މިގައުމުގެ ކަންކަމާ ބެހި ގޮތްކިޔުމުގެ ފުރުސަތު ބޭރުގެ އެއްވެސް ފަރާތަކަށް ދީގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަހު ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވާފައިވާ މެސެޖެގައި ވިދާޅުވީ މިވަގުތަކީ ގައުމަށް ކުރިމަތިވެފައިވާ ކަންކަން ދިވެހިން އަމިއްލަ އަށް ހައްލުކުރަންވީ ވަގުތު ކަމަށެވެ. މިގައުމުގެ ކަންކަން ހައްލުކުރަން ޖެހޭނީ އަޅުގަނޑުމެން އަމިއްލަ އަށް ކަމަށާއި އެކަންކަމާ ބެހި ގޮތް ކިޔައި ހެދުމުގެ ފުރުސަތު ބޭރުގެ އެއްވެސް ފަރާތަކަށް ދީގެން ނުވާނެ ކަމަށެވެ.

"ބޭރުގެ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަކީ، އަޅުގަނޑުމެންގެ މިނިވަންކަމަށާއި މުސްތަގިއްލުކަމަށް އެކަމުން ނޭދެވޭ އަސަރުތަކެއް ފޯރައި، އިތުރު ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމެއްކަން އަބަދުވެސް އަޅުގަނޑުމެން ހަނދާންކުރަން ޖެހޭނެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ނޮވެމްބަރު 3ގެ އުދުވާނީ ހަމަލައިގެ ބިރުވެރި ހަނދާންތައް ހިތްތަކަށް ގެންނަ އިރު މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހިފައި ވަނީ އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަމުގެ ގުޅުން ވަރުގަދަ ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މިހާރު އުފެދިފައިވާ ބައިބައިވުންތަކާއި ހަމަނުޖެހުންތައް ޙައްލުކޮށް، ޤައުމުގެ އެއްބައިވަންތަކަމަށް ބުރޫ އަރާ ފަދަ އަމަލުތަކުން ދުރުހެލިވުމުގެ މައްޗަށް. ސިޔާސީ ފިކުރު ތަފާތުވި ކަމުގައިވިޔަސް، ޤައުމާއި ރައްޔިތުންގެ މަސްލަހަތައް އިސްކަންދީގެން މަސައްކަތް ކުރުމުގެ މައްޗަށް. މިގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން ނުދާ ނަމަ، ޤައުމަށް އެކަމުން ބޮޑެތި ގެއްލުންތަކެއްލިބުމަކީ، މާދުރުގައި އޮތް ކަމެއް ނޫނެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާއިން މާތްވެގެންވާ އިސްލާމްދީނާއި މި ލޮބުވެތި ވަތަނާއި ދިވެހި ރައްޔިތުން ސަލާމަތް ކޮށްދެއްވުމަށް އެ ދުވަހު ދިވެހި ސިފައިން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއާއި ދިވެހި ސިފައިން ދެއްކެވި ސާބިތުކަމާއި ހިތްވަރުގެ މަތިން މިއަދު ވެސް ހަނދާންކޮށް އެމަތިވެރި ޤުރުބާނީގެ އަގު ވަޒަންކުރާ ކަމަށެވެ.

"ނުރައްކާތެރި ޙަމަލާ ކުރިމަތިވި ހިނދު، މާތްވެގެންވާ އިސްލާމްދީނުގެ ދިފާއުގައި އަދި ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށްދެއްވުމަށް ޖިހާދު ކުރެއްވި ހިތްވަރުގަދަ ބަޠަލުންގެ މަތިން ހަނދާންކޮށް، އެ އަބްޠާލުންނަށް މާތްﷲ، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި އެކަލާނގެ ޙަޞްރަތުގައި ދުޢާ ދަންނަވަން." ނަވާރަ ދިވެހީން ޝަހީދުވި ހާދިސާއާ ގުޅޭ ގޮތުން ރައީސް ވިދާޅުވި އެވެ.