03 Nov 2013, 15:29
ރާއްޖެއަށް އެތެރެ ކުރި ކިރުގެ ބާވަތްތަކާއި ކަޕް ނޫޑުލުހާއި ޗިލީ ސޯސް އަދި ޖޫހުގެ ބާވަތްތަކެއް ކަސްޓަމްސުން ނައްތާލައިފި އެވެ.
ކަސްޓަމްސުން ބުނީ މިދިޔަ މަހުގެ 18 ގައި ރާއްޖެ އެތެރެ ކުރި 28 ކާޓޫންގެ ކާބޯތަކެތި މިދިޔަ ބުރާސްފަތި ދުވަހު ނައްތާލާފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިގެން ކަމަށެވެ. ނަމަވެސް އެތަކެތި ނައްތާލަށް އެޗްޕީއޭއިން ނިންމީ ކީއްވެގެން ކަމެއް ކަސްޓަމްސްއަކުން ނުބުންޏެވެ.
ކަސްޓަމްސުން ބުނީ ހަލާކުވެފައިވާ ގިނަ އަދަދެއްގެ ތަކެތި ރާއްޖެ އެތެރެ ކުރުމުން ފާއިތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ކަސްޓަމްސުން ނައްތާލާފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އަމިއްލަ ކުންފުންޏަކުން އެތެރެކޮށްފައިވާ 284 ފޮށި ކަރާޔާއި 198 ފޮށި އަލަނާސި ކަސްޓަމްސުން ވަނީ ނައްތާލާފަ އެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަމިއްލަ ކުންފުންޏަކުން އެތެރެކޮށްފައިވާ 700 ކިލޯ މޭބިސްކަދުރާއި، 37 ބަސްތާ ފިޔާ، އަދި ނުވަ ކޭސް ބިސް ވެސް ކަސްޓަމްސުން ވަނީ ނައްތާލާފަ އެވެ. މި ހުރިހާ ތަކެތި ނައްތާލެވިފައި ވަނީ "އިންސާނުން ކެއުމަށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި" ހުރުމުގެ ސަބަބުން ކަމަށް ކަސްޓަމްސުން ބުންޏެވެ.
ރިޒޯޓަކުން އެތެރެކުރި ތިން ބާވަތެއްގެ ގަސްތަކެއް ވެސް ކަސްޓަމްސުން ވަނީ ނައްތާލާފަ އެވެ. އެއީ 257 ލޭޑީ ޕާމް އާއި 40 ބްލޫ އަގޭވް އަދި 10 ސްކްރޫޕައިން އެވެ. އެ ގަސްތައް ނައްތާލީ ބަލި ހުރި ކަމަށް ޝައްކު ކުރެވިގެނެވެ.
އަމިއްލަ ފަރާތަކުން އެތެރެކުރި 40 އަނބުގަސް ވެސް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަސްޓަމްސުން ވަނީ ނައްތާލާފަ އެވެ. މިތަކެތި ނައްތާލެވިފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ ޕްލާންޓް އެންޑް ކަރަންޓީން ޔުނިޓް އިން މިފަދަ ތަކެއްޗާމެދު ޢަމަލު ކުރާ އުޞޫލުގެ މަތިންނެވެ.