02 Nov 2013, 17:29
އެއީ ތިނެއް ނޮވެމްބަރު 1988 އެކެވެ. އަހަރެން ދާން ތައްޔާރުވަމުން ދިޔައީ ޕޫނާގައި ހުންނަ ނެޝަނަލް ޑިފެންސް އެކަޑެމީގައި އޮތް ސްކައި ޑައިވިންގް ޑެމޮންސްޓްރޭޝަން އަކަށެވެ. އަހަރެން ކިޔެވި އެކަޑެމީގައި މަޝްހޫރު ބައެއް ސްކައި ޑައިވަރުންނާ އެކު ސްކައި ޑައިވިންގް ޓީމުގެ ލީޑަރުގެ ގޮތުގައި ޑެމޮންސްޓްރޭޝަނެއްގައި މަސައްކަތްކޮށްލަން ފުރުސަތު ލިބުމަކީ އަހަންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމެކެވެ.
ނަމަވެސް ދަތުރަށް ނައްޓާނުލެވި އުޅެނިކޮށް އެއާ އެޗްކިޔު (ވައިގެ ސިފައިންގެ މައި މަރުކަޒު) އިން ޕޫނާގައި އޮތް ޑެމޮންސްޓްރޭޝަން ކެންސަލްކޮށް، އިތުރު އޯޑަރެއް އަންނަންދެން މަޑުކުރަން އެންގި އެވެ. ދަނީ ކޮންތާކަށް ކަމެއް އޭރަކު ނޭނގެ އެވެ.
އެދުވަހު މެންދުރު ފަހުގެ ވަގުތަށް އެޅި އިރު، އަހަރެމެން ތައްޔާރުވަމުން ދިޔައީ އައިއެލް-76 މަރުކާގެ ހަނގުރާމަ މަތީ މަތިންދާބޯޓަކުން ޕެރަޝޫޓުގައި ބިމަށް ފޭބުމުގެ މަސައްކަތަށެވެ. އެވަގުތު ދެކެވެމުން ދިޔަ ވާހަކައަކީ، ތައްޔާރުވަމުން ދިޔަ އޮޕަރޭޝަނަކީ ސްރީ ލަންކާގައި ހަރަކާތްތެރިވާ އިންޑިއަން ޕީސް ކީޕިންގް ފޯސް (އައިޕީކޭއެފް) އަށް އެހީވުމަށް ކުރިއަށްދާ އޮޕަރޭޝަނެއް ކަމަށެވެ.
އެދުވަހުގެ ފަހެއް ޖެހި އިރު، 44 ވަނަ ސްކޮޑްރަންގެ އިމާރާތުގެ ކުރިމަތީގައި އޮތް ސަރަހައްދުގައި އާދަޔާ ހިލާފަށް ކާރޫބާރޫ ބޮޑުކޮށް ސިފައިން ދިޔައީ ހަރަކާތްތެރިވަމުން ނެވެ. އަސްކަރީ އާލާތްތަކާއި ހަތިޔާރު ހިފައިގެން ތިބި ސިފައިން ޖީޕުތަކާއި ޓްރަކްތަކުގައި އެއްކޮޅުން އަނެއްކޮޅަށް ދަތުރުކުރެ އެވެ. ޕެރަޝޫޓް ޖަމްޕް އިންސްޓްރަކްޓަރުން ދިޔައީ ސިފައިންނަށް އިރުޝާދުތައް ދެމުން ނެވެ. އައިއެލް-76ގެ ބޯޓުތަކަށް ތެޔޮ އަޅަނީ އެވެ. ގުރައުންޑް ކުރޫއިން ބޯޓު ނައްޓާލުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން ދިޔައިރު، ބޯޓުގެ ކުރޫއިން ދިޔައީ މެނިފެސްޓްތަކުގައި ސޮއިކޮށް އައިއެލް-76ގެ ދެބޯޓު އުދުއްސާލުމުގެ މަސައްކަތް ކުރަމުން ނެވެ.
މިއޮޕަރޭޝަންގައި އެއާ ފޯސް ޓާސްކް ގުރޫޕް ލީޑްކުރުމަށް އެއާ އެޗްކިޔުގެ ޖޮއިންޓް ޑިރެކްޓާ އޮފް އޮޕަރޭޝަންސް ގްރޫޕް ކެޕްޓަން އޭ ކޭ ގޮއިލް އާގަރާއަށް އައެވެ. ކޯ ޕައިލެޓެއްގެ ގޮތުގައި ހުރީ 44 ވަނަ ސްކޮޑްރަންގެ ކޮމާންޑިންގް އޮފިސާ ގުރޫޕް ކެޕްޓަން އޭ ކޭ ބެވޫރު އެވެ. ކޮކްޕިޓްގައި އިށީނުމަށް ފަހު ދެ މީހުން ވެސް ޕްރީ ފުލައިޓް ޗެކްލިސްޓުގެ މަސައްކަތް ފެށި އެވެ.
އަސްކަރިއްޔާގެ ޓާސްކް ފޯސް ކޮމާންޑަރަކަށް ހުރީ ބްރިގޭޑިއާ ފާރޫކު ބުލްސަރާ (ބުލް) އެވެ. ވައިގެ ތެރޭގައި ދަތުރުކުރާ ވަގުތު ބްރިގޭޑިއާ ބުލްސަރާ ދަތުރުކުރާނީ އެއާ ފޯމޭޝަން (ގިނަ ހަނގުރާމަ މަތީ މަތިންދާބޯޓުތައް ދަތުރުކުރާއިރު ދަތުރުކުރަމުންދާ އޯޑަރު)ގެ "ނަމްބާ ޓޫ" މަތިންދާބޯޓުގައި ކަން އެނގުމުން އެކަން ބަދަލުކުރުމަށް އަހަރެން ގްރޫޕް ކެޕްޓަން ގޮއިލް ކައިރިއަށް ފޮނުވި އެވެ. ނޫނެކޭ ބުނުމުން ބުލްސަރާ ހިތްހަމައެއް ނުޖެހުނެވެ. ބުލްސަރާ ބޭނުންވީ އެންމެ ފުރަތަމަ ދާން އުޅޭ މަންޒިލަށް ވާސިލްވާ މަތިންދާބޯޓުގައި އޭނާ ހުރުމަށެވެ.
ގުރޫޕް ކެޕްޓަން ގޮއިލް ވެސް ބޭނުންވީ އެންމެ ފުރަތަމަ ދަތުރުކުރާ މަތިންދާބޯޓުގައި އޭނާ ހުރުމަށެވެ. މިމައްސަލަ ހައްލުކުރީ ދެ މަތިންދާބޯޓުގެ ކުރޫ ބަދަލުކޮށް، ބްރިގޭޑިއާ ބުލްސަރާގެ މަތިންދާބޯޓު ދުއްވުމުގެ މަސައްކަތާ ގޮއިލް ހަވާލުވުމުން ނެވެ.
ދޮރުތައް ލެއްޕުމަށް ފަހު އުދުއްސާލަން ތައްޔާރުވި އިރު، ބާރުގަދަ ދެ ޖެޓުގެ އިންޖީނުގެ އަޑުފަށް ގަނޑު ފެތުރިގެންދިޔަ އެވެ. އާގަރާ އަށް އިރު އޮއްސެމުން ދަނިކޮށް "ފުރެންޑްލީ ވަން" އަދި "ފުރެންޑްލީ ޓޫ" އުދުއްސާލި އެވެ. އިންޑިއާގެ ވައިގެ ސިފައިންނާއި އަސްކަރިއްޔާ ނައްޓާލީ ވައިގެ މަގުން ހިންގޭ އޮޕަރޭޝަނެއްގައި ދިވެހިރާއްޖެ އަށެވެ. އޮޕަރޭޝަނަކީ "އޮޕަރޭޝަން ކެކްޓަސް" އެވެ.
މަތިންދާބޯޓަށް އުދުހެވޭ އުސްމިނަށް ވާސިލްވުމާ އެކު އަނެއްކާ ވެސް ބޯޓުގެ ކާގޯ ހޯލްޑުގެ ތެރޭގައި ސިފައިންތައް އަވަސްވެގަތީ މަސައްކަތަށެވެ. އާއްމުކޮށް މިފަދަ އޮޕަރޭޝަނެއްގައި ނައްޓާލާއިރު ކާގޯ ބައިގެ ތެރޭގައި ކުރިއަށް ދަނީ އޮޕަރޭޝަންގެ ކަންކަން ރޭވުމުގެ މަސައްކަތެވެ. މިމަސައްކަތުގައި އާއްމުކޮށް ބޭނުންކުރާ ބޮޑެތި ޗާޓުތަކުގެ ބަދަލުގައި ރާއްޖެއާ ބެހޭ ޓޫރިސްޓް ފޮތްތަކާއި ޓޫރިސްޓް ޗާޓުތައް ގެންގުޅޭ ތަން ފެނުމުން އަހަރެއް ހައިރާންވި އެވެ. ނައްޓާލަން ޖެހުނުލެއް އަވަސްކަމުންނާއި ވަގުތު ކުޑަތަން ވެފައިވުމުން ރަނގަޅު ޗާޓުތަކެއް ހޯދާނެ ވަގުތެއް ނުލިބު ނެވެ. ދަތުރުގެ ވަގުތުތައް ދިޔަވަރަކަށް މަޑު މަޑުން، އެތިކޮޅު ކޮޅުން އޮޕަރޭޝަނާ ބެހޭ މައުލޫމާތުތައް ލިބެމުން ދިޔަ އެވެ.
ދެކުނުން ހާހެއްހާ މޭލުގެ ދުރުގައި ގައުމަކާއި އެގައުމުގެ ރައީސް ވަނީ ކުލީ ސިފައިންގެ ޝިކާރައަކަށް ވެފަ އެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދިވެހި ސިފައިން ދިޔައީ ގައުމު ދިފާއުކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ނެވެ. ސަލާމަތްވެވޭނެ ކަމުގެ ހަމައެކަނި އުއްމީދަކީ އިންޑިއާގެ ބޮޑުވަޒީރު ރަޖީވް ގާންދީ ވައުދުވެވަޑައިގެންފައިވާ އިންޑިއާގެ އަސްކަރީ އެހީ ލިބުމެވެ. އިންޑިއާއާ ހާހެއްހާ މޭލު ދުރުގައި، މިއީ އިންޑިއާގެ އަސްކަރިއްޔާ އިން ހިންގި ނުރައްކާތެރި އޮޕަރޭޝަނެކެވެ.
އޭރު އަހަރެމެން ތިބީ ހުޅުލެއާ ގާތްގަނޑަކަށް އެއް ގަޑި އިރު ދުރުގަ އެވެ.
ކޮކްޕިޓްގެ ފަހަތުގައި މީހަކު އިން ތަން ފެނުނެވެ. އާދައިގެ ހެދުމުގައި ހުރި މީހަކު މިފަދަ އޮޕަރޭޝަނެއްގައި ބޯޓުގެ ތެރެއިން ފެނުމަކީ އާއްމު ކަމެއް ނޫނެވެ. މިކަމާ ހައިރާންވުމުން އޭނާއާ ވާހަކަ ދައްކާލަން ނިންމީމެވެ. އެއީ އޭރު އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނެވި ހައި ކޮމިޝަނަރު އޭ ބެނާޖީ އެވެ. ބެނާޖީ އަކީ ބޯޓުގައި ތިބި ހުރިހާ އެންމެންގެ ތެރެއިން މާލެއަށް ޒިޔާރަތްކޮށްފައިވާ ހަމައެކަނި ބޭފުޅާ އެވެ.
ހުޅުލެއާ ކައިރިވަމުންދިޔަ ވަރަކަށް ބޯޓު ތެރޭގައި ހާސްކަން އިތުރުވަމުން ދިޔަ އެވެ. ނަމަވެސް މިއީ، އާއްމު ގޮތެއްގައި ގުރައުންޑު ޑިއުޓީތަކުގައި ހަރަކާތްތެރިވާ ލެފްޓިނެންޓަކަށް މިފަދަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވެވޭ މަދު ފަހަރުގެ ތެރެއިން ފަހަރަކަށް ވުމުން އަހަރެންގެ އަތުގައި އޮތް ނޯޓު ފޮތް ހުޅުވާލުމަށް ފަހު، ބެނާޖީގެ ހިޔާލުތައް އޭގައި ލިޔުއްވުމަށް އެދުނީމެވެ.
"ރާވާފައިވާ ގޮތަށް ހުރިހާ ކަމެއް ދާނެ ކަމަށް އުއްމީދުކުރަން،" އަހަރެންގެ ފޮތުގައި ބެނާޖީ ލިޔުއްވީ މިހެން ނެވެ.
ބޯޓު ތެރޭގައި ބްރިގޭޑިއާ ބުލްސަރާ އިންނެވީ ފުން ވިސްނުމެއްގަ އެވެ. ނޯޓު ފޮތް ދިންކޮށްލުމަށް ފަހު އޭގައި ކޮންމެވެސް އެއްޗެއް ލިޔެ ދިނުމަށް އެދުނީ މެވެ.
"މާދަމާ (ހަތަރެއް ނޮވެމްބަރު 1988)ގެ 10 ޖެހުމުގެ ކުރިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ހުޅުލޭ އެއާޕޯޓް ހުންނާނީ އަހަރެމެންގެ ރައްކާތެރިކަމުގެ ދަށުގައި،" ބްރިގޭޑިއާ ބުލްސަރާ ލިޔުނެވެ.
ގްރޫޕް ކެޕްޓަން ގޮއިލްގެ ކައިރިން ފޮތުގައި ލިޔުމަށް އެދެން ނުކެރުނީ ބޯޓު އުދުހުމުގައި ބުރަކޮށް އުޅޭނެ ކަން އެނގޭތީ އެވެ.
ހުޅުލެއާ ކައިރި ވުމުން ބޯޓުތައް ޖެއްސުމަށް ރަންވޭ ރައްކާތެރިކަން އެނގުނެވެ. އަދި ބޯޓުތައް ޖެއްސުމަށް ހުޅުލޭގެ އެއާ ޓްރެފިކް ކޮންޓްރޯލުން ހުއްދަ ދިނެވެ.
ހުޅުލެއަށް ޖެއްސޭނެ ކަން އެނގުމުން ޕެރަޝޫޓުތައް ފޮރުވުމަށް ފަހު، ސިފައިންގެ ފައުޖު ބަރު ހަތިޔާރާ އެކު ބޯޓު ޖައްސާ އިރަށް ފައިބަން ތައްޔާރުވި އެވެ.
ދެވަނަ ބޯޓު ޖެއްސުމުގެ ބަދަލުގައި ޕެރަޝޫޓުގައި ސިފައިން ބާލަން ނިންމައިފި ނަމަ އެހީވުމަށް އަހަރެއް ހުށަހެޅީމެވެ. އަހަރެން މަސައްކަތް ކުރީ މާސްޓާ ވޮރަންޓް އޮފިސަރު ކަރަމް އާ އެކުގަ އެވެ.
ސިފައިންގެ ފައުޖުގެ ފަހަތުން އަހަރެމެން ވެސް ހުޅުލެއަށް ފޭބީމެވެ. ފައުޖު ބޯޓުން ފޭބުމާ އެކު ކުދި ކުދި ގުރޫޕްތަކަކަށް ބައިވުމަށް ފަހު ހަވާލުކުރެވިފައިވާ އަމާޒުތަކަށް ދިޔަ އެވެ. މިގޮތަށް ބައިވި އެއް ގުރޫޕް ދިޔައީ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަށެވެ. އަހަރެއް ދިޔައީ މިގުރޫޕާ އެކުގަ އެވެ.
ބޯޓު ޖެއްސިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭޓީސީ ހުރީ އަހަރެމެންގެ ކޮންޓްރޯލްގެ ދަށުގަ އެވެ. އޭގެ ފަހުން ބްރިގޭޑިއާ ބުލްސަރާ ރައީސް މައުމޫނަށް ގުޅުއްވާ، އިންޑިއާ ސިފައިން ހުޅުލޭގައި ތިބި ހަބަރު ދިނެވެ.
"ރައީސުލްޖުމްހޫރިއްޔާ. އަހަރެމެން މިތިބީ ހުޅުލޭގައި" (މިސްޓާ ޕްރެޒިޑެންޓް. ވީ އާ ހިއާ) ބްރިގޭޑިއާ ބުލްސަރާ ރައީސް މައުމޫން އަރިހުގައި ވިދާޅުވީ މިހެން ނެވެ.
އޭގެ އިރުކޮޅެއް ފަހުން ކުދި ބޯޓުތަކުގައި ސިފައިން މާލެއަށް ދިޔަ އެވެ. ދެން އައީ ހަމަ ހިމޭންކަމުގެ ވަގުތުކޮޅެކެވެ.
ގާތްގަނޑަކަށް އެރޭ ތިނެއް ޖަހާ އެހާ އިރު، ބަޑީގެ އަޑުފަށް ގަނޑު އިވިގެން ދިޔަ އެވެ. މިހަމަލާތައް ބަދަލުކުރެވުނީ މާލޭގައި ތިބި އިންޑިއާ ސިފައިންނާއި މާލެއިން ނައްޓާލި އާގު ބޯޓަކާ ދެމެދު އެވެ.
މެންދުރު އަތަށް އެޅި އިރު ކުލީ ސިފައިންތައް ފިލާ، މާލެ ކޮންޓްރޯލްގެ ދަށަށް ގެނެވުނެވެ. އާގުބޯޓުގައި ފިލި ކުލީ ސިފައިން ހޯދުމަށް ވައިގެ ސިފައިންނާއި ކަނޑުގެ ސިފައިން ގުޅިގެން އޮޕަރޭޝަނެއް ފެށުނެވެ.
އެދުވަހު ލޯންޗެއްގައި އަހަރެން މާލެ ދިޔައިމެވެ. އަދި ރާއްޖޭގެ ނެޝަނަލް ސެކިޔުރިޓީ ސާވިސަސްގެ ވެރިޔާ މޭޖާ މުހައްމަދު ޒާހިރާ ބައްދަލުކޮށްލެވުނެވެ. އަހަރެންގެ ފޮތުގައި ޒާހިރު އިންޑިއާގެ ސިފައިންގެ ފަރާތުން ލިބުނު އެހީއަށް ޝުކުރު އަދާކޮށް ނޯޓެއް ލިޔުނެވެ.
ކުލީ ސިފައިންތައް ހައްޔަރުކުރެވުމާ އެކު މިއޮޕަރޭޝަންގެ ބޮޑު ބައެއް ނިމިގެންދިޔައީ އެވެ. އޭއެން-32 މަރުކާގެ ބޯޓެއްގައި އެނބުރި އިންޑިއާއަށް ދިޔައިރު، ދުނިޔޭގެ އެންމެ ރީތިއެއް ޖަޒީރާ ގައުމުގެ ރީތި މަންޒަރުތައް އަހަންނަށް ފެނުނެވެ.
"އޮޕަރޭޝަން ކެކްޓަސް"ގެ ކާމިޔާބީއާ މެދު އެކި މީހުން އެކި ގޮތް ގޮތަށް ވާހަކަދައްކަ އެވެ. އެއީ ހިތްވަރުގަދަ އޮޕަރޭޝަނެއް ކަމަށް ބައެއް މީހުން ބުނާ އިރު، މީޑިއާގައި ބައެއް ފަރާތްތަކުން ބުނީ އެއީ "މޮޔަ" އޮޕަރޭޝަނެއް ކަމަށެވެ. އެއީ މައުލޫމާތު ރަނގަޅަށް ލިބިފައި ނެތީސް ރާއްޖޭގައި ބޮޑު އޮޕަރޭޝަނެއް ހިންގުމުން ނެވެ.
އެދުވަހު އެއްކޮށް އެއާޕޯޓުގައި އުޅުނު އިރު އަހަރެންގެ އަތުގައި ބަޑިއެއް ނެތް ކަން ހަނދާންވުމުން ބައެއް ފަހަރު އަދިވެސް ޖެހިލުންވެ އެވެ. ކުލީ ސިފައިން އާދައިގެ ހަތިޔާރުތަކަކާ އެކު ނަމަވެސް، ރަންވޭގެ ކައިރީގައި އެދުވަހު ތިބި ނަމަ އިންޑިއާ ސިފައިންނަށް ލިބޭނެ ގެއްލުން ވަރަށް ބޮޑު ވާނެ އެވެ. ނަމަވެސް ހަނގުރާމައެއްގައި އެއީ ނަގަން ޖެހޭ ރިސްކެ ކެވެ. އަހަރެމެން އެރިސްކު ނެގީ އެވެ. އަދި އޮޕަރޭޝަން ކާމިޔާބުކަމާ އެކު ނިންމާލީ އެވެ.
** މިއީ ތިނެއް ނޮވެމްބަރު 1988 ގައި ރާއްޖެ އައި އިންޑިއާގެ ވައިގެ ސިފައިންގެ ސްކޮޑްރޮން ލީޑަރު އޭ ކޭ ޗޯޅިއާ ލިޔުއްވާފައިވާ ލިޔުމެއްގެ ތަރުޖަމާ އެކެވެ.