ހުޅުމާލެއާ މާލެއާ ދެމެދު ދަތުރުކުރާ ފެރީއަކުން މިރޭ މޫދަށް ވެއްޓުނު މީހަކު ސަލާމަތްކޮށްފި އެވެ. '

މޫދަށް ވެއްޓުނީ މިރޭ 9.15 މާލޭން ހުޅުމާލެ އަށް ދާން ފުރި ފެރީން ހުޅުމާލެއަށް ދަތުރުކުރި މީހެއް ކަމަށް އެ ފެރީން ދަތުރު ކުރި މީހަކު މިރޭ ބުންޏެވެ. އަދި އޭނާ ނެގީ 9.35ގައި މާލޭން ފުރި ފެރީ އިން ކަމަށެވެ.

"އޭނާ ފެނުނު އިރު އޮތީ ވަރަށް ހާލު ދެރަވެފައި، މަޑުމަޑުން ފަތަ ފަތައި އޮތީ، މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ،" ސަންއާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ނެރުމައްޗާއި މާ ދުރުނޫން ހިސާބަކުން މޫދަށް ވެއްޓިފައި އޮތް މީހަކު މިރޭ ނަގާފައިވާ ކަމަށާއި އޭނާ ނެގީ މާލޭން ހުޅުމާލެއަށް ދަތުރުކުރި ފެރީއަކުން ކަމަށެވެ. އަދި ބުނީ ހުޅުމާލޭގައި މަސައްކަތް ކުރާ ފުލުހުންގެ އެހީތެރިކަމާ އެކު އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

"ހުޅުމާލޭގެ ނެރުމައްޗާ މާދުރު ނޫން ހިސާބަކުން އޭނާ ފެނުނީ، ހުޅުމާލޭގައި މަސައްކަތް ކުރާ ފުލުހުންގެ އެހީތެރިކަމާ އެކު އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިހާރު، އޭނާގެ ހާލު ސީރިއަސްއެއް ނޫން،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

އެ މީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.