03 Nov 2013, 14:30
ރީ ރަޖިސްޓްރޭޝަން އާއި ގުޅިގެން ޕީޕީއެމް އިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ލިސްޓާއި މެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފި އެވެ.
ސަންއަށް ދެއެވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ ޕީޕީއެމް އިން އެ ކޮމިޝަނަށް ފޮނުވާފައި ވަނީ 6،000 މީހުންގެ ލިސްޓެއް ކަމަށެވެ. އަދި އެ ލިސްޓާއި މެދު ކޮމިޝަން އިން އަމަލު ކުރާނެ ގޮތެއް ނިންމާފައިނުވާ ކަމަށް އާސިމް ވިދާޅުވި އެވެ.
"ޕީޕީއެމް ގެ ފަރާތުން ކޮމިޝަނަށް ހުށަހަޅާފައި ވަނީ 6،000 މީހުންގެ ލިސްޓެއް. އަދި އެ ލިސްޓާއި މެދު އަމަލު ކުރާނެ ވަކިގޮތެއް ކޮމިޝަނުން ނުނިންމަން" އާސިމް ވިދާޅުވި އެވެ.
އާސިމް ވިދާޅުވީ ޕީޕީއެމް އިން އެދިފައި ވަނީ 6،000 މީހުންގެ ފޯމް ޗެކް ކުރުމަށް ނޫން ކަމަށާއި އަދި ފޮނުވާފައިވާ ލިސްޓުން ޕީޕީއެމް އިން ޗެކް ކުރުމަށް ބޭނުން ވަނީ ކޮން ފޯމް ތަކެއްކަން ނޭނގޭ ކަމަށެވެ. އަދި ޕީޕީއެމް އިން ފޮނުވި 6،000 މީހުންގެ ނަން ލިސްޓެއް ކަމަށާއި އޭގައި ވަނީ މީހުންގެ ނަން ތަކާއި އައިޑީ ކާޑު ނަންބަރު ތައް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން އެ ލިސްޓުން ޕީޕީއެމް އިން ޗެކް ކުރަން ބޭނުންވާ ފޯމް ތައް ހޯދުމަކީ ވަރަށް ދަތި ކަމެއް ކަމަށް އާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމް އިން 6،000 މީހުންގެ ނަން ލިސްޓެއް އެ ކޮމިޝަނަށް ފޮނުވާފައި ވަނީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ވަގުތު ހަމަވި ފަހުން ކަމަށެވެ. އަދި އެ ލިސްޓު ފޮނުވީ ފިންގާ ޕްރިންޓް ވެރިފައި ކުރުމަށް ސިޔާސީ ޕާޓީތަކުން ބޭނުންވާ ފޯމް ތައް ރެންޑަމް ކޮށް ނެގުމަށް ފަހު ޑީއެންއާރަށް ފޮނުވި ފަހުން ކަމަށް ވެސް އާސިމް ވިދާޅުވި އެވެ. އަދި އެ ފޯމްތައް ރެންޑަމް ކޮށް ނަގާފައި ވާނީ ކެންޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންގެ ފޯމުތަކާ ގުޅޭ ގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ މަންދޫބު އަބްދުﷲ އަމީން ވިދާޅުވީ، ފޯމުތަކުގައި ގިނައިން ފާހަގަކުރެވިފައި ވަނީ ކުރިން ވެސް އިލެކްޝަންސް ކޮމިޝަނުން ފޯމުތައް އަނބުރާ ފޮނުވާލަން މެދުވެރިވި ކަމަށް ބުނާ މައްސަލަތައް ކަމަށެވެ.
"ފާއިތުވެދިޔަ ތިން ދުވަހު، އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފޯމުތައް ޗެކްކޮށް ބެލުމުގެ ފުރުސަތު އޮތް. އެގޮތަށް ހުޅުވާލި ފުރުސަތުގެ ބޭނުން ހިފައި އަޅުގަނޑުމެންގެ ފަސް މެންބަރުންގެ ޓީމަކުން ވަނީ، ވަރަށް ގިނަ ވަގުތު ޗެކްކުރުމުގެ މަސައްކަތް ކޮށްފައި،" އަމީން ވިދާޅުވި އެވެ. "އެގޮތުން އަޅުގަނޑުމެންނަށް 54،000 ފޯމް ބަލައި ޗެކްކުރުމުގެ ފުރުސަތު ލިބުނު. އެ ލިބުނު ވަގުތާ އަޅާ ބަލާއިރު އަޅުގަނޑުމެންނަށް އެ 54،000 ފޯމުގެ ތެރެއިން ރެންޑަމްކޮށް 11،000 ފޯމް ޗެކްކުރެވުނު. އެ 11،000 ފޯމުގެ ތެރެއިން 20 އިންސައްތަ ފޯމުގައި ތަފާތު މައްސަލަ ހުރި ކަމަށް އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު."