03 Nov 2013, 10:06
މީގެ 25 އަހަރުކުރިން ނޮވެމްބަރު ތިންވަނަ ދުވަހު ހެނދުނު ހޭލެވުނުއިރު މާލެ ތެރެއިން އިވެމުންދިޔައީ ބަޑި ޖަހާ އަޑެވެ. ގިނަ ބަޔަކަށް ވާނުވާއެއް ނޭނގެ އެވެ. ގިނަ ބަޔަކު ހީކުރީ ޖުމްހޫރީ ދުވަހަށް ތައްޔާރުވުމަށް ސިފައިން ތަމްރީނެއް ހަދަނީ ކަމަށެވެ. ނަމަވެސް އެއީ ތަމްރީނުތަކެއް ނޫންކަން އެނގުނީ މާފަހުންނެވެ. އެއީ ވެރިކަމަށް ދަހިވެތިވެފައި ތިބި މަދު ދިވެހިންތަކެއް ސްރީލަންކާގެ ޓެރަރިސްޓުންގެ ބަޔަކު ގޮވައިގެން މާލެ އަރައި ހަމަލާދިނެވެ. އެހަމަލާތަކުގައި 19 ދިވެއްސެއްގެ ހަށިގަނޑުތައް ބަޑީގެ އުންޑައިން ފޫއަޅުވާލައި ޝަހީދު ކޮށްލި ހާދިސާ އެވެ. މުޅި ދިވެހި ގައުމު ބިރުވެރިކަމަކަށް ވައްޓާލި ދުވަހެވެ.
އެ ހާދިސާއަށް 25 އަހަރު ފުރުނު އިރު އެ ދުވަހު ބަތަލުންގެ ތެރޭގައި ހިމެނޭ ހުސެއިން އާދަމް ފަދައިން ޝަހީދުވި، ބޭފުޅުންގެ މަތިން ދިވެހިން ހަދާނެއް ނުނެތެ އެވެ. އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މުސާ އަލީ ޖަލީލް ފަދަ އެތައް ބޭފުޅުނެއް ދިވެހި ގައުމަށްޓަކައި ކުރި ޖިހާދުގެމަތިން، ހަނދާން ދިވެހިން އާ ކުރަނީ އުފަލާއެކު އެވެ. އިންޑިއާ އިން އެ ދުވަހު ފޯރުކޮށްދިން އެހީ ދިވެހިން ޝުކުރުވެރިކަމާ އެކު ބަލައިގަނެވެ. ހުރިހާ ނަސްރަކަށް މާތްﷲ އަށް ކޮންމެ ދިވެއްސަކު ވެސް ހިތުގެ އެންމެ ފުންމިނުން ޝުކުރު ކުރެ އެވެ.
އަތޮޅުތެރޭގެ ހާލަތު ވެސް އެދުވަހު އޮތީ އާދައިގެ ގޮތަކަށެވެ. މާލެއަށް ބަޔަކު ބަޑިހިފައިގެން އަރައިގެން އުޅޭ ވާހަކަ އަޑުއިވުމާ އެކު ހުރިހާ އެންމެން އެއްތަނަކަށް ޖަމާވި އެވެ. ބައެއް ރަށްރަށުގައި އަންހެންވެރިންނާއި ކުޑަކުދިން ގޭގައި ކީރިތި ގުރުއާން ކިޔެވުމަށް ބެއިތިއްބުމަށް ފަހު ފިރިހެނުން ނުކުމެ ރަށްވަށައި ފޯރިމަރަން ތިއްބެވެ. އެއީ ގައުމާއި ރަށުގެ ދިފާއުގަ އެވެ. ނަމަވެސް އެއީ އެ ދުވަހުގެ ހާލަތެވެ. މިއަދު މަންޒަރު މުޅިން ތަފާތެވެ.
ނަމަވެސް އެދުވަހާއި މިއަދު ދިވެހިން ވިސްނުމާއި ހާލަތަށް ވަނީ ވަރަށް ބޮޑު ބަދަލުތަކެއް އައިސްފަ އެވެ. މިއަދު މިގައުމު އެދެނީ ކަނޑި ބަޑީގެ ހަމަލާއަކުން ރައްކާތެރިވުމުގެ ނަސްރެއްނޫނެވެ. ގައުމު މިއަދު އެދި ރޮނީ ފިތުނަޔާއި ފަސާދާގެ މައްޗަށް ނަސްރެވެ. ގައުމު އެދެނީ ނަޒާހާތްތެރި އިންތިހާބެއްގެ ނަސްރެވެ. އިގްތިސާދީ ދުޅަހެޔޮ ކަމުގެ ނަސްރަކަށެވެ.
މިއަދުގެ ގައުމުގެ ހާލަތު ވަނީ ބަދަލުވެފަ އެވެ. ކުދި ބޮޑު މީހުންނަށް ކުރާ އިހުތިރާމް ވަނީ ގެއްލިފަ އެވެ. ގަބީލާތަކެއްހެން ޕާޓީތަކުގެ އަވާގައިޖެހި މުޅި ގައުމު ވަނީ "ސިޔާސީ ކަސްތޮޅެއްގަ" އެވެ. ޕާޓީ މީހަކު ނޫނިއްޔާ ރަހުމަތްތެރިއަކަށް ތިމާގެ މީހަކަށް އަދި އަނބަކަށް ވެސް ނުވެ އެވެ.
ސައްތައިން ސައްތަ މުސްލިމުން ކަމަށް ބުނެ ދައުވާ ކުރާއިރު މުޅިން ވެސް އިވެނީ "ބާޣީ" އިންނާއި "ލާދީނީ" މީހުން ކަމަށް ބުނެ ފިތުނައި އަޑުތަކެވެ. ގާނޫނެއް ގަވައިދެއް ނެތެވެ. ސިޔާސީ ބޭނުމަށް އަނިޔާވެރި ހަމަލާތައް އެތައް ތަނަކަށް ދެނީ އެވެ. ގައުމު މިވަނީ ސިޔާސީ ގޮތުން ފުންވަޅުގަނޑަކަށް ވެއްޓިފަ އެވެ. މިކަމުގެ މައްޗަށް މިއަދު މިގައުމު ނަސްރެއް ބޭނުންވެ އެވެ.
"މިގައުމަށް ވެގެން އުޅެނީ އެހެން ޑިމޮކްރަކްޓިކް ގައުމުތަކާ ތަފާތު ގޮތެއް. މިގައުމު ވަނީ ހުރިހާ ކަމަކުން ވެސް ޒާތީވެފައި. އެއްވެސް މީހަކު ނުބަލާ ރަނގަޅުގޮތެއް، މުޅިން ވެސް ބަލަނީ އަނެކާ އަށް ދެރައެއް ދެވޭނެ ގޮތެއް،" ޕޮލިޓިކަލް ސައިންސް ދާއިރާ އިން މަތީ ތައުލީމް ހާސިލުކޮށްފައިވާ ބޭފުޅަކު ވިދާޅުވި އެވެ.
ފަސް އަހަރުން އެއް އަހަރު ރައްޔިތުންނަށް ވެރިޔަކު އިންތިހާބު ކުރަން ލިބޭ ފުރުސަތަކީ ރައްޔިތުންގެ ބާރުވެރިކަން ދައްކުވައިދޭ ހަމައެކަނި ފަހަރެވެ. ނަމަވެސް ސިޔާސީ ޕާޓީތަކާއި ބައެއް މުއައްސަސާތަކުގެ އިހުމާލުން ދިވެހި ރައްޔިތުނަށް ވޯޓްލެވޭނެ ކަމާ މެދު ވެސް މިއަދު ވަނީ ޝައްކު އުފެދޭ ހިސާބަށް ކަންކަން ގޮސްފަ އެވެ. ގައުމު މިވަނީ ހަލަބޮލިވެ މިމަހުގެ 11 އަށް ފަހު ދެން ވާއެއް ނުވާއެއް ނޭނގޭ ހިސާބަށް ގޮސްފަ އެވެ.
"އަޅުގަނޑު ދަންނަވާނީ އެންމެން އެކަތި ގަނޑަކަށް ވާންޖެހޭ، މިއީ އެންމެންގެ ވެސް ގައުމޭ، އިގްތިސާދު ހަމަޔަކަށް އެޅުވެން އޮތީ ހުރިހާ އެންމެން އެކައްޗެއް ކިޔައިގެން. އެހެން ނޫން ނަމަ ހައްލެއް ހޯދޭކަށްނެތް،" ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވި އެވެ.
ގައުމު މިހާރު ގުނަމުންދަނީ އެތައް ކަންބޮޑުވުންތަކެއް އެކުލެވިގެންވާ ދުވަސްތަކެކެވެ. މިގައުމު މި މިނިވަންކަންމަތީ ބާއްވަން ބޭނުން ނަމަ އެކަން ކަމަށް އަވަސް ހައްލެއް ގެނަންޖެހެ އެވެ. ގައުމު ބައިބައިވުމަށް ފުރުސަތު ދީގެން ނުވާނެ އެވެ. ރައްޔިތުންނަށް އަނިޔާވެރިނުވުމާއި އެހެނިހެން އެކިއެކި ކަންތައްތަކުގައި ރައްޔިތުން ތަފާތު ނުކުރުން މުހިންމެވެ. ސިޔާސީ ފަރާތްތަކުން ވެސް ގައުމާއި ދޭތެރޭ ވިސްނައި ގައުމު އިސްކުރުން މުހިންމެވެ.
ތިނެއް ނޮވެމްބަރު އެގޮތަށް ތަކުރާރުވާކަށް އެއްވެސް ދިވެއްސަކު ނޭދެ އެވެ. އެ ނަސްރަށް ދިވެހިން ފަހުރުވެރިވާހާލު އެއަށް ވުރެ ބޮޑު ނަސްރަކަށް ދިވެހިން މިއަދު އެދެ އެވެ. ގައުމަށް ދިމާވެފައިވާ ހާލަތުން ސަލާމަތްކޮށްދެވޭނެ ބައެއްގެ ނަސްރަށް އެދި އެދި އެވެ.