03 Nov 2013, 10:51
މިއީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ސަން އަށް ދެއްވާފައިވާ ހާސައް އިންޓަވިއުއެކެވެ. މިއިންޓަވިއުގައި ފުއާދުއާ ކުރެވުނު މުހިންމު ސުވާލުތަކާއި އޭގެ ޖަވާބު ގެނެސްދެވިފައި ވާނެ އެވެ.
ސަން: އަންނަ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުމަށް މިހާރު ކޮމިޝަން އިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ކޮބައިތޯ؟
ފުއާދު: އަޅުގަނޑުމެން މިދަނީ އަޅުގަނޑުމެން ކަނޑައަޅާފައިވާ ޓޭބަލާއި އެއްގޮތަށް މަސައްކަތް ކުރަމުން. އަދި ސިޔާސީ ޕާޓީތަކުން ހުށަހަޅާ ކަންތައް ވެސް ފުރިހަމަ ކޮށްދެމުން މިދަނީ. އެގޮތުން މިހާރު ލިސްޓް ތައްޔާރު ކުރެވި ލިސްޓަށް ޝަކުވާ ހުށަހެޅި ފައިނަލް ލިސްޓްތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ. ދެން ސިޔާސީ ޕާޓީތަކުން ބޭނުންވާ ގޮތަށް ފޯމްތަކުގެ ފިންގާ ޕްރިންޓް ވެރިފައި ކުރުމުގެ މަސައްކަތް ވެސް މިދަނީ ކުރަމުން. ފިންގާ ޕްރިންޓް ވެރިފައި ކުރުމަށް ފޮނުވާ ފޯމްތައް ނަގަނީ ރެންޑަމްކޮށް ކެންޑިޑޭޓުންގެ މަންދޫބުން ތިއްބަވައިގެން. ދެން އަޅުގަނޑުމެންގެ ޓާގެޓަކީ 6،000 ފޯމަށް ވުރެ ގިނަ ފޯމްތަކުގެ ފިންގާ ޕްރިންޓް ވެރިފައި ކުރުން. ދެން ލިސްޓް ތައްޔާރު ކުރުމަށް ފަހު ކެންޑިޑޭޓުންނަށް ލިބިވަޑައިގެންނަވާނެ ދެ ދުވަސް ލިސްޓުތަކުގައި ސޮއި ކުރައްވައި ޗެކް ކުރެއްވުމަށް. އެއީ ކެންޑިޑޭޓުން އެދިވަޑައިގެންފައި ވަނީ ދެ ދުވަސް ދެއްވުމަށް.
ސަން: ނޮވެންބަރު މަހުގެ 9 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބޭއްވޭނެ ކަމުގެ ކިހާވަރެއްގެ ޔަގީން ކަމެއް ރައްޔިތުންނަށް ދެއްވިދާނެތޯ؟
ފުއާދު: އަޅުގަނޑުމެންގެ ސަބަބަކާ ހުރެ އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް ނުކޮށްގެން ފެއިލްވާކަށް ނުޖެހޭނެ. އަޅުގަނޑުމެން ކުރަން ޖެހޭ ހުރިހާ ކަމެއް ގައިޑްލައިތަކާއި އަދި އަޅުގަނޑުމެންނަށް މި ކަނޑައެޅިފައިހުރި ހުދޫދުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް އެންމެ ފުރިހަމަ އަށް ކުރާނަން. އެހެން ނަމަވެސް އެހެން ފަރާތްތަކުން ގައިޑްލައިންގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ނުކުރައްވައިގެން ހުއްޓުމެއް އެރުމާއި ނޭރުމާއި ދޭތެރޭ އެއްޗެއް ދަންނަވަންދަތި. އެބޭފުޅުންގެ އިހުލާސްތެރިކަމެއް ހުރި ކަމަށް ވެއްޖެއްޔާ އެ ބޭފުޅުން ދިވެހިގައުމު ދެކެ ލޯބިވާ ކަމަށް ވަންޏާ ގައުމަށް ކުރިއެރުމަށް އެދިވަޑައިގަންނަވާ ކަމަށް ވަންޏާ ގައުމުގެ މަސްލަހަތާއި ސުލްހަޔަށް އެދިވަޑައިގެންނަވާ ކަމަށް ވަންޏާ މި އިންތިހާބު ބޭއްވޭނެ. އެބޭފުޅުން ސޮއި ކުރައްވާނެއޭ. އެބޭފުޅުން ގައުމާއި ދޭތެރޭ އެއްވެސް ކަހަލަ ފަރުވާލެއް ނެތް ކަމަށް ވަންޏާ ގައުމަށް ވާނެގޮތެއްވާން ދޫކޮށްލައްވަން ބޭނުންފުޅު ކަމަށް ވަންޏާ އެ ބޭފުޅުން ސޮއި ނުކުރެއްވުމުގެ ސަބަބުން އިންތިހާބެއް ނުބޭއްވޭނެ.
ސަން: ސެޕްޓެންބަރު މަހުގެ ހަތް ވަނަ ދުވަހު ބޭއްވި އިންތިހާބު ސުޕްރީމް ކޯޓުން ބާތިލު ކުރުމަށް ފަހު ދެއްވި ގައިޑްލައިންތަކާއި ތާރީހުތަކުގައި އިންތިހާބު ބޭއްވުމަށް ހުރަސްތަކެއް އޮތްއިރު ކީއްވެތޯ އެކަންތައް ބަދަލު ކުރުމަށް ސްޕްރީމް ކޯޓަށް ވަޑައިނުގެންނެވީ؟
ފުއާދު: އެއީ ސުޕްރީމް ކޯޓުން ދެއްވާފައި އޮތް މުއްދަތުގެ ތެރޭގައި އިންތިހާބު ބޭއްވޭނެކަން އަޅުގަނޑުމެންނަށް އެނގޭތީ. އަދި އެކަމަށްޓަކައި އަޅުގަނޑުމެން މަސައްކަތް މިކުރީ. އެކަމަށްޓަކައި ދައުލަތުގެ ހުރިހާ ފަރާތްތަކުން ވެސް އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވި. އަޅުގަނޑުމެން ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން 19 ވަނަ ދުވަހު އިންތިހާބު ބޭއްވޭނެ ހިސާބަށް ދެވުނު. ނުބޭއްވުނީ ދެ ކެންޑިޑޭޓުން ސޮއި ނުކޮށްގެން. އެ ދެ ކެންޑިޑޭޓުން ސޮއި ނުކުރެއްވުމުން ފުލުހުން އަޅުގަނޑުމެންނަށް އެއްބާރުލުން ވެސް ނުދެއްވި. އަދި މި އިމާރާތުގައި ހުރި އެއްޗެއް ނެރުމަށް ވެސް ފުލުހުން ހުއްދައެއް ނުދިން.
ސަން: ސުޕްރީމް ކޯޓުގެ ގައިޑްލައިތަކާއި އަދި ބުނެފައިވާ ތާރީހުތަކުގައި އިންތިހާބު ބޭއްވުމަކީ ދަތިކަމެއް ކަމަށް ކޮމިޝަނުން ރައީސުލްޖުމްހޫރީޔާގެ އަރިހުގައި ދެންނެވި ކަމަށް ރައީސް ވިދާޅުވޭ. ރައީސް އާއި ބަންޑާރަނައިބު އެ މައްސަލަ ހައްލު ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް ކީއްވެގެންތޯ ފަހުން 19 ވަނަ ދުވަހު އިންތިހާބު ބޭއްވޭނެ ކަމަށް އިއުލާން ކުރެއްވީ ރައީސް އާއި އެކު ކުރެއްވި މަޝްވަރާތަކާއި ހިލާފަށް؟
ފުއާދު: ދެ ފަހަރެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާއާ އެކު ބައްދަލުވުން ބޭއްވުނު. ދެފަހަރު ބައްދަލު ވުމުގައި ބައިވެރިވީ އަޅުގަނޑާއި ކޮމިޝަންގެ ނައިބު ރައީސް. އެ ބައްދަލުވުންތަކުގައި އަޅުގަނޑުމެންނަށް ވެސް ވަރަށް ބޮޑަށް ގަބޫލު ކުރެވުނު 19ގައި ބޭއްވުމަށް ވުރެ 26ގައި ބޭއްވުނު ނަމަ ވަރަށް ފަރުސަތު ބޮޑުވެގެންދާނެ ކަމަށް. އަދި 19ގައި ބޭއްވުމަކީ ވަރަށް ބޮޑަށް އެކަށީގެން ނުވާކަމެއް ކަމަށް އެނގުނު. އެހެންވީމަ އޭރު އެގޮތަށް މަޝްވަރާ ކުރެވުނު އެތަނުގައި އެޓާނީ ޖެނަރަލް ވެސް ހުންނެވި. އަޅުގަނޑުމެން ދެންނެވިން 11 ދުވަހަކީ ވަރަށް ކުރު މުއްދަތެއް ކަމަށް މިފަދަ ކަމެއް ކުރުމަށް. ދެން އެޓާނީ ޖެނަރަލް ވިދާޅުވީ އެ ބޭފުޅުން އެކަމުގައި އުޅުއްވާ ދެއްވާނެ ކަމަށް. އެހެންނަމަވެސް އެޓާނީޖެނަރަލްގެ ފަރާތްޕުޅުން ވެސް އެއްވެސް ކަހަލަ އިޝާރާތެއް ނުވި. ސުޕްރީމް ކޯޓުން ވެސް އިޝާރާތެއް ނުވި، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ވެސް އިޝާރާތެއް ނުވި. ދެން ފަހުން ކޮމިޝަންގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ނިންމީ ސްޕްރީމް ކޯޓުގެ ނިންމުމެއް ބަދަލު ކުރަން މަސައްކަތް ކުރުމަކީ އަޙްލާގީ ގޮތުން ވެސް ރަނގަޅު ކަމެއް ނޫން ކަމަށް. އަދި ޝަރުޢީ ގޮތުން ވެސް ރަނގަޅު ކަމެއް ނޫން ކަމަށް. އެހެންވީމާ ނިންމީ ސުޕްރީމް ކޯޓުގެ އަމުރާއި އެއްގޮތަށް މަސައްކަތް ފަށައިގަތުމަށް.
ސަން: ކެންޑިޑޭޓުން ސޮއި ކުރާ ގޮތަށް އޮތުމަކީ އިންތިހާބު ބޭއްވުމަށް އޮތް ހުރަހެއް ކަމަށްވާ ނަމަ އެ މައްސަލަ ހައްލު ކުރުމަށް ދައުލަތުގެ އިސްފަރާތްތަކާ އެކު މަޝްވަރާ ކުރެއްވިންތޯ؟
ފުއާދު: އަޅުގަނޑުމެން މަޝްވަރާ ކުރިން ޑިފެންސް މިނިސްޓަރު ނާޒިމް އާއިއެކު ވެސް. ނާޒިމް އަކީ ދައުލަތުގެ ފަރާތުން މިކަމުގައި އަޅުގަނޑުމެންނާ އެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ބޭފުޅާ. އެހެންވީމަ ނާޒިމް އަރިހުގައި ވާނެ ހުރިހާ ވާހަކަތަކެއް ވަރަށް ސާފުކޮށް ދަންނަވާފައި. އަދި ރައީސުލްޖުމްހޫރީއްޔާއާ އެކު ވެސް. އަދި އިންތިހާބު ނުބޭއްވުނު ދުވަހު ހަވީރު ރައީސުލްޖުމްހޫރީއްޔާގެ ދައުވަތަކަށް އަޅުގަނޑާއި ކޮމިޝަންގެ ނައިބު ރައީސް ދިޔައިން ރައީސުލްޖުމްހޫރީއްޔާގެ އޮފީހަށް. އެ ބައްދަލުކުރެއްވުމުގައި ތިއްބެވި އެކްޓިން ހޯމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރާއި އަދި އޭރުގެ ބަންޑާރަނައި އަދި ކެބިނެޓް ސެކްރެޓްރީ ވެސް ހުންނެވި. އަޅުގަނޑުމެން ދެންނެވިން ކެންޑިޑޭޓުން ސޮއި ކުރާ ގޮތަށް ކެންޑިޑޭޓުންގެ އިހްތިޔާރުގައި އިންތިހާބު ބޭއްވުމުގެ ބާރު އޮންނަމަ އިންތިހާބު ބޭއްވޭނެ ކަމުގެ ގެރެންޓީ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވަރަށް ސާފުކޮށް ވާނީ ދަންނަވާފައި.
ސަން: ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަށް ރައީސުލްޖުމްހޫރީއްޔާ އަކު ހޯދައިދިނުމަކީ ކޮމިޝަންގެ ގާނޫނީ ވާޖިބެއް ކަމަށް ގަބޫލުފުޅު ކުރައްވަންތޯ؟
ފުއާދު: އިލެކްޝަންސް ކޮމިޝަންގެ ވަރަށް ބޮޑު މަސްއޫލިޔަތެއް އެއީ. އަޅުގަނޑުމެން މަސައްކަތް ފަށައި ރިޔާސީ ދައުރު ހަމަވާން 120 ދުވަހަށް ވީމާ. އަދި އަޅުގަނޑުމެން ވޯޓާސް ރަޖިސްޓްރީގެ މަސައްކަތް ފަށައިފިން ދެ އަހަރު ކުރިން. އެހެންވީމާ ސެޕްޓެންބަރު މަހުގެ ހަތް ވަނަ ދުވަހު ބޭނުން ކުރި ވޯޓާސް ލިސްޓަކީ ރާއްޖޭގައި މިހާތަނަށް ހެދުނު އެންމެ ފުރިހަމަ ވޯޓާސް ރަޖިސްޓްރީ. އަދި ދުނިޔޭގެ ފެންވަރުގައި ވެސް މިހާ ފުރިހަމަ ވޯޓާސް ރަޖިސްޓްރީއެއް ނޯންނާނެ ކަމަށް އަޅުގަނޑު ދަންނަވާނީ. ދެން އެއީ ބާތިލު އެއްޗަކަށް ހެއްދެވީ ސުޕްރީމް ކޯޓުން. ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުއްވީ ރިޔާސީ ކެންޑިޑޭޓެއް. ރިޔާސީ ކެންޑިޑޭޓުގެ ހުށަހެޅުއްވުމަށް ބާރު މިދެނީ ޕޮލިސް ސާވިސްގެ ފަރާތުން ހުށަހެޅުއްވި ދޮގު ރިޕޯޓެއް. ދޮގު ރިޕޯޓެއް ކަމަށް އަޅުގަނޑު މި ދަންނަވަނީ އެ ބޭފުޅުންގެ ރިޕޯޓުގައި މަރުވެފައިވާ ކަމަށް ވިދާޅުވާ ބޭފުޅުން މިހާރު ވެސް ދުނިޔޭގައި އެބަތިބި. އެހެން ވީމާ ސުޕްރީމް ކޯޓުގައި އެ ތިއްބެވި ބޭފުޅުން އެ ބެއްލެވި ބެއްލެވުމަކުން ބައްލަވާފައި ސުޕްރީމް ކޯޓުން އިންތިހާ ބާތިލު ކުރި ހިސާބަކީ އިންތިހާބުގެ ދެ ބުރެއް ބާއްވައި ނޮވެންބަރު 11 އަށް ރައީސަކު އިންތިހާބު ކުރުމަށް އެޅިގެން ދިޔަ ވަރަށް ބޮޑު ހަރަހެއް. އެހެން ވީމާ އަޅުގަނޑުމެންނަށް ނޮވެންބަރު 11 އަށް ރައީސް އަކު ދެއްކޭ ގޮތް ނުވީ.
ސަން: ނޮވެންބަރު 11 އަށް ރައީސުލްޖުމްހޫރީއްޔާ އަކު އިންތިހާބު ނުބޭއްވުމުގެ ޒިންމާ އިލެކްޝަންސް ކޮމިޝަން ނަންގަވަން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވަންތޯ؟
ފުއާދު: އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން ގާނޫނު އަސާސީގައި ބުނެފައިވާ ތާރީހަށް ރައީސުލްޖުމްހޫރިއްޔާއަކު ހޯދައިދޭން. އެހެން ނަމަވެސް އެއްވެސް ގައުމެއްގައި ފުލުހުން ކަމެއް ހުޓުވަން ތިބިއްޔާ ނޫނީ ސިފައިން ކަމެއް ހުއްޓުވަން ތިބީއްޔާ ނޫނީ ސުޕްރީމް ކޯޓުން މަސައްކަތް ހުއްޓުވަން ތިބީއްޔާ މަސައްކަތެއް ނުކުރެވޭނެ. ދެން އަޅުގަނޑު ދެކޭ ގޮތުގައި ޒިންމާދާރުކަން ކުޑަ ގޮތަކީ ސުޕްރީމް ކޯޓުން އަމުރެއް ކުރީމާ ތިކަން ނުވާނެއޭ ބުނުން. އަޅުގަނޑުމެން މަސައްކަތް ކުރީ ސުޕްރީމް ކޯޓުގެ ހުކުމާ އެއް ގޮތަށް ކުރިއަށް ދާން އަޅުގަނޑުމެން ޒިންމާ އަކަށްވީ ސުޕްރީމް ކޯޓުގެ އަމުރު. އަޅުގަނޑުމެންނަށް ޒިންމާ އަދާނުކުރެވުނު ކަމަށް ވީހީ ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވި ނަމަ. އަޅުގަނޑުމެން ކޮމިޝަންގެ ހުރިހާ ވާޖިބުތަކެއް ލިބުނު ވަގުތާއި އެގޮތަށް އަދާކުރިން.
ސަން: ކޮމިޝަންގެ މެންބަރުން އިސްތިއުފާ ދެއްވަން ޖެހޭ ހަލަތަށް ކަންތައްތައް އައިސްފައިވާ ކަމަށް ފުއާދު ގަބޫލުފުޅު ކުރައްވަންތޯ؟
ފުއާދު: ނޫން. އަޅުގަނޑު ގަބޫލެއް ނުކުރަން. އަޅުގަނޑުމެން އެންމެ ފަހުވަގުތާ ހަމައަށް ވެސް މަސައްކަތް ކުރާނީ ރައްޔިތުންނަށް ރައްޔިތުންގެ ހައްގުތައް ހޯދައިދޭން. ދެން އަޅުގަނޑު ދަންނަވާނީ އަޅުގަނޑު ނޯންނާނެ އޭ އިސްތިއުދޭން ޖެހޭ އެއްވެސް ކަމެއް ކޮށްފައެއް. ވޯޓް އޮޅުވާލާ ނުވަތަ އެއްވެސް ކަހަލަ ވައްކަމެއް މަކަރެއް ހަދާފަ އެއް ނުވާނެ. އަޅުގަނޑުމިހިރީ ކެރިގެން ކުރިއަށް ދާން. ގައުމަށް މިފަދަ ހާލަތެއް މެދުވެރިވެފައިވާ ވަގުތެއްގައި އިސްތިއުފާ ދިނުމަކީ ވަރަށް ފިނޑި ކަމެއް.