03 Nov 2013, 14:16
އިނގިރޭސި ލީގުގައި ރޭ މެންޗެސްޓާ ސިޓީ 7-0 އިން ނޯވިޗް އަތުން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑް 3-1 އިން ފުލަމް އަތުން މޮޅުވިއިރު ޗެލްސީ 2-0 އިން ނިއުކާސަލް އަތުން ބަލިވެއްޖެ އެވެ.
ރޭގެ މޮޅާއެކު ސިޓީ އޮތީ 19 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގަ އެވެ. އަދި 17 ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައިގައި ޔުނައިޓެޑް އޮތްއިރު ޗެލްސީ އޮތީ އަދިވެސް 20 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގަ އެވެ.
ސިޓީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެޓީމު ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ މެޗުގެ 16 ވަނަ މިނިޓްގައި ނޯވިޗްގެ ބްރެޑްލީ ޖޯންސަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ހަތަރު މިނިޓް ފަހުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑޭވިޑް ސިލްވާ އެވެ. އަދި ފަސް މިނިޓް ފަހުން މަޓިޔާ ނަސްޓަސިކް ލަނޑެއް ކާމިޔާބުކޮށްފައިވާއިރު 36 ވަނަ މިނިޓްގައި ލަނޑެއް ކާމިޔާބުކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން އަލްވާރޯ ނެގްރޭޑޯ ވަނީ ސިޓީގެ ނަތީޖާ 4-0 އަށް ފުޅާކޮށްފަ އެވެ.
ސިޓީގެ ފަސްވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، 60 ވަނަ މިނިޓްގައި ޔާޔާ ޓޫރޭ އެވެ. އަދި 71 ވަނަ މިނިޓްގައި ސަޖިއޯ އަކުއެރޯ ލަނޑެއް ކާމިޔާބުކޮށްފައިވާއިރު އެޓީމުގެ ހަތްވަނަ ލަނޑު ކާމިޔާބުކޮށްދިނީ 86 ވަނަ މިނިޓްގައި އެޑިން ޒެކޯ އެވެ.
ފުލަމްގެ ދަނޑުގައި ރޭ އެޓީމު އަތުން ޗެމްޕިއަންސް ޔުނައިޑެޓް މޮޅުވި މެޗުގައި ޔުނައިޓެޑްގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ނުވަ ވަނަ މިނިޓްގައި އެންޓޯނިއޯ ވެލެންސިއާ އެވެ. ދެވަނަ ލަނޑު 20 ވަނަ މިނިޓްގައި ޖަހައިދިނީ ރޮބިން ވެންޕާސީ އެވެ. އަދި އޭގެ ދެމިނިޓް ފަހުން ޔުނައިޓެޑްގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވޭން ރޫނީ އެވެ. މެޗުގައި ފުލަމްގެ ހަމަ އެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ 65 ވަނަ މިނިޓްގައި އެލެކްސް ކަކަނިކްލިޗް އެވެ.
ލީގު ތާވަލުގެ ދެ ވަނައިގައި އޮތް ޗެލްސީ ރަށުން ބޭރުގައި ރޭ ނިއުކާސަލް އަތުން ބަލިވެފައިވާއިރު އެޓީމު ކޮޅަށް ނިއުކާސަލްއިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 68 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޔޯން ގުފްރާން އެވެ. އަދި ދެވަނަ ލަނޑު މެޗުގެ ފަހު ވަގުތުގައި ކާމިޔާބުކޮށްދިނީ ލޮއިކް ރެމީ އެވެ.
ރޭ ލިވަޕޫލް އަތުން 2-0 އިން މޮޅުވެ އާސެނަލް ވަނީ 25 ޕޮއިންޓް ހޯދައިގެން އިނގިރޭސި ލީގު ތާވަލްގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ހޯދާފަ އެވެ.