02 Dec 2010, 04:29
ހިއުމަން ރައިޓްސް ކޮމިޝަންގެ އަމުރަކަށް ތަބާ ނުވި މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.
މި ދައުވާކޮށްފައި ވަނީ ހ. ދިޔަދޫ މޫސާ އާޒިމްގެ މައްޗަށެވެ. އޭނާ އަކީ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހިބިލިޓޭޝަން ސާވިސް (ޑީޕީއާރްއެސް) ގެޑެޕިއުޓީ ސްޕްރިންޑެންޓެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ ހިޔުމަން ރައިޓްސް ކޮމިޝަން ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) ހަވާލާދީ އެ މާއްދާގެ (ށ) ދަށުންނެވެ.
ދައުލަތުން އާޒިމްގެ މައްޗަށް ކުރި ދައުވާގައި ބުނަނީ ހިއުމަން ރައިޓްސް ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ޑީޕީއާރްއެސްގެ ޑެޕިއުޓީ ސްޕްރިންޑެންޓުގެ ހައިސިއްޔަތުން މޭ 23، 2010 ދުވަހު އެކޮމިޝަނަށް ހާޒިރުވުމަށް އެންގުމުން ހިޔުމަން ރައިޓްސް ކޮމިޝަނަށް ހާޒިރުވެފައިނުވާތީ ހިއުމަންރައިޓްސް ކޮމިޝަންގެ އެންގުމަށް ތަބާނުވުމުގެ ކުށުގައި ދައުވާކުރަނީ ކަމަށެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް އިއްޔެ ވަނީ ކްރިމިނަލް ކޯޓްގައި ބާއްވާފަ އެވެ.
ޝަރީއަތުގައި އާޒިމް ބުނީ އޭނާ ކުރިއަށްދާން ބޭނުންވަނީ ވަކީލެއްގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އެހެންވެ ކްރިމިނަލް ކޯޓުން ވަނީ އެ ފުރުސަތު އޭނާއަށްދީފަ އެވެ.