އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލްގައި ކުރިން ޑިޕާޗާ ރެސްޓޯރަންޓް ހިންގި ތަނުގައި ބާގާ ކިންގަކާއި ކޮފީ ކްލަބް ކެފޭއެއް ހުޅުވައިފި އެވެ.

ތައިލެންޑްގެ މައިނާ އިންޓަނޭޝަނަލް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ގުޅިގެން އެއާޕޯޓުގެ ޑިޕާޗާ އަދި އެރައިވަލް ޓާމިނަލް ހަދާފައިވާ ފުޑްކޯޓުގައި ބާގާ ކިންގަ ކާއި ތައި އެކްސްޕްރެސް އަދި ކޮފީ ކްލަބް ކެފޭ އެއް މިދިޔަ ޖުލައި މަހު ހުޅުވާފައިވެ އެވެ.

"ޑިޕާޗާގައި އަލަށް ހެދި ފުޑް ކޯޓުގައި ބާގާ ކިންގަކާއި ކޮފީ ކްލަބެއް ހުޅުވައި އެތަނުގެ ހިދުމަތް މިހާރު ވަނީ ދޭން ފަށާފައި. އެތަނުގައި މިވަގުތު ތައި އެކްސްޕްރެސް ހުޅުވާ ގޮތަށް ހަމަޖެހިފައެއް ނުވޭ،" އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެއާޕޯޓުގައި އަލަށް ބާގާ ކިންގާއި ކޮފީ ކްލަބް ހުޅުވި ތަނަކީ ކުރިން ވިންގްސް ސާވިސަސް އިން ރެސްޓޯރަންޓް ހިންގި ތަނެވެ. ނަމަވެސް އެއާޕޯޓް ކުރިން ހިންގި ޖީއެމްއާރުން ވަނީ އެތަނުގައި ފުޑް ކްލަބެއް ހެދުމަށް މައިނާއާ ހަވާލުކޮށްފަ އެވެ. އަދި އެތަނުގައި ހިންގި ރެސްޓޯރަންޓް ހުސްކޮށް އެމްއޭސީއެލްއާ ހަވާލުކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހު އެވެ.

"ކުރިން ޑިޕާޗާ ރެސްޓޯރަންޓް ހިންގި ތަނުގައި ބާގާ ކިންގަކާއި ކޮފީ ކްލަބެއް މިހާރު އެހެރީ ހުޅުވައި އޮޕަރޭޝަން ފެށިފައި. މީގެ ސަބަބުން ފުރާ ޕެސެންޖަރުންނަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.