ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ނައިބު ރައީސް އަހްމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލަ އެޖެންޑާކުރުމުގައި އިސްފަސް ކުރުމުގެ މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ޝާހިދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީއާ އަދި އެމްޑީއޭގެ އިތުރުން އަދާލަތު ޕާޓީ އަށް ނިސްބަތްވެވަޑައިގެންނަވާ 15 މެމްބަރުން ސޮއިކުރައްވައިގެން މައްސަލައެއް މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. ނަމަވެސް މަޖިލީހުގެ އިދާރާ އިން ވަނީ އެ ލިޔުމުގައި އިމްލާ ދެ ކުށެއް އިން ކަމަށް ބުނެ ރަނގަޅުކޮށްގެން ގެނައުމަށް އަންގައިފަ އެވެ.

ނަމަވެސް ލިޔުމުގައި އިން "ކުޑަ ކުށަކާ ހުރެ" މައްސަލަ އަނބުރާ ގެންގޮސް ފަހުން ހުށަހަޅަން ޕީޕީއެމް އިން އެ ދުވަހު ވަނީ ދެކޮޅު ހަދާފަ އެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ޝާހިދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މައްސަލަ ހުށަހެޅުއްވި މެންބަރުންގެ ތެރޭގައި ސޮއި ކުރެއްވި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް މިއަދު ސަން އަށް ވިދާޅުވީ އެ ދުވަހު އަލުން މައްސަލަ ގެނަން ބޭނުން ނުވީ ލިޔުމުގައި އޮންނަ ކުޑަ ކުށަކުން އެ މައްސަލަ އަނބުރާ ފޮނުވާލަން ޖެހޭނެ ކަމަށް ގަބޫލު ނުކުރާތީ އާއި ކުރިން ވެސް ލިޔުމުގައި ހުންނަ ކުށްތައް ހުރުމުން ވެސް ވަގުތުން ރަނގަޅުކޮށްލުމަށް ފަހު މައްސަލަ ބަލައިގަންނާތީ ކަމަށެވެ.

މައްސަލަ އަނބުރާ ނުގެނައުމުން އެންމެ ފަހުން މަޖިލީހުން އެ މައްސަލަ ބަލައިގަތީ ލިޔުމުގައި އިން ކުށް މަޖިލީހުގެ އިދާރާ އިން އަމިއްލަ އަށް ރަނގަޅުކޮށްލުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލަ ބަލައިގެންފައި ވަނީ 28 ވަނަ ދުވަހު އެވެ. އަދި މައްސަލަ އެޖެންޑާ ކޮށްފައި ވަނީ 20 ވަނަ ދުވަހަށެވެ.

ޝާހިދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި އިމްލާ ދެ ކުށް އިނުމުގެ ސަބަބުން އިސްލާހުކޮށްގެން ގެނައުމަށް އެންގުމަށް ފަހު އެ ދުވަހު އެމްޑީޕީން ހުށަހެޅި ނައިބު ރައީސް ނާޒިމްގެ މައްސަލަ މަޖިލީހުގެ އިދާރާ އިން ވަނީ ބަލައިގެންފަ އެވެ. އަދި މައްސަލަ އެ ޖެންޑާކުރީ 19 ވަނަ ދުވަހު ބޭއްވުމަށެވެ.

ލިޔުމުގެ ދެ ކުށް އިނުމާ އެކު ޝާހިދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ އިސްލާހު ކޮށްގެން އަލުން ހުށަހެޅުމަށް މަޖިލީހުން އަންގާފައިވާ އިރު ސަން އަށް ލިބިފައިވާ ބައެއް ލިޔުންތަކުން އެނގޭ ގޮތުން މީގެ ކުރިން މަޖިލީހަށް ހުށަހަޅާފައިވާ ބައެއް މައްސަލަތައް ވަނީ މާއްދާތައް ނުބައިކޮން ޖެހިފައި ހުއްޓަސް އިސްލާހު ކުރުމަށް ފަހު އެ ދުވަހު ބަލައިގެންފަ އެވެ. އަދި ގިނަ އިމްލާ ކުށް ހުރި ނަމަވެސް މަޖިލީހަށް ބަލައިގެންފައިވާ ކަން ކޮޕީ ލިބިފައިވާ ލިޔުންތަކުން ފެންނާ އެބަ ހުއްޓެވެ.

އަލީ އާރިފް މިއަދު ވިދާޅުވީ ލިޔުމުގެ ކުށެއް އިން ކަމަށް ބުނެ ޝާހިދުގެ މައްސަލަ ބަލައިގަތުން ފަސްކުރީ ނާޒިމްގެ މައްޗަށް އެމްޑީޕީން މައްސަލަ ހުށަހަޅާފައިވާ މައްސަލަ ކުރިން ބަލައި ގަތުމަށް ފަހު ޝާހިދުގެ މައްސަލަ ފަހުން އެޖެންޑާކުރުމުގެ ބޭނުމުގައި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މަޖިލީހުގެ އަމީން އާންމު އަހްމަދު މުހައްމަދު މިއަދު ވިދާޅުވީ މަޖިލީހަށް މެންބަރުންގެ ފަރާތުން ހުށަހަޅާ މައްސަލަތަކުގައި އަމަލު ކުރާ ދެ ގޮތެއް ވެސް އަމަލުކުރަމުންދާ ކަމަށެވެ. އެގޮތުން ކުށް ހުރުމުން މައްސަލަ އަލުން ބަލައިގަތުމާއި އަދި ކުށް ފިލުމަށް އަނބުރާ ފޮނުވާލުން ވެސް އެއީ އަމަލު ކުރާ ގޮތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޝާހިދުގެ މައްޗަށް ހުށަހެޅުނު އިތުބާރު ނެތް މައްސަލާގައި އިމްލާ ކުށް ހުރުމުން ރަނގަޅުކޮށްގެން ގެންނަން މަޖިލީހުގެ އިދާރާ އިން ލިޔުމަކުން އެންގި ކަމަށް އަމީން އާންމު ވިދާޅުވި އެވެ.