އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވީހާ ވެސް ގިނަ އަންހެނުން ކުރިމަތިލުމަށް ޖެންޑާ އެންޑް ފެމެލީ މިނިސްޓަރު ޑރ. އާމާލު އަލީ ގޮވައިލައްވައިފި އެވެ.

ވެލާނާ ބިލްޑިންގްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ބުރާސްފަތި ދުވަހު އާމާލު ވިދާޅުވީ ސިޔާސީ ދާއިރާގެ ނިންމުންތައް ނިންމާ އިރު އަންހެނުންނަށް ބަސް ބުނެވެން ޖެހޭނެ ކަމަށެވެ.

"މިހާރު މިދަނީ އިންތިހާބުތައް ވެސް ވަރަށް އަވަސް އަވަހަށް ބޭއްވެމުން. ކައުންސިލް އިންތިހާބުތަކުގަ އާއި ދެން ވެސް އެހެން އިންތިހާބުތަކުގައި އަންހެނުން އަޑުއުފުލޭވަރުގެ [އިތުރު ކުރުމަށް] އަންހެނުން ނުކުންނަން އެބަޖެހޭ،" ޖެންޑާ މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. އާމާލު ވިދާޅުވި ވަކި ބަޔަކު ނިންމާ ސިޔާސަތުތަކެއް މުހިންމު ވަނީ އެ މަރުހަލާގައި އެބަޔަކު ތިބޭތީ ކަމަށާއި އެހެންކަމުން މުޖުތަމައުގެ ހަމަހަމަކަމަށާއި ތަރައްގީ އަށް ޓަކައި ސިޔާސީ އަދި އެހެނިހެން ދާއިރާތަކަށް އަންހެނުން ކުރިމަތިލާން ޖެހޭ ކަމަށެވެ.

"ސިޔާސަތު ކަނޑައެޅުމުގެ މަޝްވަރާކުރުމުގެ މަރުހަލާގައި ވެސް އަދި ގާނޫނު ހެދުމުގެ މަރުހަލާގައި ވެސް އަދި ހިދުމަތްތެރިންގެ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމުގައި ވެސް އެބަޖެހޭ އަންހެނުންގެ ހިއްސާ އޮންނަން." ޑރ. އާމާލު ވިދާޅުވި އެވެ.

އެއާ އެކު އަންހެނުން އެ މީހުންގެ އަމިއްލަ ފައިމައްޗަށް ތެދުވުމަށާއި ބާރުވެރިކުރުވުމަށް އިކޮނަމިކަލީ ބާރުވެރިކުރުވަން ޖެހޭ ކަމަށް ވެސް އާމާލު ވިދާޅުވި އެވެ.

"ހަމަ އެހެންމެ އެކޮނަމިކް އެމްޕްވާމެންޓް ވެސް އެބަޖެހޭ އަންހެނުންނަށް ހޯދައިދޭން،" ޑރ. އާމާލު ވިދާޅުވި އެވެ.