03 Nov 2013, 13:56
ގްރީކުގެ ވެރިރަށް އެތެންސުގައި ހުންނަ އިމާރާތެއްގެ ދޮރުމަތީގައި ތިބި މީހުންތަކުގެ ތެރެއަށް ދިން ބަޑީގެ ހަމަލާއެއްގައި ދެ މީހަކު މަރު ވެފައި ވާ ކަމަށް އެތެންސުގެ ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނި ގޮތުގައި ބަޑީގެ ހަމަލާ ދީފައި ވަނީ ގްރީކުގެ ކަނާތު ފިޔައިގެ ހަރުކަށި ޕާޓީއެއް ކަމަށް ވާ ގޯލްޑަން ޑޯވންގެ އޮފީސް ދޮރުމަތީގައި ތިބި މީހުންގެ ތެރެއަށެވެ. ހަމަލަ ދިން ދެމީހުން އެ އޮފީސް ކުރިމަތީން ލައިގެން ސައިކަލެއްގައި، މީހުންތަކުގެ ތެރެއަށް ބަޑި ޖަހަމުން، ދުއްވައިފައި ދިޔައީ ކަމަށް ފުލުހުން ބުނެއެވެ.
ބަޑީގެ ހަމަލާގައި މަރު ވި ދެ މީހުންގެ އިތުރުން، އެކަކު ސީރިއަސްކޮށް ޒަޚަމް ވެފައި ވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. މަރު ވި ދެ މީހުންނަކީ 20 އަހަރާއި 23 އަހަރުގެ ދެ ޒުވާނުންނެވެ. ނަމަވެސް އެ ދެ ޒުވާނުންނާ ބެހޭ އިތުރު ތަފްސީލުތަކެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.
ބަޑީގެ ހާދިސާއަށް ފަހު، ބޮޑުވަޒީރުގެ ހަވޭލީގެ ބޭރުގައި ނޫސްވެރީންނާ ބައްދަލު ކުރައްވަމުން، ގްރީކުގެ ސަރުކާރުގެ ތަރުޖަމާނު ސިމޯސް ކެޑިކޮގްލައު ވިދާޅުވީ މިއަދުގެ ޖަރީމާ ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށެވެ. "މި ޖަރީމާ ހިންގި ގާތިލުންނަށް، އަހަރެމެންގެ ޑިމޮކްރަސީ އެއްވެސް މާފު ދިނުމެއް ނެތި އަދަބު ދޭނެ. ހުރިހާ އެންމެން ވެސް މިކަން ދަންނާން ޖެހޭނެ" އޭނާ ވިދާޅުވިއެވެ.
މިއަދުގެ ހަމަލާތައް ދެވިފައި މިވަނީ ގްރީކުގައި ނަސްލީ އިމްތިޔާޒާ ދެކޮޅަށް ކުރިޔަށް ވުރެ ހަރުދަނާ އަދި ކުރިޔަށް ވުރެ ހަރުކަށި ގާނޫނުތަކެއް ހަދާން ރޭވިފައި ވާ ކަން އެ ގައުމުގެ ސަރުކާރުން ހާމަ ކުރުމާ ދިމާކޮށެވެ. މި ގާނޫނުތަކުގެ ތެރޭގައި، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނުގައި ހިޓްލަރުގެ ސަރުކާރުން ޔަހޫދީންނާ ދެކޮޅަށް ހިންގި ނަސްލު ނެތި ކޮށްލުމުގެ ގަތުލުއާއްމާ ބެހޭގޮތުން އާއްމުކޮށް ގަބޫލު ކުރެވިފައިވާ ގަބޫލުކުރުންތަކަށް "ނުބައި ނިޔަތުގައި" އިންކާރު ކުރުން މަނާ ކުރާ ގާނޫނެއް ވެސް ހިމެނެއެވެ.
2009 ވަނަ އަހަރު ދުނިޔެއަށް އައި މާލީ ހީނަރުކަމުގެ ތެރޭގައި ގްރީކުގެ އިގްތިސާދު އަޑި އަޅައިލި ފަހުން، އެ ގައުމުގައި އޭޝިއާ އަދި އެފްރިކާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގާ ހަރުކަށި އަމަލުތަކާއި ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.