03 Nov 2013, 14:29
ޗާންދަނީމަގާއި އޯކިޑުމަގު ގުޅުނު ކަންމަތީގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ބަހައްޓާފައި ހުރި ސީސީޓީވީ ކެމެރާ އަށް ގެއްލުންދީ އެ ކެމެރާ ހަލާކުކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސީސީޓީވީ ކެމެރާ ހަލާކުކޮށްލި ކަމަށް ތުހުމަތު ކުރެވޭ އއ. އުކުޅަސް ބީޗްރެސްޓް ކާމިލް އިބްރާހީމްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދިނީ އިއްޔެ ކަމަށެވެ.
ޗާންދަނީމަގާއި އޯކިޑުމަގު ގުޅުނު ކަންމަތީގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ބަހައްޓާފައި ހުރި ސީސީޓީވީ ކެމެރާ ހަލާކުކޮށްލާފައި ވަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގަ އެވެ. އެ މުޒާހަރާގައި ކާމިލްއާއި އިތުރު ބަޔަކު ލަޓިބުރިން ފުލުހުންނަށް ބިރުދައްކާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
ކާމިލް ހޯދުމަށް ތަކުރާރުކޮށް ކުރި މަސައްކަތުން މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މ. ބަހުރޭން ގެއަށް ގޮސް ޗެކްކުރި އިރު އެގޭގައި އޭނާ ފިލައިގެން އުޅެނިކޮށެވެ. އޭނާ ފުލުވިކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ފުލުސް އޮފީހަށް ހާޒިރުވުމަށް ވެސް ފުލުހުން ޗިޓް ހަވާލު ކުރި އެވެ.
ފުލުހުން ބުނީ ކާމިލް ފިލުވި މީހުންނާ މެދު ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ކާމިލްގެ ވަނަވަރު އޮޅުންފިލުވުމަށް ރައްޔިތުންގެ އެހީތެރިކަމަށް އެދި ފުލުހުން ވީޑިއޯއެއް އާންމު ކުރުމުން ގިނައަދަދެއްގެ ރައްޔިތުން ގުޅައި އޭނާގެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށާއި އެހެންކަމުން އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ކާމިލްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.