ސަލާމަތީބާރުގެ ތެރޭގައި ނުހިމެނޭ ފަރާތްތަކަކަށް ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ހަވާލުކުރެވިދާނެކަމަށް ނުދެކޭ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގެއާއި، ގޯތި ތެރެއާއި، ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަންވާނީ ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުން ކަމަށް ގާނޫނު އަސާސީގެ 105 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ކަމަށެވެ.

ގާނޫނު އަސާސީން މަތިކޮށްފައިވާ އެ ގާނޫނީ ވާޖިބު އަދާކުރުމުގެ މުހިންމު ބުރަ މަސްއޫލިއްޔަތުތަކާ، ވަކި ޒިންމާތަކެއް ދައުލަތުގެ ސަލާމަތީ ބާރުތަކާއި މަތިކޮށްފައި ވަނިކޮށް، އެ މަސްއޫލިއްޔަތާއި ވާޖިބު ސަލާމަތީ ޚިދުމަތްތަކުގައި ނުހިމެނޭ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހަވާލުކުރެވިދާނެ ކަމަށް އެ މިނިސްޓްރީން ނުދެކޭ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން އަދި އެ މަޖިލީހުގެ ގެއާއި، އެ މަޖިލީހުގެ ގޯތި ތެރެއާއި، ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމުގެ ގާނޫނީ އެންމެހައި މަސްއޫލިއްޔަތެއް ގާނޫނު އަސާސީގެ ތަރަހައިގެ ބޭރުން ގެންދެވިދާނެ ކަމަށް އެ މިނިސްޓްރީން ނުދެކޭ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިސް ފަރާތެއްގެ ގޮތުން ސާޖަންޓް އެޓް އާމްސްގެ މަގާމަށް ވެސް ދާދިފަހުން ވަނީ މީހަކު އައްޔަން ކުރައްވާފަ އެވެ. އަދި އޭނާގެ ދަށުން މަސައްކަތް ކުރުމަށް ސެކިއުރިޓީ ބަލަހައްޓާ 100 މީހުން ހޯދުމަށް މަޖިލީހުގެ އިދާރާއިން ވަނީ އިއުލާން ކޮށްފަ އެވެ.