03 Nov 2013, 22:37
ކެންޔާގެ ގާނޫނު ހަދާ މަޖިލިހުން ފާސް ކުރި، ނޫސްވެރިކަމާ ބެހޭ އައު ގާނޫނެއް ތަސްދީގު ކުރެއްވުމުގެ ކުރީން، އެ ގާނޫނު އިތުރަށް މުރާޖައާ ކުރައްވާން އެ ގައުމުގެ ރައީސް އުހޫރޫ ކެންޔައްޓާ ވައުދު ވެވަޑައިގެންފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ދަންވަރުގެ ވަގުތުގައި ގާނޫނު ހަދާ މަޖިލިހުގެ ޖަލްސާއެއް ބާއްވައި، ފާސް ކުރި ގާނޫނާ ދެކޮޅަށް ކެންޔާގެ ނޫސްވެރީން ގެންދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ނޫސްވެރީންނާއި މީޑިއާ އިދާރާތަކުން ބުނަމުން ގެންދަނީ އަލަށް ހެދުނު ގާނޫނަކީ ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަންނަ، އަދި ގައުމުގެ ގާނޫނުއަސާސީއާ ތައާރުޒު ވާ ގާނޫނެއް ކަމުގައެވެ.
އައު ގާނޫނު މުރާޖައާ ކުރައްވަން ވައުދު ވެވަޑައިގަންނަވަމުން، ރައީސް ކެންޔައްޓާ ވަނީ ނޫސްވެރީން ވެސް މިހާރަށް ވުރެ ބޮޑަށް ޒިންމާދާރު ވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ހޮނިހިރު ދުވަހު ނޫސްވެރީންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވެފައި ވަނީ ނޫސްވެރީންގެ ޒިންމާ އަދާ ކުރުމުގައި ތެދުވެރި ވުމާއި އިޚްލާސްތެރި ވުމާއި ޒިންމާދާރު ވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ވުރެ އެއްވެސް ގޮތަކުން ކުޑަ ނޫން މަސްލަހަތެއް ކަމުގައެވެ.
"ފާސް ކުރެވުނު ބިލް، ގާނޫނު ހަދާ މަޖިލިހުން އަޅުގަނޑަށް ފޮނުއްވައިދެއްވުމުން، އެ ބިލު އެއްވެސް ގޮތަކަށް ގާނޫނުއަސާސީއާ ތައާރުޒު ވޭތޯ ނުވަތަ ނޫންތޯ ބަލައި، އަދި ގާނޫނުގައި ހުރި ސާފު ނޫން ނުވަތަ އުނިކަންކަން ފާހަގަ ކޮށް އެކަންކަމާ މެދު އަޅާން ޖެހޭ ފިޔަވަޅުތައް އަޅާނަން" ރައީސް ކެންޔައްޓާ ވިދާޅުވިއެވެ.
ކެންޔާގެ ކުރީގެ ބޮޑުވަޒީރު، އަދި އެންމެ ފަހުން ބޭއްވުނު ރިއާސީ އިންތިޚާބުގައި ރައީސް ކެންޔައްޓާއާ ވާދަ ކުރައްވައި ނާކާމިޔާބު ވެވަޑައިގަތް ރެއިލާ އޮޑިންގާ ވިދާޅުވި ގޮތުގައި އަަލަށް ފާސް ކުރެވުނު ގާނޫނަކީ ތަސްދީގު ކުރެވިގެން ވާނޭ ގާނޫނެއް ނޫނެވެ.
"މި ބިލު ތަސްދީގު ނުކުރެއްވުމަށ ްއަޅުގަނޑުމެންނަށް ރައީސް ކެންޔައްޓާގެ އަރިއަހުން ހަމައެކަނި އެދެވޭނީ. މި ބިލު ގާނޫނަކަށް ވުމަކީ ގައުމަށް ލިބޭ ދެރައަކަށް ވާނެ. އެއީ ގާނޫނުއަސާސީއާ ވެސް ޚިލާފު ގާނޫނެއް" އޮޑިންގާ ނެރުއްވި ބަޔާނެއްގައި ވެއެވެ.
ނޫސްވެރިކަމާ ގުޅޭ އައު ބިލެއް ކެންޔާގެ ގާނޫނު ހަދާ މަޖިލިހަށް ހުށަހެޅުނީ، ފާއިތު ވި ސެޕްޓެންބަރު މަހު އެ ގައުމުގެ ވެރި ރަށުގައި ހުންނަ ވެސްޓްގޭޓް ވިޔަފާރި މޯލުގައި ދެވުނު ހަމަލާތަކުގެ ތެރޭގައި، މީޑިއާގެ ބައެއް އިދާރާތަކުން މައުލޫމާތު ފެތުރި ގޮތާ މެދު ހިތްހަމަނުޖެހުންތަކެއް އުފެދުމަށް ފަހުގައެވެ. މި ހާދިސާގެ ޚަބަރު ފެތުރި ބައެއް ޓީވީތަކުން ވަނީ، ވެސްޓްގޭޓް މޯލުގައި ދެވުނު ހަމަލާތަކަށް ފަހު އެ ތަނަށް ދިޔަ ފުލުހުންގެ ބައެއް އޮފިސަރުން ތަނުގެ ތެރޭގައި ހުރި ފިހާރަތަކުން ބައެއް މުދާ ފޭރޭ މަންޒަރު ކަމަށް ބުނާ ވީޑިއޯތަކެއް ދައްކައިފައެވެ.
ނޫސްވެރިކަމުގެ އިންތަކާއި ހުދޫދުތައް ކަނޑައަޅާ އައު ބިލުގައި ވާ ގޮތުން ކެންޔާގައި "ކޮމިޔުނިކޭޝަންސް އެންޑް މަލްޓިމީޑިއާ އެޕީލްސް ޓްރައިބިއުނަލް" ގެ ނަމުގައި އައު ޓްރައިބިއުނަލެއް އުފެދޭނެއެވެ. އަދި ނޫސްވެރިކަން ކުރާ އިދާރާތަކުން، ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތަކާ ޚިލާފު ވާ ހާލަތުތަކުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވިދާނެއެވެ. އެގޮތުން އެންމެ ސީރިއަސް މައްސަލަތަކުގައި 234000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރެވިދާނެ ކަމަށް މި ބިލުގައި ބުނެއެވެ.
ބައެއް ކަހަލަ ކުށްތަކާ ގުޅިގެން ނޫސްވެރީން މުޅި އުމުރަށް ނޫސްވެރިކަމުގެ މަސައްކަތް ކުރުން މަނާ ކުރުމުގެ ދޮރު ވެސް އައު ބިލުގެ ސަބަބުން ހުޅުވިގެން ދާނެއެވެ.
ކެންޔާގެ ރޭޑިއޯ އަދި ޓީވީތަކުން ފޮނުވާ ކޮންޓެންޓުގެ މަދުވެގެން 45 އިންސައްތަ އަކީ ކެންޔާގެ އުފެއްދުންތައް ކަމަށް ވާން ޖެހޭނޭ ކަމަށް ވެސް އައު ބިލުގައި ވެއެވެ.
މި ބިލާ ދެކޮޅަށް ކެންޔާގެ މީޑިއާ އިދާރާތައް ވަނީ ތެދު ވެފައެވެ. ކެންޔާގެ އެންމެ މަގުބޫލު ރޭޑިއޯ ސްޓޭޝަން ކަމަށް ވާ ކެޕިޓަލްއެފްއެމްގެ މެނޭޖިންގ ޑިރެކްޓަރ ސައިރަސް ކަމާއޫ މިއަދު ވިދާޅުވި ގޮތުގައި ގާނޫނު ހަދާ މަޖިލިހުން ފާސް ކުރި އައު ބިލަކީ ވަރަށް ހަރުކަށި، އަދި އަދަބު ދިނުމުގެ މަގުސަދު ފިޔަވައި އެހެން މަގުސަދެއް ނެތް ބިލެކެވެ. ގައުމުގެ އެންމެ ބޮޑު ނޫސް "ޑެއިލީ ނޭޝަން" ގެ ހޮނިހިރު ދުވަހުގެ އެޑިޝަނުގެ މޫނުމަތީ ސަފުހާގެ ބޮޑު ސުރުޚީއަކަށް އޮތީ "ނޫން، އިއްޒަތްތެރި ރައީސް" އެވެ.
ކެންޔާގެ އިތުރުން ނޫސްވެރިކަމާ ބެހޭ ބައިނަލްއަގުވާމީ އިދާރާތަކުން ވެސް ރައީސް ކެންޔައްޓާއަށް ގޮވައިލައިފައި ވަނީ އައު ބިލު ތަސްދީގު ނުކުރައްވައި ވީޓޯ ކުރެއްވުމަށެވެ.