03 Nov 2013, 13:42
ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާއަށް މާފު ދިނުމުގެ ބިލެއް އެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުގެ ތިރިގެއިން ފާސް ކުރި ކުރުމާ ދެކޮޅަށް، ވެރިރަށް ބެންގކޮކްގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުމެ މުޒާހަރާ ކުރާން ފަށައިފިއެވެ.
އަސްކަރީ އިންގިލާބެއްގައި 2006 ވަނަ އަހަރު ވެރިކަމުން ދުރު ކުރެވުނު ތަކްސިން ޝިނަވަޓްރާ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އަމިއްލަފުޅަށް އަރުވައިލެއްވިގެން، ޔުނައިޓެޑް އެރެބް އެމިރޭޓްސް ގައެވެ.
އިނގިރޭސި ވިލާތުގެ މަޝްހޫރު ފުޓުބޯޅަ ކުލަބު މެންޗެސްޓަރ ސިޓީގެ ކުރީގެ ވެރިޔާ ޝިނަވަޓްރާއާ ދެކޮޅަށް ތައިލެންޑުގެ ކޯޓަކުން ވަނީ 2008 ވަނަ އަހަރު ޖަލު ހުކުމެއް ކޮށްފައެވެ. އެއީ އޭނާގެ މައްޗަށް ސާބިތު ވި ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެންނެވެ. ޝިނަވަޓްރާ ވިދާޅުވާ ގޮތުގައި އެ ހުކުމަކީ "ސިޔާސީ ސަބަބުތަކެއްގެ ނަތީޖާ" އެކެވެ.
ޝިނަވަޓްރާއަށް މާފު ދިނުމުގެ ބިލު ތައިލެންޑުގެ ގާނޫނު ހަދާ މަޖިލިހުގެ ތިރިގެއިން ފާސް ކުރި ނަމަވެސް، އެ ބިލް ގާނޫނަކަށް ވާނީ މަޖިލިހުގެ ސެނެޓުން ވެސް ބިލް ފާސް ވުމުންނެވެ. މި ބިލް ސެނެޓުން ފާސް ވެއްޖެ ނަމަ، އެނބުރި ގައުމަށް ވަޑައިގަތުމުގެ ދޮރު އޭނާއަށް ހުޅުވިގެން ދާނެއެވެ. ސެނެޓުގައި މި ބިލުގެ ވޯޓު ނެގުން އޮންނާނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.
ބިލާ ދެކޮޅު ފަރާތްތަކުން ބުނަމުން ގެންދާ ގޮތުގައި، އެ ބިލް ފާސް ވެއްޖެ ނަމަ ވެރިކަމުގައި ހުންނަވައިގެން ޝިނަވަޓްރާ ހިންގެވި ޖަރީމާތަކުގެ "ކަޅު ފަސްބައި ދޮވެވި ހުދު ކާފޫރަށް ވެގެން ދާނެ" އެވެ. ޝިނަވަޓްރާގެ ސަރުކާރުން ކޮރަޕްޝަންގެ އެތައް އަމަލެއް ހިންގުމުގެ އިތުރުން، އެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި ހަތިޔާރެއް ނެތް އާއްމުން މަރައިފައިވާ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.
ޝިނަވަޓްރާއަށް މާފު ދިނުމާ ދެކޮޅަށް މުޒާހަރާ ކުރަމުން ގެންދަނީ މިހާރުގެ ސަރުކާރާ ދެކޮޅު ޑިމޮކްރެޓިކް ޕާޓީގެ ސަޕޯޓަރުންނެވެ. ބެންގކޮކުން ލިބޭ ރިޕޯޓުތައް ބުނާގޮތުގައި ތިން ދުވަސް ވެފައިވާ މުޒާހަރާތަކުގައި، މިއަދުގެ ހަވީރު މަދުވެގެން 3000 މީހުން ބައިވެރި ވެފައި ވެއެވެ. ފުލުހުން ބުނެފައި ވަނީ މި އަދަދު އަދިވެސް އިތުރު ވަމުން ދާނެ ކަމަށެވެ.
މުޒާހަރާގެ ބައިވެރިން ގެންދަނީ ޝިނަވަޓްރާއާ ދެކޮޅަށް އަޑު އުފުލުމާ އެކު، ތައިލެންޑުގެ މިހާރުގެ ސަރުކާރު ވެސް އިސްތިއުފާ ދޭން ގޮވައިލަމުންނެވެ. ތައިލެންޑުގެ މިހާރުގެ ބޮޑުވަޒީރަކީ ޝިނަވަޓްރާގެ ކޮއްކޯފުޅު ޔިންގލަކް ޝިނަވަޓްރާއެވެ.
ޝިނަވަޓްރާއަށް މާފު ދިނުމުގެ ބިލަށް ތާއީދު ކުރާ ފަރާތްތަކުން ބުނަމުން ގެންދަނީ އޭނާއަށް ގައުމުގައި އަދިވެސް އޮތް ތާއީދުގެ ސަބަބުން، އެ ފިޔަވަޅު ނާޅައިފި ނަމަ އިތުރު ހަމަނުޖެހުންތައް އުފެދޭނެ ކަމަށެވެ. 2010 ވަނަ އަހަރު ވެސް، ޝިނަވަޓްރާއަށް ތާއީދު ކުރާ މީހުން ކުރި ހަޅުތާލުތަކާ ދެކޮޅަށް އަސްކަރިއްޔާއިން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން 90 މީހުން މަރު ވެފައި ވެއެވެ.
ނަމަވެސް ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޖަމްޢިއްޔާ "ހިޔުމަން ރައިޓްސް ވޮޗް" ގެ ފަރާތުން ބުނެފައި ވަނީ ގާނޫނާ ޚިލާފަށް ވެރިއަކު ކުރެއްވި ކަންކަން ބަލައި އަދަބު ނުދެވޭ ނަމަ، ސަރުކާރުގެ އިސް އޮފިޝަލުންނާއި ވެރީން އެފަދަ އިތުރު ޖަރީމާތަކަށް އަރައިގަތުމުގެ ދޮރު ހުޅުވި، އެކަން އާއްމު ވެގެން ހިނގައިދާނެ ކަމަށެވެ.