02 Dec 2010, 05:54
ގާނޫނު އަސާސީއާ ހިލާފަށް ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެ އެ މީހާ ދޫކޮށްލުމުގެ އަމުރެއް އިމިގްރޭޝަންގެ މައްޗަށް ނެރެދިނުމަށް އެދި މީހަކު ކްރިމިނަލް ކޯޓަށް ޝަކުވާގެ މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ ހުށަހަޅާފައި ވަނީ ގ. ގުލްއަލާގޭ އަބްދުލް ގާދިރު ގާސިމެވެ. އޭނާ ކްރިމިނަލް ކޯޓަށް އިއްޔެ ހުށަހެޅި ޝަކުވާގައި ބުނަނީ އޭނާގެ ސޮޕޮންސާ ދަށުން ރާއްޖެ ގެނެސްފައިވާ ބަގްލަދޭޝްގެ ހޫރްޝީދު އާލަމް ނޮވެމްބަރު 28، 2010 ދުވަހުގެ ރޭ ގޭގައި ހުއްޓައި، އިމިގްރޭޝަންގެ އޮފިޝަލުންނާއި ފުލުހުން ގޮސް ހައްޔަރުކޮށް ދިވެހިނާދީ ހުންނަ ޢިމާރާތަކަށް ގެންގޮސްފައިވާ ކަމަށެވެ.
ގާދިރު ބުނީ އޭނާ ގެންގުޅޭ ބިދޭސީ މީހާ ހައްޔަރުކޮށް ފިޔަވަޅު އެޅީ ކީއްވެގެން ކަން އަންގާފައި ނުވާ ކަމަށާއި ބަންގްލަދޭޝްގެ އެ މީހާއަކީ ޤާނޫނާ އެއްގޮތަށް ބަރާބަރަށް ވިސާ ފީ ދައްކާފައިވާ މީހެއް ކަމަށެވެ.
އެކަން ސާބިތު ކުރާނެ ލިޔުންތަކެއް ވެސް ގާދިރު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ.
ގާދިރު ހުށަހަޅާފައިވާ ޝަކުވާގައި ބުނަނީ އޭނާގެ ބެލުމުގެ ދަށުގައިވާ މީހާ ހައްޔަރުކުރީ ޤާނޫނު އަސާސީގެ 45 ވަނަ މާއްދާއާއި 46 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. އަދި ޤާނޫނު އަސާސީގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުރިހައި ހައްގަކުން އެ ބިދޭސީ މީހާ މިވަގުތު މަހުރޫމް ކޮށްފައިވާ ކަމަށެވެ.
ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ހ) ގައި ހައްޔަރުކުރެވޭ މީހާއަށް އެމީހާ ހައްޔަރުކުރެވުނު ސަބަބު ވަގުތުން އަންގަންވާނެ ކަމަށާއި އަދި 24 ގަޑިއިރުގެތެރޭގައި އެކަން ލިޔުމުން އަންގަންވާނެ ކަމަށް އޮވެ އެވެ. އެމާއްދާގެ (ށ) ގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދާއި ލިބިގަތުމުގެ ފުރުސަތު ފަހިކޮށްދޭންވާނެ ކަމަށް އޮންނައިރު އެމާއްދާގެ (ރ) ގައި ހައްޔަރު ކުރުމަށްފަހު އެމީހަކު ހައްޔަރުކުރީ ޤާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަންވާނެ ކަމަށް ވެސް އޮވެ އެވެ.
ގާދިރު ކްރިމިނަލް ކޯޓުގައި އެދިފައި ވަނީ ގާނޫނާ ހިލާފަށް ބަންދުކޮށްފައި ތިބޭ މީހުން ދޫކޮށްލުމުގެ އަމުރު ނެރުމުގެ އިހުތިސޯސް ކްރިމިނަލް ކޯޓަށް ލިބޭތީ އޭނާގެ ސްޕޮންސަރު ދަށުގައި މަސައްކަތްކުރަމުން އައި ބިދޭސީ މީހާ ދޫކޮށްލުމުގެ އަމުރު އިމިގްރޭޝަން ޑިޕާޓްމެންޓްގެ މައްޗަށް ނެރެދިނުމަށެވެ.