03 Nov 2013, 13:16
ލިވަޕޫލް 2-0 އިން ބަލިކޮށް އާސެނަލް ފަސް ޕޮއިންޓްގެ ލީޑަކާއެކު އިނގިރޭސީ ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި އެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ރޭކުޅުނު ފޯރިގަދަ މެޗުގައި އާސެނަލްގެ ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޕެނިޝް މިޑްފީލްޑަރު ސަންޓި ކަޒޯލާއާއި ވޭލްސް މިޑްފީލްޑަރު އާރޮން ރަމްސީ އެވެ.
ރޭގެ މެޗުން މޮޅުވުމުން އާސެނަލް ތާވަލްގެ އެއްވަނައިގައި އޮތީ 25 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 20 ޕޮއިންޓާއެކު އޮތް ޗެލްސީއާއި ހަމަ އެއަދަދަށް ޕޮއިންޓް ހޯދި ނަމަވެސް ލަނޑުގެ ތަފާތުން ތިންވަނައިގައި އޮތް ލިވަޕޫލް ރޭ ކުޅުނު މެޗުން ދެ ޓީމުވެސް ވަނީ ބަލިވެފަ އެވެ.
އިނގިރޭސި ލީގުގައި މި ސީޒަންގައި ކުޅުނު މެޗު ތަކަށް ބަލާއިރު ލީގު ހުޅުވި މެޗަށް ފަހު ކުޅުނު ހުރިހާ މެޗަކުން ޕޮއިންޓް ހޯދި ހަމަ އެކަނި ޓީމަކީވެސް އާސެނަލް އެވެ.
ރޭގެ މެޗުގައި އާސެނަލް އަށް ކުރި ހޯދައިދިން ލަނޑު ކަޒޯލާ ކާމިޔާބު ކުރީ މެޗުގެ 19 ވަނަ މިނިޓުގަ އެވެ. އަދި މިސީޒަންގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަމްސީ ލަނޑެއް ކާމިޔާބުކޮށް އާސެނަލްއަށް ނަތީޖާ ފުޅާ ކޮށްދިނީ 59 ވަނަ މިނިޓުގަ އެވެ.
އާސެނަލްގެ އަމިއްލަ ދަނޑުގައި އެޓީމު އެންމެ ފަހުން ކުޅުނު ދެމެޗުގެ ތެރެއިން ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑް އަތުންނާއި އަދި ލީގުކަޕްގައި ޗެލްސީ އަތުން ބަލިވެފައި ވާއިރު އެޓީމުގެ ކޯޗު އާސީން ވެންގާ ބުނީ، ލިވަޕޫލްއާ ދެކޮޅަށް ރޭ ހޯދި ކާމިޔާބަކީ ވަރަށް މުހިއްމު ކާމިޔާބެއް ކަމަށެވެ.
"މިއީ ވަރަށް މުހިއްމު ރައްދެއް. މިހާރު މީހުންނަށް ގަބޫލުކުރެވޭނެ އަހަރެމެންނަށް ވެސް މިކަހަލަ ބޮޑެތި މެޗުތަކުން މޮޅުވެވިދާނެކަން،" ވެންގާ ބުންޏެވެ.
ވެންގާ ބުނީ ރޭގެ މެޗުގައި އެޓީމުގެ ޑިފެންސް ލައިނުން ވަނީ ވަރަށް މޮޅު ކުޅުމެއް ދައްކާފައިކަމަށާއި ޑެނީލް ސްޓްރިޖްއާއި ލުއިސް ސުއަރޭޒާއި ސްޓީވަން ޖަރާޑް ފަދަކުޅުންތެރިން މައިތިރި ކުރުމުގައި އާސެނަލްގެ ޑިފެންސް ލައިނުން ހޯދި ކާމިޔާބަށް ތައުރީފް ހައްގު ކަމަށެވެ.