03 Nov 2013, 22:49
ޕަސްކޯލް ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލުން ކްލަބްތައް ޖާގަ ހޯދައިފި އެވެ. އެގޮތުން ފުރަތަމަ ސެމީގައި ވާދަކުރާނީ ޕޮލިސް ކްލަބާއި ޔޫތު ސްޕޯޓްސް ކްލަބެވެ. އަދި ދެވަނަ ސެމީގައި ވާދަކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ކްލަބް ޕީކޭ އެވެ.
ސިފައިން މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖްގައި އެޓީމު ވާދަކުރި ހުރިހާ މެޗުތަކެއް ކާމިޔާބު ކޮށް އަށް ޕޮއިންޓާއެކު ގްރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އަދި ޕޮލިސް ކްލަބް ސެމީއިން ޖާގަ ހޯދީ ހަތް ޕޮއިންޓާއެކު ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.
ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ހަ ޕޮއިންޓާއެކު ޖުމުލަ ތިން ޓީމު ވާދަކުރި ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ކްލަބް ޕީކޭ ސެމީން ޖާގަ ހޯދިއިރު ޔޫތު ސްޕޯޓްސް ސެމީއަށް ދަތުރު ކުރީ މިރޭ ނައިފަރު ޖުވެނައިލްއާ ވާދަކޮށް ސީދާ ތިން ސެޓުން މެޗް ކާމިޔާބުކޮށްގެން ތިން ޕޮއިންޓާއެކު އެ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.
ސެމީފައިނަލްގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ، އަންގާރަ ދުވަހުގެ ހަވީރު 4:30ގަ އެވެ. އަދި ދެވަނަ ސެމީ ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރޭގަނޑު 8:30ގަ އެވެ.
ސެމީ ފައިނަލްގެ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ސެމީގައި ޕޮލިހާއި ޔޫތު ވާދަކުރާ މެޗުން މޮޅުވާ ޓީމެއް މުބާރާތުގެ ފައިނަލަށް ދާނެ އެވެ.
ފައިނަލްގައި އަނެއް ކޮޅުން ވާދަކުރާނީ، ދެވަނަ ސެމީ ފައިނަލްގައި ސިފައިންނާއި ޕީކޭ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާއި ފުރަތަމަ ސެމީން ބަލިވާ ޓީމާ ދެމެދު ބުދަ ދުވަހުގެރޭ 8:30ގައި ކުޅެން ހަމަޖެހިފައިވާ ތިންވަނަ ސެމީން މޮޅުވާ ޓީމެކެވެ.