03 Nov 2013, 15:48
މީގެ 25އަހަރު ކުރިން ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހަކީ ދިވެހިންނަށް ބިރުވެރި ދުވަހެކެވެ. ކަންތައްތައް ވިސްނޭ އުމުރުގެ އެންމެން އެ ހަނދާންތައް ހުންނާނެ އެވެ. އެއީ ހަނދާން ނުނެތޭ ފަދަ ބިރުވެރި ދުވަހެކެވެ.
އެދުވަހުގެ ހަނދާން އެންމެ ރަނގަޅަށް ހުންނާނެ އެއް ބަޔަކީ އެ ދުވަހު ގައުމު ދިފާއު ކުރި ސިފައިންނެވެ. އޭގެތެރެއިން ވެސް ކުރިއަށް ތިއްބެވި ފަހުލަވާނުންނެވެ. މޭޖަ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލު ހިމެނިވަޑައިގަންނަވަނީ އޭގެ އިސް ފަހުލަވާނެއްގެ ގޮތުގަ އެވެ.
ޖަލީލު ވަނީ އެ ދުވަހު ކަންތައްތައް ހިނގައި ދިޔަ ގޮތް ވަރަށް ތަފުސީލުކޮށް ލިއުއްވައި ރައްކާކުރައްވާފަ އެވެ. އަމިއްލަފުޅު ބޭނުމަށް ލިއުއްވާފައިވާ އެލިއުން ވަނީ ސަން އަށް ލިބިފަ އެވެ.
އޭނާގެ ލިއުއްވުމުގައިވާ ގިނަ މައުލޫމާތުތަކަކީ އެ ހާދިސާގެ ފަހުން ލިޔެ ޝާއިއު ކުރި ދެ ފޮތުން ވެސް ލިބޭ މައުލޫމާތުތަކެވެ. ނަމަވެސް އޭގެތެރޭގައި ނުހިމެނިވާ މައުލޫމާތުކޮޅެއް ވެސް އެ ލިއުއްވުމުގައިވެ އެވެ. އެއީ އެދުވަހު ނުހަނު ހިތްވަރު ކުރި ސިފައިންގެ އިތުރުން ހިތްވަރެއް ނެތް ބައެއް ސިފައިން ވެސް ތިބި ކަމެވެ.
އެދުވަހު ބާޣީންގެ ހަމަލާތަކުން ދިފާއު ކުރުމަށް ސިފައިންގެ ހެޑްކުއާޓަރުގައި ބޭތިއްވި ބައެއް ސިފައިން އެތަންތަން ދޫކޮށް ދިއުމުން އަލުން އެ މީހުންގެ މަގާމުތަކަށް ގެންދަން ޖެހުނުކަން އޭނާ ފާހަގަ ކުރައްވާފައިވެ އެވެ.
"... އެއަށް ފަހު އަނެއްކާ ވެސް ޑެޕްލޯއި ކުރެވިފައިވާ މީހުންތައް ބަލައި ޗެކްކުރަމުން ދިޔަ އިރު ގިނަ ފެންޑާތަކުގައި ބައިތިއްބާފައި ތިބިތަން ދޫކޮށްލާފައި ގިނަ މީހުން ތިބީ އެނދު ސެޓްތަކުގެ ދަށުގައި ސީލިންގާ ދިމާލަށް ބަޑިތައް އަމާޒުކޮށްގެންނެވެ. މިހެން ތިބިތަން ފެނިފައި ޖެހުނީ އަނެއްކާ ވެސް މީހުން ތަރުތީބުކޮށް އަތުރާށެވެ. މިހެން އުޅުނު އުޅުމުގެ ތެރޭގައި ވަރަށް ގިނަ ފަހަރު ވަރަށް ގިނަ ފެންޑާތަކަށް ވަދެ ޗެކްކުރެވުނެވެ. އެދުވަހު ގިނަ މީހުން ބަޑި ޖަހަމުން ދިޔައީ އެއެއް މިއެއް ބެލުމެއް ނެތި ހަމައެކަނި ވަޒަނުން ގޮވާ އަޑުއިވުމާ އެކު ސިހިގެން ގޮސްފައި އެމީހެއްގެ އަތުގައި އޮންނަ ބަޑި ވެސް ގޮއްވާލަނީ އެވެ،" މޫސާ އަލީ ޖަލީލު މީގެ 20 އަހަރު ކުރިން (1993 ވަނަ އަހަރު) ލިއުއްވި ލިއުމުގައިވެ އެވެ.
އެގޮތުން އަތުގައި އޮންނަ ބަޑި މިހާރު މިޖެހެނީކަން އެނގެނީ މެގަޒިން ހުސްވާ ފަހުން ކަމަށް ވެސް އޭނާ ލިއުއްވާފައިވެ އެވެ.
"މިގޮތަށް ގޮއްވާލެވި، އެމީހެއްގެ އަތުގައި އޮންނަ ބަޑި މިހާރު މިޖެހެނީކަން އެ މީހަކަށް އެނގިގެން ހުއްޓާލެވޭ އިރު އެބަޑިއެއްގެ މެގަޒިންގައި ހުންނަ ވަޒަން ހުންނަނީ ހުސްވެފަ އެވެ. މިއީ ވަރަށް ގިނަ ބަޔަކަށް ދިމާވި ގޮތެވެ،" ޖަލީލު ލިއުއްވާފައިވެ އެވެ.
އެކަން އެހެން ދިމާވި ސަބަބު ވެސް އޭނާ ވަނީ ލިއުއްވާފަ އެވެ. އެގޮތުން އޭރު ދިވެހި ސިފައިންނަށް އެކަށީގެންވާ ތަމްރީނު ދެވިފައި ނެތްކަން އޭނާ ފާހަގަ ކުރައްވާފައިވެ އެވެ.
".. ބިލްޑްއަޕް އޭރިއާއެއްގެ ހަނގުރާމައެއްގައި އޭރު ދިވެހި ސިފައިންނަށް އެކަށީގެންވާ ތަމްރީނެއް ލިބިފައި ނެތުމާއި ކުއްލިއަކަށް ދުޝްމަނުންގެ ބަޔަކަށް ސިފައިންގެ ތެރެއަށް ވަދެ ހަމަލައެއް ދެވިއްޖެ ނަމަ ސިފައިންގެ ދިފާއުކުރެވޭނެ ކަމުގެ އުއްމީދު ކުޑަކަމުންނެވެ،" އޭނާ ލިއުއްވާފައިވެ އެވެ.
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ޖަލީލު އެ ހާދިސާ ވަރަށް ތަފުސީލުކޮށް ލިއުއްވާފައިވާ އިރު ކުރިން ފެތުރިފައިވާ ވަރަށް ގިނަ ތަފާތު ވާހަކަތަކެއްގެ ދޮގުކަން ވެސް އެލިއުމުން ވަނީ ހާމަވެފަ އެވެ. އެގޮތުން ސިފައިންގެއިން ނުކުންނެވި ބޭކަލުން ނުކުތީ ހުސްއަތާ ކަމަށް ދެކެވޭ ވާހަކައާއި އެބޭކަލުން ޝަހީދުވީ ހަނގުރާމަ ނުކުރައްވައި ކަމަށް ދެކެވުނު ވާހަކަ އަކީ ދޮގެއް ކަން ވެސް އެނގެ އެވެ.
"ހަމަ ނުކުތުމާ އެކު ދުޝްމަނުން ހަމަލާ ދޭންފެށި އެވެ. ރައްދު ހަމަލާ ވަގުތުން ދިނީމެވެ. ފަހަތަށް ޖެހި ދުޝްމިނުންގެ ބާރު ކަނޑުވާލެވުނެވެ. ނަމަވެސް މިހަމަލާގައި އަޅުގަނޑުމެންނެގެ ތިން މީހުން ޝަހީދުވި އެވެ،" ޖަލީލު ލިއުއްވާފައިވެ އެވެ.