ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމުގެ އޮނިގަނޑު އެކުލަވާލި ގޮތާ ބެހޭ ގޮތުން ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު އިބުރާހިމް މުއްތަލިބު ހައްދަވަނީ އިތުރު ފުޅެއް ކަމަށް މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިރޭ ނެރުއްވި ބަޔާނެއްގައި ޝާހިދު ވިދާޅުވެފައި ވަނީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމުގެ އޮނިގަނޑު އެކުލަވާލާފައި ވަނީ މަޖިލީހުގެ އާއްމު ކޮމެޓީން ކަމަށެވެ. އަދި އެކަން ކުރައްވާފައި ވަނީ މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ކަމަށާއި އެހާ ސާފުކޮށް ހިނގަމުންދާ ކަމަކާ މެދު ބިރުވެރިކަން އުފެދި ފިތުނައަށް މަގުފަހިވާ ގޮތަށް މުއްތަލިބު ވާހަކަފުޅު ދައްކަވާތީ ހިތާމަކުރައްވާ ކަމަށެވެ.

"މިހާ ސާފުކޮށް މަޖިލީހުގެ ގަވައިދާ އެއްގޮތަށް ހިނގަމުންދާ ކަމެއްގައި ޢާއްމު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދި ފިތުނަ އަށް މަގުފަހިވާ ގޮތަށް ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްތަލިބު ޢަދާލަތު ޕާޓީގެ ނަމުގައި ދޮގު ވާހަކަ ދައްކަވަމުން ގެންދަވާކަމީ މަޖިލީހުގެ ރައީސް ހިތާމަކުރައްވާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޚިލާފަށް އެއްވެސްކަމެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަން މި ފުރުޞަތުގައި ދިވެހި ރައްޔިތުންނަށް އަރުވާ ކަމުގައި ވެސް މަޖިލީހުގެ ރައީސް ވިދާޅުވި ކަމަށް މަޖިލީހުން މިރޭ ނެރު ބަޔާނުގައިވެ އެވެ.


ސާޖަންޓް އެޓް އާމްސްގެ މަގާމަށް 30 އޮކްޓޯބަރުގައި ބޭފުޅަކު އައްޔަން ކުރެއްވީ އެދުވަހުގެ ޖަލްސާގައި ބައިވެރިވަޑައިގެންނެވި 57 މެމްބަރުންގެ ތެރެއިން 56 މެމްބަރުން ވޯޓް ދެއްވައިގެން ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި ވަނީ އެގޮތުން ވޯޓްދެއްވި މެމްބަރުންގެ ތެރޭގައި އެމްޑީޕީ އާއި ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.