ކޫއްޑޫން: އަބްދުﷲ ޖަމީލު

ގއ. ކޫއްޑޫގައި ހަދާފައިވާ އެއާޕޯޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ހިންގުން އަމިއްލަ ކުންފުންޏަކާ ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.

އެ ރަށުގައި މިދިޔަ އަހަރު ހެދި އެއާޕޯޓު ހިންގުން އަމިއްލަ ފަރާތަކާ ހަވާލުކުރުމަށް ހުޅުވާލި ބީލަން ކާމިޔާބުކޮށްފައި ވަނީ ސިންގަޕޫރުގެ ކިއޮން ހޮންގް ކޮންސްޓްރަކްޝަނާއި އެލިސަން ކޮންސްޓްރަކްޝަން ކުންފުނި ގުޅިގެން އުފައްދާފައިވާ ކޭއެޗްއޭ ކޮންސްޓްރަކްޝަން އިންނެވެ.

މިރަށު އެއާޕޯޓުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެއާޕޯޓު ހިންގުމުގެ އެއިރޯޑްރަމް ސެޓްފިކެޓް އެ ކުންފުންޏާ ހަވާލުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޫއްޑޫ އެއާޕޯޓު ތަރައްގީކޮށް ހިންގުމަށް އަމިއްލަ ބަޔަކާ ހަވާލުކުރެވުނީތީ އުފާކުރައްވާ ކަމަށެވެ. އަދި މިއަދަކީ ރާއްޖޭގެ އޭވިއޭޝަންގެ ތާރީހުގައި ފާހަގަކޮށްލެވޭ ދުވަހެއް ކަމަށް އަމީން ވިދާޅުވި އެވެ.

"ސަރަހައްދީ އެއާޕޯޓުތައް ހިންގުމަށް ސަރުކާރުން ވަރަށް ބޮޑު ހަރަދެއްކުރަން ޖެހޭ. އެއާޕޯޓު ހިންގައިގެން އެ ގެއްލުން ސަރުކާރަށް ފޫނުބެދޭ. އެހެންވެ ސަރުކާރުން ނިންމީ ސަރަހައްދީ އެއާޕޯޓުތައް ހިންގަން ޝައުގުވެރިވާ އަމިއްލަ ފަރާތްތަކާ ހަވާލުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ސަރަހައްދީ އެއާޕޯޓެއް ހިންގަން ސަރުކާރުން އަހަރަކު 22 މިލިއަން ރުފިޔާ ހަރަދުކުރާ އިރު އާމްދަނީގެ ގޮތުގައި ލިބެނީ ފަސް މިލިއަނެއްހާ ރުފިޔާ ކަމަށެވެ.

"ސަރުކާރުން ބޭނުން ވަނީ ހަރަދުކުޑަކޮށް ވީހާ ވެސް ފުރިހަމަކޮށް ސަރަހައްދީ އެއާޕޯޓްތައް ހިންގަން. އެއާޕޯޓު ހިންގާ ފަރާތާ އަޅުގަނޑުމެންނާ ގުޅިގެން ތަރައްގީކުރުމަށް ފުރުސަތު ދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ކޫއްޑޫ އެއާޕޯޓް ހިންގުން 25 އަހަރަށް އަމިއްލަ ބަޔަކާ ހަވާލުކުރާ އިރު އެތަނުގެ ރަންވޭ ދިގުކޮށް ޓާމިނަލް ބޮޑުކޮށް އިތުރު ވަސީލަތްތައް ގާއިމުކުރާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ކައްދު އާއި ކާޑެއްދޫ އެއާޕޯޓު ހިންގުން ވެސް އަމިއްލަ ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރަހައްދީ އެއާޕޯޓުތައް ތަރައްގީވުމުން ރާއްޖޭގެ ޓޫރިޒަމް ތަރައްގީ ކުރުމަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. ހާއްސަކޮށް މި ސަރަހައްދުގައި ޒަމާނީ ފެންވަރުގެ ރަނގަޅު އެއާޕޯޓެއް އޮންނަން ޖެހޭ،" އަމީން ވިދާޅުވި އެވެ.

އެއާޕޯޓު ހިންގުމާ އަލަށް ހަވާލުވި ކޭއެޗްއޭގެ ސީއީއޯ މުހައްމަދު އަލީ ޖަނާހު ވިދާޅުވީ އެއާޕޯޓު ހިންގުމާ މިދިޔަ އޮގަސްޓް 28 ވަނަ ދުވަހުން ފެށިގެން ހަވާލުވެފައިވާ ކަމަށެވެ. އަދި އެ ކުންފުނިން އެއާޕޯޓު ހިންގުމާ ރަސްމީކޮށް ހަވާލުވުމަށް ފަހު އެތަނުގެ ރަންވޭ ޖެޓްމަތިންދާ ބޯޓު ޖެއްސޭ ފެންވަރަށް 1800 މީޓަރަށް ރަންވޭ ބޮޑުކުރުމާއި ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ވަނީ ތަރައްގީކުރާނެ ގޮތުގެ ޑިޒައިން ނިންމާފައި. ތިމާވެށީގެ ހުއްދަތައް ލިބުނުހާ އަވަހަކަށް މަސައްކަތް ފަށާނަން. އަދި 18 މަސްދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމާނަން،" ޖަނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓުގައި ސިޓީ ހޮޓަލާއެކު އަލުން ތަރައްގީކުރުމަށް 20 މިލިއަން ޑޮލަރަށް ވުރެ ބޮޑު ހަރަދެއް ހިނގާނެ ކަމަށެވެ.

"2015 ވަނަ އަހަރު އަންނައިރު މި ސަރަހައްދުގެ ބެޑް ކެޕޭސިޓީ 500 އަށް ވުރެ އިތުރުވާނެ. އެއާއެކު އެއާޕޯޓަށް އަންނަ ފްލައިޓްގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވާނެ. މިހާރު އެވްރެޖްކޮށް ދުވާލަކު ފަސް ފްލައިޓް އަންނައިރު އަޅުގަނޑުމެން ލަފާކުރަނީ އެއަދަދު ކުރިޔަށް ދެ އަހަރުގެ ތެރޭގައި އިތުރު ހަތަރު ފްލައިޓް އަޅަން ޖެހޭނެ ކަމަށް،" ޖަނާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓް ތަރައްގީކޮށް ނިމޭއިރު އެއް ފަހަރާ ހަތަރު ފްލައިޓަށް ހިދުމަތް ދެވޭނެ ކަމަށެވެ.

ކޭއެޗްއޭ އިން ބުނީ ކޫއްޑޫ އެއާޕޯޓް ތަރައްގީކޮށް ނިމޭ އިރު އެތަނުގައި އެއް ފަހަރާ ފަސް ޖެޓް ޕާކު ކުރެވޭނެ ޖާގަ އޮންނާނެ ކަމަށެވެ. އޭގެ އިތުރުން އެއާބަސް ބޮޑެތި ބޯޓު ޖެއްސުމަށް ރަންވޭއަށް 50 މިލިމީޓަރުގެ ފަށަލައެއް ލުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޫއްޑޫ އެއާޕޯޓާއެކު އެ އަތޮޅު މާމުޓާގައި ރިސޯޓެއް ތަރައްގީކުރުމަށް ވެސް ކޭއެޗްއޭއާ ވަނީ ހަވާލުކޮށްފަ އެވެ.