ސޮނޭވާ ގިލި ރިސޯޓުން މާލެ އަންނަނިކޮށް ވިއްސާރަވުމުން، ހުޅުމާލެ ބޭރަށް ޖެއްސި ޓީއެމްއޭގެ ސީޕްލޭނެއްގައި ތިބި ޓޫރިސްޓުންތަކެއް އެމްއެންޑީއެފްއިން ސަލާމަތްކޮށްދީފި އެވެ.

ސަން އަށް އެގިނފައިވާގޮތުގައި މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ގިނަ ޓޫރިސްޓުންތަކެއް ގޮވައިގެން ހުޅުލެއަށް ޖައްސަން އައި ޓީއެމްއޭގެ އެއާޓެކްސީ އަށް ވިއްސާރަވުމުން ނުޖެއްސިގެން އެންމެ ފަހުން ޖައްސާފައި ވަނީ ހުޅުމާލެއާ ފަސް މޭލު ބޭރަށެވެ.

އެމްއެމްޑީއެފްގެ މީޑިއާ އޮފިޝަލް ހުސެއިން އަލީ ވިދާޅުވީ އެ އެއާ ޓެކްސީގައި ތިބި ފަސިންޖަރުން ސަލާމަތަށް އެދުމުން ސިފައިން ގޮސް އެމީހުން ހުޅުލެއަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ އެއާޓެކްސީ ވެސް މިހާރު ހުޅުލެއަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ޓީއެމްއޭގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސޮނޭވާފުށިން ފުރައިގެން ހުޅުލެއަށް ޖައްސަން އައި އެ ބޯޓު ކަނޑަށް ޖެއްސީ ވިއްސާރަވުމުގެ ސަބަބުން ކަމަށާއި އިތުރު އެއްވެސް ކަމެއް ދިމާނުވާ ކަމަށެވެ. އަދި އެވަގުތު ގިނަ ޓޫރިސްޓުންތަކެއް އެ އެއާ ޓެކްސީގައި ތިބި ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.