ރާއްޖެ އަށް ބޭރުގެ ފަތުރުވެރިން ނައުމަށް ގޮވާލުމުގެ ސަބަބުން ދިވެހިން އޮޕަރޭޓްކުރާ 70 ވަރަކަށް ޓްރެވަލް އޭޖެންސީ އަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ވަމުންދާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފި އެވެ.

ދިވެހިރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 25 ޕަސެންޓް ހިއްސާކުރާ އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓްރެވަލް އެޖެންސީ ހިންގުމުގެ ހަރަދު ބޮޑުވެފައިވާ ދުވަސްވަރެއްގައި ފަތުރުވެރިކަން ބޮއިކޮޓު ކުރުމަށް ބައެއް ސިޔާސީ ޕާޓީތަކުގެ އިސްމެންބަރުން ގޮވާލާތީ އެތައް އެޖެންސީއަކަށް މާލީ ބޮޑެތި ގެއްލުމާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

"ރާއްޖެ އަށް ބޭރުގެ ފަތުރުވެރިން ނައުމަށް ގޮވާލުމުގެ ސަބަބުން ދިވެހިން އޮޕަރޭޓްކުރާ އަދި ޖަމިއްޔާގެ މެމްބަރުންގެ ގޮތުގައި ތިބި 70 ވަރަކަށް ޓްރެވަލް އޭޖެންސީއަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ވަމުންދާކަން ހާމަކުރަން. އަދި އަލަށްހަދާ ބުކިންގް ރިއަލައިޒްކުރަން ކުރަން ޖެހޭ ހަރަދާއި މަސައްކަތް ވަރަށް ބޮޑުތަން އިތުރުވެފައިވޭ. އަދި އެކަށީގެންވާ ރޭޓެއްގައި ކޮޓަރިތައް ވިއްކުން ވެސް ވަނީ ގޮންޖެހުމަކަށް ވެފައި،" އެބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، ހާސްކަމެއްގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތް ހިންގަމުންދާ ނަމަ އެ ސިނާއަތުން ލިބެން ޖެހޭ ހަގީގީ ނަފާ ނުލިބޭނެ ކަމަށާއި ގައުމަށްވަންނަ ބޭރު ފައިސާ މަދުވެ ޑޮލަރު ލިބުން ދަތިވެ ފަތުރުވެރިކަމާއި ގުޅުންހުރި އެޖެންސީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބެން ޖެހޭ އާމްދަނީ މަދުވެ އިންވެސްޓަރުންގެ އިތުބާރުދަށްވެގެން ގޮސްދާނެ ކަމަށް ވެސް އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން ފަތުރުވެރިކަން ބޮއިކޯޓު ކުރުމަށް ގޮވާލާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށާއި އެފަދަ ގޮވާލުން ގޮވާލާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންދިއުމަށް ވެސް އެބަޔާނުގައި ވަނީ ގޮވާލާފަ އެވެ. އަދި އެކަމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ވެސް އެޖަމާއަތުން ކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ރާއްޖެ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ، އަދި ރާއްޖެ އަށް ވަންނަ ބޭރު ފައިސާގެ ބޮޑުބައެއް ހިއްސާކުރާ ޓޫރިޒަމް ވިޔަފާރި ބޮއިކޮޓް ކުރުމަށް އެމްޑީޕީން މީގެ ކުރިންވަނީ އެތައް ފަހަރެއްގެ މަތިން ގޮވާލާފަ އެވެ.

އެގޮތުން އޭޖެންސެ ފްރާންސް ޕްރެސް (އޭއެފްޕީ) އަށް ދެއްވި އިންޓަވިއުއެއްގައި އެ ޕާޓީގެ ސްޕޯކްސް ޕާސަން އިންޓަނޭޝަނަލް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބުދުލް ޣަފޫރު ވަނީ ރާއްޖޭގައި ޑިމޮކްރަސީ ހުއްޓުވުމަށް ބޭނުން ކުރަނީ ޓޫރިޒަމުން ލިބޭ އާމްދަނީ ކަމަށް ވިދާޅުވެފަ އެވެ.

"ރާއްޖޭގައި ޑިމޮކްރަސީ ހުއްޓުވުމަށް ހަރަދުކުރަނީ ޓޫރިޒަމުން ލިބޭ ފައިދާ. ރާއްޖެ އަށް ޓޫރިސްޓުން އައުން މަނާކުރުމަށް އެހެން ގައުމުތަކުގައި އަޅުގަނޑުމެން އެދެނީ އެހެންވެ،" އޭއެފްޕީ އަށް ދެއްވި އިންޓަވިއުގައި ހާމިދު ވިދާޅުވެފައިވެ އެވެ.

އެމްޑީޕީ އަށް ސަރުކާރުގެ ބާރުތައް ނޯންނަ ކޮންމެ ފަހަރަކު އެ ޕާޓީން ހަތިޔާރަކަށް ހަދަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އެވެ. އެ ގޮތުން މި ދިޔަ އަހަރުގެ ކުރީ ކޮޅު ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ އެކު އެ ފަހަރު ވެސް ގޮވަން ފެށީ ރާއްޖޭގެ އިގްތިސާދުގެ މައިބަދަ، ޓޫރިޒަމް ބޮއިކަޓް ކުރުމަށެވެ.

އެ ފަހަރު ޓޫރިޒަމަށް ދިން ގެއްލުމުން އަރައިގަނެވުނީ ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލުންނާއި އިންޑިސަޓްރީ ގުޅިގެން އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށް، އަދި އެތައް ކެމްޕޭނެއް ކޮށްގެނެވެ.