ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާކައިރީގައި ދިދަ ޖަހައި ގާޑުމައުންޓްކޮށްފި އެވެ.

މިއަދު ހެނދުނު އެމްއެންޑީއެފުގެ ދިދަވެރިން ދިދަ ޖަހައި ގާޑު މާއުންޓް ކުރުމުން ނޮވެމްބަރު ތިން ވަނަ ދުވަހުގެ އުދުވާނީ ހަމަލާގައި ޝަހީދުވެގެން ދިޔަ ބޭކަލުންގެ ހަނދާނުގައި ހަތްބަޑީގެ ސަލާމެއްއަރުވައި ހަމަހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފަ އެވެ.

މިފަދަ ބިނާތަކުގައި ދިދަ ޖެހުމާއި ގާޑް މައުންޓްކުރުމަކީ އަސްކަރީ އަދި ގައުމީ އެކިއެކި މުނާޞަބަތުތަކުގައި ކުރަމުންދާ ކަމެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި މިއީ އަސްކަރީ ސަގާފަތާއި އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި މިއަދު ހަވީރު 16:30ގައި ޝަހީދުންގެ ބިނާ ކުރިމަތީގައި ސައިލެންޓް ޑްރިލް ދައްކާލުމާއި މި އަހަރުގެ ނަޞްރުގެ ދުވަސް ރަސްމީކޮށް ފާހަގަކުރަމުންދާ ހދ. ކުޅުދުފުށީގެ ބޮޑެތި މަގުތަކުގައި މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ޝަރަފްގެ ހިނގާލުމާއި މިރޭ ކުޅުދުއްފުށީ އަފީފުއްދީން ސުކޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ނަޞްރުގެ ދުވަހުގެ ޚާއްޞަ ޖަލްސާ ހިމެނެ އެވެ.

ދިދަ ޖަހައި ގާޑުމައުންޓްކުރުމުގެ ރަސްމިއްޔާތު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ސިފައިންގެ އަޒުމު އާކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަހުމަދު ޝިޔާމެވެ.