަށް ޖާގަދެވިގެން ނުވާނެ ކަމަށެވެ.
އާޒިމާ ވިދާޅުވީ ދިވެހިން އިސްކަންދޭންވީ ހަމައެކަނި ނޮވެމްބަރު ތިނެއް އިޔާދަ ވިޔަ ނުދިނުމަށް އެކަނި ނޫން ކަމަށާއި 7 ފެބްރުއަރީ އަލުން އިޔާދަ ވިޔަ ނުދިނުމަށް ވެސް އަޒުމު ކަނޑައަޅަން ޖެހޭ ކަމަށެވެ.
"ގައުމުގެ ސަލާމަތީ ބާރުތަކަކީ އެއްވެސް ހާލެއްގައި ސިޔާސީ ގޮތުން އެކިއެކި ބައިބައިވުންތައް އަމާޒުވެގެންވާ ތަނަކަށް ވެގެން ނުވާނެ. ނޮވެންބަރު މަހުގެ 3 ނޫނަސް ފެބްރުއަރީ 7 ވަނަ ދުވަހު މާލޭގައި ތިބި މީހުން މި ގައުމުގެ އެންމެން ވެސް ސިފައިންނާއި ފުލުހުން އެއްބަޔަކާއި އަނެއް ބަޔަކާ ކުރިމަތިލިތަން ދުށީ ހިތާމައާ އެކު، ބިރުވެރިކަމާ އެކު. އަޅުގަނޑުމެންގެ ތެރޭގައި އިޔާދަ ނުވާންވީ ދުވަހަކީ އެއީ،" އާޒިމާ ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ ބައެއް ސިޔާސީ މީހުންގެ ވިސްނުމުގައި ސިފައިންނާއި ފުލުހުންގެ މެދުގައި ސިޔާސީ ފިކުރު އުފެއްދުމަކީ ކުރަން ރަނގަޅު ކަމެއް ކަމަށް ގަބޫލު ކުރެވުނު ނަމަވެސް އެކަމަކީ ފަހުން މުޅި ގައުމުގެ އެކަމުގެ އަގު އަދާކުރަން ޖެހޭ ކަމަކަށް ވެގެން ހިނގައިދާނެ ކަމަށެވެ. އެހެން ކަމުން އާޒިމާ ވިދާޅުވީ ގައުމުގެ ސަލާމަތީ ބާރުތަކުގެ ތެރެއަށް ސިޔާސީ ނުފޫޒު ނުވެއްދުމަށް ހުރިހާ ސިޔާސީ ލީޑަރުން ވެސް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ.
އާޒިމާ ވިދާޅުވީ ގައުމުގެ ސަލާމަތީ ބާރުތަކަކީ ގައުމުގެ ހަމަޖެހުމާއި ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އެބަޔަކާ ގުޅިފައިވާ މީހުން ކަމަށެވެ. އެހެން ކަމުން ގައުމުގެ ސަލާމަތީ ބާރުތަކާއި އަދުލު އިންސާފުގެ ދާއިރާ ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
އާޒިމާ އިތުރަށް ވިދާޅުވީ ސިފައިންނާއި ފުލުހުން އަމާނާތްރިވާން ޖެހޭނީ ދިވެހި ގައުމަށާއި ދިވެހި ދިދަ އަށް ކަމަށެވެ. އަދި އެ މީހުންގެ އަޒުމަކަށް ވާން ޖެހޭނީ ދިވެހި ގައުމާއި ދިވެހި ދިދަ އަދި އަދި ދިވެހި ރައްޔިތުން ތާއަބަތަށް ހިމާޔަތްކޮށް ރަކާތެރިކޮށް އަދި އަންނަން އޮތް ޖީލަށް މިނިވަންކަމާ އެކު ދިވެހި ގައުމު ގެނެސްދިނުން ކަމަށް އާޒިމާ ވިދާޅުވި އެވެ.
ނަސްރުގެ ދުވަހަކީ މީގެ 25 އަހަރަކު ކުރިން، 3 ނޮވެމްބަރު 1988ގައި ރާއްޖެ އަށް ބޭރުގެ ކުލީ ސިފައިންގެ ބަޔަކާއި ދިވެހިންގެ ބަޔަކު ގުޅިގެން ދިން އުދުވާނީ ހަމަލާގައި ޝަހީދުވި 19 ދިވެހިންގެ ޒިކުރާ އާކޮށް، އެ ދުވަހަކީ ދިވެހިންނަށް ނަސްރު ލިބުނު ދުވަސް ކަމަށް ފާހަގަ ކުރާ ދުވަހެވެ.