02 Nov 2013, 20:37
ރައްޔިތުން މަޖިލީހުގެ ރައީސް ވެރިކަމާއި ހަވާލުވެއްޖެ ނަމަ ރާއްޖޭގައި ދެ ވެރިކަމެއް އުފެދޭނެ ކަމަށް އަދާލަތް ޕާޓީން ބުނެފި އެވެ.
އަދާލަތު ޕާޓީ އޮފީހުގައި މިއަދު ހަވީރު ނޫސްވެރީންނާ ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު އިބްރާހީމް މުއްތަލިބް ވިދާޅުވީ މިހާރު އޮތް ވެރިކަން ނުނިމެނީސް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ވެރިކަން ހަވާލުނުކުރެވޭނެ ކަމަށެވެ.
"އަބްދުﷲ ޝާހިދު މިހާރު އެދަނީ ވެރިކަމަށް އަރަން ތައްޔާރުވަމުން. 2013 ނޮވެމްބަރު 11 ގައި ހުވާކޮށްފިނަމަ ދިވެހިރާއްޖޭގައި އެއުފެދެނީ ދެސަރުކާރެއް. މިހާރު ހުރި ސަރުކާރު އިސްތިއުފާ ނުދީ އަބްދުﷲ ޝާހިދު ރައީސް ކަމުގެ ހުވާކުރީމަ ދެ ސަރުކާރެއް އުފެދޭނެ،" މުއްތަލިބު ވިދާޅުވި އެވެ.
މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމަށް 100 މީހުން ހޯދުމަށް އިއުލާންކޮށްފައިވާތީ މުއްތަލިބު ވަނީ އެކަމާ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމަށް 100 މީހުން ހޯދަނީ ނޮވެމްބަރު 11 ގައި އަބްދުﷲ ޝާހިދު ވެރިކަމުގެ ހުވާކުރައްވަން ސިފައިންނާއި ފުލުހުން އެއްބާރުލުން ނުދީފާނެތީ ކަމަށެވެ.
ޝާހިދު އިއުލާން ކުރީ "މިލިޓަރީ ވެރިކަމެއް" ގާއިމް ކުރަން ކަމަށާއި އެކަމުގެ މައިގަނޑު މަގުސަދަކީ ގައުމުގައި ތިބި ސަލާމަތީ ބާރުތަކާއި ހަގުރާމަ ކުރާނެ ރަސްމީ ޖަމާއަތެއް އުފެދުން ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމު މިފަދަ ދަޑިވަޅަކަށް ވެއްޓުމުން ބޭރުގެ ނުރަނގަޅު ނުފޫޒު ކޮށްފާނެ ކަމަށާއި އެއީ އެމްޑީޕީއާއި އަބްދުﷲ ޝާހިދު ބޭނުންފުޅުވާ ގޮތް ކަމަށެވެ.
މަޖިލީހުގެ ހުރިހާކަމެއް ވެސް ކުރަމުންދަނީ އެމްޑީޕީގެ ރޭވުމުގެ ދަށުން ކަމަށާއި ސިޔާސީ ޖަމާއަތަކުން ހަނގުރާމަވެރި ޖަމާއަތަކަށް އެމްޑީޕީ ބަދަލުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހުރިހާ ކަމައް ހިނގަމުން މިއަންނަނީ އެމްޑީޕީގެ އަމްބްރެއްލާގެ ދަށުން. އެހެންވީމަ ސިޔާސީ ޖަމާއަތެއްގެ އިތުރަށް ހަނގުރާމަވެރި ޖަމާއަތަކަށް އެމްޑީޕީ މިއަންނަނީ ބަދަލުވަމުން. އަދި މިކަންކަންކުރަން އެމްޑީޕީން ބޭނުންމިކުރަނީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރު ކަމަށްވާ ރައްޔިތުންގެ މަޖިލިސް،" މުއްތަލިބު ވިދާޅުވި އެވެ.