03 Nov 2013, 14:48
ކ. މާފުށީގައި ހުންނަ ޖަލަށް ފޯނުތަކެއް ވައްދަން އުޅުނު މީހަކު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 28 އަހަރުގެ މީހެއް ކަމަށެވެ. އަދި އޭނާއަކީ ވައްކަމާއި މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.
ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި މާސްކާއި ފިންސް އަޅައިގެން މޫދަށް އެރިގެންގޮސް މާފުށި ޖަލުތެރެއަށް ވަދެ އުޅެނިކޮށް ކަމަވެ. އަދި އޭނާ ހިފަހައްޓައި ހަށިގަނޑު ބަލައި ފާސްކުރިކުރުމުން 23 މޯބައިލް ފޯނާއި ފަސް ޗާޖަރުގެ އިތުރުން ހެޑް ސެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މޯބައިލް ފޯނާއި މަސްތުވާތަކެތި މާފުށީ ޖަލަށް އެތެރެކުރުމަކީ އާންމުކަމެކެވެ. އެފަދަ މައްސަލަތަކާ ގުޅިގެން މީގެކުރިން ވެސް ފުލުހުން ވަނީ އެތަށް ބަޔަކު ހައްޔަރުކޮށްފަ އެވެ.
މާފުށީ ޖަލަށް މަސްތުވާތަކެތި ގެންދަން އުޅުނު ޑީޕީއާރްއެސްގެ މުވައްޒަފަކު ވެސް މިދިޔަ އަހަރުގެ ތެރޭގައި ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.