03 Nov 2013, 14:07
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 21 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ބޭންކުން ނެރުނު އިއުލާނުގައި ވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި ކަމަށެވެ. އަދި އެ ކުންފުނީގެ ހިއްސާދާރުންނާއި ޕްރޮކްސީއާއެކު ހާޒިރުވާ މީހުން ޖަލްސާ ފެށުމުގެ 15 މިނެޓް ކުރިން ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށް ވެސް އެއިއުލާނުގައި ބުނެފައިވެ އެވެ.
އެ ޖަލްސާގައި ހިއްސާގެ ފައިދާ ބަހާނެ ގޮތެއް ކަނޑައެޅުމުގެ އިތުރުން ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިހާބުކުރުން ވެސް އޮންނާނެ ކަމަށް އެ ބޭންކުން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.
އާއްމުންނަށް ހިއްސާ ވިއްކާފައިވާ ކުންފުނިތަކުގެ ތެރެއިން މިހާތަނަށް އަހަރީ އާއްމު ޖަލްސާ ބާއްވާފައި ނުވަނީ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސް އިންނެވެ.
އެ ބޭންކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 374 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ތިން އަހަރަށްފަހު އެ ބޭންކަށް ސާފު ފައިދާއެއް ލިބުނު ފުރަތަމަ ފަހަރެވެ.
އެ ބޭންކުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު އެ ކުންފުންޏަށް މިދިޔަ އަހަރު އާމްމުދަނީގެ ގޮތުގައި 1.35 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ހަރަދުތައް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި އެ ބޭންކަށް 374 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެއީ 2011 ވަނަ އަހަރާ އަޅާބަލާ އިރު 52.7 ޕަސެންޓްގެ ކުރިއެރުމެކެވެ.
ބީއެމްއެލް އިން ވަނީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ލިބުނު 527 މިލިއަން ރުފިޔާގެ ފައިދާ އިން އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާ އަކަށް 9.29ރ. ވަނީ ބަހައިފަ އެވެ. އެގޮތުން ޖުމްލަ 50 މިލިއަން ރުފިޔާ ބަހަން ނިންމާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.