03 Nov 2013, 09:50
އިސްލާމް އާބާދު (ނޮވެމްބަރު 3): ސައޫދީ އަރަބިޔާގެ ޖަލެއްގައި ހިނގި ހަމަނުޖެހުންތަކާ އަދި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ހަތަރު މީހަކަށް ވަރަށްބޮޑަށް އަނިޔާވެފައިވާ ކަމަށް ސައޫދީ ސަރުކާރުން ބުނެފި އެވެ.
ސައޫދީ މަސްއޫލުވެރިއަކާ ހަވާލާދީ އެގައުމުގެ ރަސްމީ ނޫސް އެޖެންސީ ޚަބަރުދޭ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ސައޫދީ އަރަބިޔާގެ އުތުރުގެ އަލްގަސީމް ޕްރޮވިންސްގައިވާ ބަރީދާ ނަމަކަށް ޖަލުގެ އިދާރީ ކަންތައްތައް ބަލަހައްޓާ ތިން އޮފީހެއްގައި ކަމަށާއި މާބޮޑު ގެއްލުމެއް ނުލިބެނީސް އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމުގަ އެވެ.
އަލިފާނުގެ ހާދިސާގެ ކުރިން އެޖަލުގެ ގައިދީން ހަމަނުޖެހުންތަކެއް ހިންގުމުން އެކަން ކޮންޓްރޯލްކުރުމަށް ބަޑިޖެހުމުގެ ސަބަބުން ގައިދީންގެ ދެ މީހަކާއި ޖަލުބަލަހައްޓާ ގާޑުންގެ ދެމީހަކު ޒަޚަމްވެފައިވާ ކަމަށް ވެސް ސައޫދީ ރަސްމީ ނޫސްއެޖެންސީ ބުނެ އެވެ. ސައޫދީ އަރަބިޔާގެ އުތުރުގެ ބަރީދާ ސަރަހައްދަކީ ސަރުކާރާ އިދިކޮޅު ހަރަކާތްތަކެއް މިފަހަކަށް އައިސް ފެނިގެންގޮސްފައިވާ ސަރަހައްދެއް ކަމަށާ އެސަރަހައްދުގައި ސައޫދީ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާތަކެއް ކުރުމުގެ ސަބަބުން އެތައް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ހުޅަނގުގެ ގައުމުތަކުގައި ދިރިއުޅުއްވާ ސަޢޫދީ އިދިކޮޅު ބައެއް އެކްޓިވިސްޓުން ބުނެފައިވެ އެވެ.
އެސަރަހައްދުގެ ރައްޔިތުން ސައޫދީ ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައި ވަނީ ޓެރަރިޒަމުގެ ހަރަކާތްތަކާއި އަލްގާޢިދާ އަށް ހަމްދަރްދީ ފާޅުކުރުމުގެ ހަރަކާތްތަކެއް ބައެއް ރައްޔިތުންގެ ފަރާތުން ފެނުމާގުޅިގެން އެތައް ބަޔަކު ހައްޔަރުކޮށް އެމީހުންނަށް ވީނުވީއެއް ނޭނގުމުގެ ސަބަބުން އެކަމާ މެދު ރުޅިވެރިކަން ފާޅުކުރުމުގެ ގޮތުން ކަމަށް ޚަބަރު ލިބެ އެވެ. (ނޫސްއެޖެންސީތައް)