އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ތިން ކެންޑިޑޭޓުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ބައްދަލު ކުރައްވަން ނިންމަވައިފި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމާ ރައީސް ބައްދަލުކުރައްވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ މުހިންމު ބައެއް ކަންތައްތަކާ ބެހޭ ގޮތުން، މަޝްވަރާ ކުރެއްވުމަށެވެ.

ރައީސް އޮފީހުން މިރޭ ބުނީ އެ ބައްދަލުކުރެއްވުން ބާއްވަވާ ގޮތަށް ހަމަޖެއްސަވާފައި ވަނީ އަންނަ ބުދަ ދުވަހުގެ މެންދުރުކުރީ 11.30ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ.

އެ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވައި، އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ސިޓީފުޅެއް ފޮނުއްވާފަ އެވެ.
ރިޔާސީ ކެންޑިޑޭޓުންނާ ރައީސުލްޖުމްހޫރިއްޔާ މި ބައްދަލުކޮށްލައް ވަނީ، ރާއްޖޭގައި މިބޭއްވޭ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި، އަދި އޮމާން ޞުލްޙަވެރި އިންތިޚާބަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.