އިސްލާމް އާބާދު (ނޮވެމްބަރު 3): ޕާކިސްތާނުގެ ތާލިބާން ޖަމާއަތުގެ ލީޑަރު ހަކީމުﷲ މަހްސޫދު އެމެރިކާގެ ޑޮރޯން ޙަމަލާތަކެއްގައި މަރާލިތާ ސައުވީސް ގަޑީއިރު ވެސް ނުވަނީސް ތާލިބާނުން އެޖަމާއަތުގެ ލީޑަރަކަށް އައު ހަނގުރާމަވެރިއަކު އިޚްތިޔާރުކޮށްފި އެވެ.

ތާލިބާނުންގެ ކައުންސިލްގެ ކުއްލި ޖަލްސާއެއް އިއްޔެ ބޭއްވުމަށް ފަހު އެޖަމާއަތުގެ އައު ލީޑަރަކަށް ހޮވާފައި ވަނީ ޚާން ސަޢީދު ސަޖްނާ އެވެ. ޚާން ސައީދަކީ ކުޅަދާނަ ޢަސްކަރީ ކޮމާންޑަރެއް ކަމަށްވެ އެވެ. އުމުރުން 18 އަހަރުން ފެށިގެން އޭނާއަކީ ތަލިބާނުންގެ ސަފުތަކުގައި ހަނގުރާމަކޮށް ހަނގުރާމައިގެ ހުނަރުތައް ދަސްކޮށްފައިވާ މީހެއް ކަމަށް ޖާސޫސީ ރިޕޯޓްތައް ބުނެ އެވެ. ޚާން ސައީދާބެހޭ އިތުރު މަޢްލޫމާތެއް ތާލިބާނުން ހާމަކޮށްފައެއްނުވެ އެވެ.

އަނެއްކޮޅުން ތާލިބާނުން ވަނީ އެމެރިކާ އިން ޑްރޯން ޙަމަލާދީ މަރާލި އެޖަމާއަތުގެ ލީޑަރު ހަކީމުﷲ މަހްސޫދުގެ ޖަނާޒާ ވަޒީރުސްތާނުގައި އިއްޔެ ބާއްވާފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ތާލިބާނުން އިއްޔެ މެންދުރު ފަހު ހަކީމުﷲ އާއި އޭނާއާ އެކު މަރާލެވުނު ހަތަރު މީހުންގެ ޖަނާޒާ ބާއްވާފައި ވަނީ ވަރަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކުގަ އެވެ. ހަކީމުﷲ އާއި އޭނާއާ އެކު މަރާލެވުނު އަނެއް ހަތަރު މީހުން ވަޅުލާފައި ވަނީ ވަޒީރުސްތާނުގެ އެކިތަންތަނުގައި ވަކިވަކިންކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހަކީމުﷲ މަރާލުމަށް އެމެރިކާ ދިން ޙަމަލާތަކާ ގުޅިގެން ތާލިބާނުން ވަނީ މިއީ ޕާކިސްތާން ސަރުކާރު ވެސް ޒިންމާ އުފުލަން ޖެހޭނެ ޙަމަލާތަކެއް ކަމަށް ސިފަކޮށް މިކަމާ ދެކޮޅަށް ލަފާވެސް ކުރެވޭ ފަދަ ގޮތަކަށް ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފަ އެވެ. މިމައްސަލާގައި ޕާކިސްތާން ސަރުކާރުން ވަނީ އިސްލާމް އާބާދުގައި ހުންނަވާ އެމެރިކާގެ ސަފީރު ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއަށް ޙާޒިރުކޮށް ހަކީމުﷲ މަރާލުމަށް އެމެރިކާ ދިން ޙަމަލާތަކަކީ ޕާކިސްތާނުގެ މިނިވަންކަމާއި ސިޔާދަތަށް އަރައި ގަތުމުގެ ހަރުކަށި އަމަލެއް ކަމާއި މިފަދަ ޢަމަލުތައް އެމެރިކާ ހުއްޓާލުމަށް ގޮވާލާ ލިޔުމެއް އޭނާއާ ހަވާލުކޮށްފަ އެވެ. އަދި ޕާކިސްތާނަށް ހަމަޖެހުން ގެނުމަށް ސަރުކާރުން މިހާރު ފަށާފައިވާ މަސައްކަތްތައް ހަކީމުﷲ މަރާލުމުގެ ސަބަބުން ނާކާމިޔާބުވެގެންދާނެ ކަމަށް ވެސް ޕާކިސްތާނުގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މީގެއިތުރުން ޕާކިސްތާނުގެ ދާޚިލީ ވަޒީރު ޗައުދަރީ ނައްސާރު އަލީ ޚާން ވަނީ ހަކީމުﷲ މަރާލުމަކީ އެންމެ ހަނގުރާމަވެރިއަކު މަރާލުން ނޫންކަމަށާ އެއީ ޕާކިސްތާނަށް ހަމަޖެހުމާއި ސުލްޙަ ގެނައުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ނާކާމިޔާބު ކޮށްލުން ކަމަށް ސިފަކުރައްވާފަ އެވެ. އެމެރިކާ އިން ތާލިބާނުންގެ ލީޑަރު ޙަކީމުﷲ މަރާލާފައި މިވަނީ ތާލިބާނުންނާ އެކު ސުލްހައިގެ ވާހަކަތައް ފެށިކަން ޕާކިސްތާން ސަރުކާރުން އިޢްލާންކުރިތާ ސައުވީސް ގަޑީއިރު ވެސް ނުވަނީސް ކަމަށް ޚަބަރު ލިބެ އެވެ. (ނޫސްއެޖެންސީތައް)